ނަޕޯލީ

ގަޓޫސޯއާއެކު ނަޕޯލީ ޓްރެކްގައި ކުރިއަށް

ކޮރޯނާ ވައިރަސްއަށް ފަހު އިޓަލީގެ ފުޓްބޯޅަ ފެށި ފަހުން ނަޕޯލީ ކުޅުނު ތިން މެޗުން އެ ޓީމުގެ ކޯޗް ޖެނާރޯ ގަޓޫސޯ ނަޕޯލީ ޓްރެކްގައި ދަމަހައްޓައިފި އެވެ.

ކޮވިޑް-19 އިގެ ފަހުން އެނބުރި އައިސް ލީގް މެޗްތަކުގެ ކުރިން ކުޅުނު ދެ މެޗުގައި، ގަޓޫސޯ ވަނީ ހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ނަޕޯލީއަށް އެ ޓީމުގެ ފުރަތަމަ ތަށި ކާމިޔާބު ކޮށްދީފަ އެވެ. ކޮޕާ އިޓާލިއާގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޔުވެންޓަސް ބަލިކޮށް ހޯދި އެ މުބާރާތަކީ ކޯޗެއްގެ ގޮތުގައި ގަޓޫސޯ ހޯދި ފުރަތަމަ ތައްޓެވެ.

ލީގްގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ހެލަސް ވެރޯނާ އަތުން ނަޕޯލީ މޮޅުވީ 2-0 ންނެވެ. ޑިސެމްބަރު މަހު ނަޕޯލީގެ ކޯޗް ކަމުން ކާލޯ އަންޗެލޯޓީ ވަކި ކުރުމަށް ފަހު ގަޓޫސޯ އާ ޓީމުގެ ކޯޗްކަން ހަވާލުވީ ޓީމު އުނދަގޫ ފައްތަރެއްގައި ވަނިކޮށެވެ. މެނޭޖުމެންޓާ މެދު ހިތްހަމަ ނުޖެހި ކުޅުންތެރިން ޓީމުގެ ޕްރެކްޓިސް ބޮއިކޮޓް ކޮށްފައިވާ ވަގުތެއްގަ އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ގަޓޫސޯ ޓީމުގެ ހާލަތު ބަދަލު ކުރި އެވެ.

"މި ސްކޮޑުން ވަނީ ކުރިއެރުން ހޯދާފައި، ޓީމު މިއޮތީ ރަނގަޅު ފޯމެއްގައި،" ރޭ ގެމެޗަށް ފަހު ގަޓޫސޯ ބުންޏެވެ. "މި ޓީމަކީ އިދިކޮޅު ޓީމު ހުއްޓުވަން އެނގޭ އަދި އިދިކޮޅު ޓީމު ކޮޅަށް ލަނޑު ޖަހަން ފަރިތަ ޓީމެއް، އަދި ޕާސިން ގޭމް ވެސް ވަރަށް ރަނގަޅަށް އެނގޭ ޓީމެއް."

ރޭގެ މެޗުގައި ނަޕޯލީގެ ފުރަތަމަ ލަނޑު އަރުކާޒިއުޒް މިލިކް ކާމިޔާބު ކުރީ މަޓޭއޯ ޕޮލިޓާނޯ ނެގި ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ވެރޯނާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުގެ ގޮތުން ނަޕޯލީގެ ގޯލަށް ބޯޅަ ވައްދާލި އެވެ. މާކޯ ޑާވިޑެ ފަރައޯނީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލި ބޯޅަ ވީއޭއާރުން ގަބޫލު ނުކުރީ އެ ހަމަލާ އުފެއްދިއިރު ވެރޯނާގެ ކުޅުންތެރިޔާގެ އަތުގައި ބޯޅަ ޖެހުމުންނެވެ.

ނަޕޯލީގެ ދެ ވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިރުވިން ލަޒާނޯ އެވެ.