އިޓާލިއަން ލީގުގެ އެއްވަނައިގައި އޮތް ނަޕޯލީގެ ދަނޑުގައި އެޓީމު 1-0 އިން ބަލިކޮށް ލާޒިއޯ ލީގުގެ ދެވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.
މެޗުން ބަލިވުމާއެކު އެއްވަނައިގެ ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ނަޕޯލީ އަށް ވަނީ ގެއްލިފަ އެވެ. އެކަމަކު އަދިވެސް އެއްވަނައިގައި އެޓީމަށް 17 ޕޮއިންޓުގެ ލީޑެއް އެބައޮތެވެ. ނަޕޯލީ އަށް 25 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު ލާޒިއޯ އަށް 25 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ.
ތިންވަނައިގައި އޮތް އިންޓަ މިލާން އާއި ހަތަރު ވަނައިގައި އޮތް އޭސީ މިލާނަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. އޭސީ މިލާން މިއަދު ފިއޮރެންޓީނާއާ ދެކޮޅަށް ނުކުންނައިރު އިންޓަ މިލާން ކުޅޭނީ ލެއްޗޭއާ އެވެ. މި މެޗުތަކުން މޮޅުވެގެން ލާޒިއޯގެ ކުރިއަށް މި ދެޓީމަށް ވެސް އެރޭނެ އެވެ.
ރޭގެ މެޗުގެ ހަމައެކަނި ގޯލު 67 ވަނަ މިނެޓުގައި ޖެހީ ލާޒިއޯގެ މެޓިއަސް ވެސީނޯ އެވެ. އޭރިޔާ ބޭރުން ވެސީނޯ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މިއީ މިދިޔަ ހަ މެޗުގައި ނަޕޯލީ ކޮޅަށް ވަން ފުރަތަމަ ގޯލެވެ.
ލާޒިއޯ އިން ލީޑު ނެގުމުން ނަޕޯލީ އިން ވަނީ މުޅި ޓީމު ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. އެކަމަކު އެޓީމަށް ލީގުގައި 19 ގޯލު ޖަހައިދިން ވިކްޓާ އޮސިމެން އަށް ރޭ ގޯލެއް ނުޖެހުނެވެ. ގޯލު ޖަހަން ލިބުނު އެންމެ ހުސް ފުރުސަތުގައި އޮސިމެން ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.
ލާޒިއޯ އިން ވަނީ މެޗުގެ ފަހުކޮޅު ކައުންޓަ އެޓޭކުގައި ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. އަދި، މި ހާފުގައި އެޓީމުގެ ސާޖީ މިލިންކޮވިޗް-ސަވިޗް ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ދަނޑި އަށް އަމާޒުވި އެވެ.
ރޭގެ މެޗަކީ ލީގުގައި ނަޕޯލީ ބަލިވި ދެވަނަ ފަހަރެވެ. އަދި މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން އަމިއްލަ ދަނޑުގައި ލީގު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.
ނަޕޯލީ އަށް އިޓާލިއަން ލީގު އެންމެ ފަހުން ލިބުނީ 1999 ވަނަ އަހަރު އެވެ. އޭރު އެޓީމު ލީޑު ކުރީ ޑިއޯގޯ މަރަޑޯނާ އެވެ.