ދުނިޔެ

އިންޑިއާ، ޕާކިސްތާނުގެ ހާރިޖީ ކޯޅުން އިތުރަށް ހޫނުވެއްޖެ

Jun 24, 2020

ނިއު ދިއްލީ (ޖޫން 24) - ޖާސޫސު ކުރާކަމަށާއި ޓެރަރިސްޓުންނާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް، އިންޑިއާގައި ހުންނަ ޕާކިސްތާނު އެމްބަސީގައި މަސައްކަތް ކުރާ އިތުރު މުވައްޒަފުންތަކެއް އަނބުރާ ފޮނުވާލައިފި އެވެ.

އެގޮތުން، ޕާކިސްތާނު އެމްބަސީގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 50 ޕަސަންޓު މަދުކުރަން އަންގާފައިވާއިރު، ޕާކިސްތާނުގައި ހުންނަ އިންޑިއާ އެމްބަސީގައި މަސައްކަތްކުރާ މުވައްޒަފުންވެސް އެ އަދަދުން މަދުކުރަން ނިންމާފައިވާކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ނަމަވެސް، އިންޑިއާ އެމްބަސީގައި މަސައްކަތްކުރާ މުވައްޒަފުން މަދުކުރަނީ އަމިއްލައަށް ނޫން ކަމަށާއި، ޕާކިސްތާނުން އަންގައިގެންކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޖާސޫސު ކުރާކަމަށް ތުހުމަތުކޮށް މީގެ ތިން ހަފްތާ ކުރިންވެސް އިންޑިއާގައި ހުންނަ ޕާކިސްތާނު އެމްބަސީގައި މަސައްކަތް ކުރާ ދެ ސްޓާފަކު ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

މައްސަލަ އިތުރަށް ހޫނުވެފައިވަނީ، އިސްލާމްއާބާދުގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ދެ މުވައްޒަފަކު ހައްޔަރުކޮށް، އެމީހުނަށް އަނިޔާކުރިކަމަށް ތުހުމަތުކުރުމާ ގުޅިގެނެވެ.

ނަމަވެސް، އެކަން ޕާކިސްތާނުން ވަނީ ދޮގުކޮށްފަ އެވެ. ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ އެ ދެ މުވައްޒަފުން ހައްޔަރުކޮށްފައިވަނީ، އެކްސިޑެންޓެއް ހިނގުމުން އެތަނުން ފިލި މައްސަލައެއްގައި ކަމަށާއި، އެ މީހުނާމެދު ބައިނަލްއަގުވާމީ ހާރިޖީ ގުޅުންތަކުގެ މުއާހަދާއާ ހިލާފަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ.

އަދި އުސޫލުތަކާ އެއްގޮތަށް އެ ދެ މީހުން ދޫކޮށްލައި، އިންޑިއާ އާ ހަވާލުކޮށްފައިވާ ކަމަށްވެސް ޕާކިސްތާނުން ވަނީ ބުނެފަ އެވެ.

މީގެ ކުރިންވެސް ޖާސޫސު ކުރާ ކަމަށް ތުހުމަތުކޮށް އެމްބަސީގެ އޮފިޝަލުން ދެ ގައުމުން ވެސް އަނބުރާ ފޮނުވާލާފައިވެ އެވެ.