ފިނިޕޭޖް

ސޯނޫ ނިގަމްއަކީ ޝުކުރު ނުކުރާ މީހެއް: ދިވްޔާ

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް މިދިޔަ ހަފުތާގައި ފިލްމު އިންޑަސްޓްރީ އާއި މިއުޒިކް އިންޑަސްޓްރީގެ މީހުންނަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުކިޔާ މިއުޒިކް އިންޑަސްޓްރީގައި އުޅޭ މީހުންނަކީ "މާފިއާ ގޭންގެއް" ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ.

އަދި އިންޑިއާގެ އެންމެ ބޮޑު މިއުޒިކް ޕްރޮޑިއުސަރު ޓީ-ސީރީޒްގެ ޗެއާމަން ބޫޝަން ކުމާރަށް ވެސް ސޯނޫ އިންޒާރުދީ އޭނާގެ ނަމަށް ހުތުރުވާ ގޮތަށް ވެސް ސޯނޫ ވާހަކަ ދައްކާފައި ވެއެވެ.

ސޯޝަލް މީޑިއާގައި ސޯނޫ ޕޯސްޓްކުރި ވީޑީއޯއެއްގައި ބޫޝަން އާ އަމާޒުކޮށް މާފިއާ މީހެއް ކަމަށް ސޯނޫ ބުނެފައި ވެއެވެ. އަދި އޭނާއާ ދިމާ ކޮށްލައިގެން އެއްވެސް މީހަކަށް ނޫޅެވޭނެ ކަމަށް ބުނެ ބޫޝަން އަށް ސޯނޫ ވަނީ އިންޒާރު ވެސް ދީފަ އެވެ.

ސޯނޫގެ ވާހަކަތަކަށް ބޫޝަންގެ އަންހެނުން އަދި އެކްޓަ-ޑައިރެކްޓަރު ދިވްޔާ ކޯސްލާ ކުމާރު ވަނީ ވަރަށް ރަނގަޅަށް ޖަވާބު ދީފަ އެވެ.

އިންސްޓަގްރާމްގައި ދިވްޔާ ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވާ ގޮތުގައި މިހާރު އެންމެން ވެސް ސޯޝަލް މީޑިއާގައި ވަރަށް ރަނގަޅަށް ކެމްޕެއިންތައް ކޮށް ދޮގު ހަދައި އޮޅުވާލައި މަކަރުހަދަމުންދާ ކަމަށެވެ. އަދި ސޯނޫ އަކީ މީހުންގެ ސިކުނޑިއާ ކުޅެލެވޭ ކަހަލަ މީހެއް ކަން ދިވްޔާ ފާހަގަ ކުރި އެވެ.

ސޯނޫގެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ ބޫޝަން ކުމާރު އޭނާ ކައިރީގައި އަލްބަމަކަށް ލަވަ ކިޔައިދޭން އާދޭސް ކުރި ކަމަށެވެ. އަދި އިންޑިޔާގެ ސިޔާސީ ބައެއް މީހުންނަށް އޭނާ ތައާރަފްކޮށްދިނުމަށް ބޫޝަން އޭނާ ކިބައިން އެދުނު ކަމަށް ވެސް ސޯނޫ ބުންޏެވެ.

"އިންޑިއާގެ މިއުޒިކް އިންޑަސްޓްރީ އޮތީ ބޮޑު ދެ ކުންފުންޏެއްގެ ބާރުގެ ދަށުގައި،" ސޯނޫގެ ވީޑިއޯގައި އޭނާ ބުނެފައި ވެއެވެ.

ސޯނޫ ދެއްކި މި ވާހަކަތަކަށް ޖަވާބު ދެމުން ދިވްޔާ ބުނީ ސޯނޫ އަކީ ވަރަށް ޝުކުރުވެރިވާން ނުދަންނަ މީހެއް ކަމަށެވެ. ސޯނޫ އަށް މިއުޒިކް އިންޑަސްޓްރީން ފުރަތަމަ ބްރޭކް ދިނީ ވެސް ޓީ-ސީރީޒް އިން ކަމަށާއި މިހާރު އެހާ މަޝްހޫރު މީހަކަށް ވެވުނީމަ ބޫޝަން އާ އަޅައިގަނެގެން އުޅެނީ ކީއްވެތޯ ދިވްޔާ ސުވާލު ކުރި އެވެ.

ޓީ-ސީރީޒް އިން އުފެއްދި ފިލްމެއްގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "އައްޗާ ސިލާ ދިޔަ ތޫނޭ މެރެ ޕިޔާރް ކާ" މި ލަވައިގެ މި ބައި ހިމަނަން އެމީހުން ދިން ލޯބީގެ އަގު ސޯނޫ އަދާކުރީ ގޮތާ މެދު ދިވްޔާ ސުވާލު އުފައްދާފައި ވެއެވެ.
ސޯނޫގެ ވާހަކަތަކަށް އަދްނާން ސާމީ އާއި އަލީޝާ ޗިނާއީ ފަދަ ލަވަކިޔުންތެރިން އެއްބަސްވެފައި ވެއެވެ. ނަމަވެސް ލަވަކިޔުންތެރިޔާ އަރްމާން މަލިކު ބުނީ ސޯނޫ ދެއްކި ވާހަކައާ އޭނާ އެއްބަސް ނުވާ ކަމަށެވެ.