އިޓާލިއަންގެ ލީގުގެ ފުލުގައި އޮތް ކްރެމޮނީސްއާ ވާދަކުރި މެޗުން ޕެނަލްޓީ ޖަހައިގެން ބަލިވެ އިޓާލިއަން ކަޕުން ވަރުގަދަ ނަޕޯލީ ކަޓައިފި އެވެ.
ގަދަ 16 ގެ ބުރުގައި ރޭ ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ. އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ނަޕޯލީ ބަލިވީ 4-5 އިންނެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ކްރެމޮނީސް އަށް ލީޑު ނެގީ ޗާލްސް ޕިކެލް އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޯލީ އިން ވަނީ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލާފަ އެވެ. ނަޕޯލީގެ ފުރަތަމަ ގޯލު 33 ވަނަ މިނެޓުގައި ޖެހީ ހުއާން ޖީސުސް އެވެ. އޭގެ ތިން މިނެޓު ފަހުން އެޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ޖިއޮވާނީ ސިމިއޯނީ އެވެ.
ކްރެމޮނީސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 86 ވަނަ މިނެޓުގައި ފެލިކްސް އަފޭނާ-ގަޔާން ޖެހި ގޯލުންނެވެ. އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް އިތުރު ގޯލެއް ނުޖެހުނެވެ.
އެކަމަކު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކްރެމޮނީސްގެ ލިއޮނާޑޯ ސާނިކޯލާ އަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ.
އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ކްރެމޮނީސް އިން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ނަޕޯލީ އަށް ވައްދާނުލެވުނީ ސްޓަނިސްލޯވް ލޮބޮޓްކާ ޖެހި ޕެނަލްޓީ އެވެ.
ނަޕޯލީ ކެޓިއިރު އިޓަލީ ލީގުގައި އެޓީމު އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑެއްގަ އެވެ. ކްރެމޮނީސް ފުލުގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ކްރެމޮނީސް އަކީ މިފަހަރުގެ ލީގުގައި އަދި މޮޅެއް ވެސް ލިބިފައިވާ ޓީމެއް ނޫނެވެ.
އިޓާލިއަން ކަޕްގައި ޔުވެންޓަސް މިރޭ ނުކުންނާނީ މޮންޒާއާ ދެކޮޅަށެވެ. މިރޭ ކުޅޭ އަނެއް ދެ މެޗުގައި ލާޒިއޯ އާއި ބޮލޯނިއާ ވާދަކުރާއިރު އެޓަލަންޓާ ނުކުންނާނީ ސްޕެޒިއާއާ ދެކޮޅަށެވެ.