ކުޅިވަރު

ޖޮކޮވިޗްވެސް އެންމެ ފަހުން ޕޮޒިޓިވް ވެއްޖެ

ފިޒިކަލް ޑިސެްޓެންސް އަދި ޕްރަޓަކޯލް ގެއްލޭ ގޮތަށް ޓެނިސް މުބާރާތެއް ބޭއްވި ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ނޮވާކް ޖޮކިވިޗްވެސް އެންމެ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކްރޮއޭޝިއާގެ ޒަޑާރުގައި ކުރިއަށް ދިޔަ އަޑްރިއާ ޓްއާ މުބާރާތް ސެމީ ފައިނަލު މެޗުތަކަށް ފަހު ކެންސަލް ކުރީ އެ މުބާރާތުގެ ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ދުނިޔޭގެ ރޭންކިންގެ 19 ވަނަ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އާއި ދުނީޔެގެ 33 ވަނަ ކްރޮއޭޝިއާގެ ބޯނާ ކޮރިކް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. އަދި ޖޮކޮވިޗްގެ ފިޓްނަސް ކޯޗް މާކޯ ޕަނީޗީ ވެސް ޕޮޒިޓިވް ވި އެވެ.

މުބާރާތް ކެންސަލް ކުރުމަށް ފަހު، ހޯމަ ދުވަހު ޖޮކޮވިޗްވެސް ވަނީ ވައިރަހަށް ޓެސްޓް ކޮށްފަ އެވެ. އޭނާގެ ރިޕޯޓް ލިބުނީ އިއްޔަ އެވެ. އެ މުބާރާތުގެ މެޗުތައް ބަލަން ވަން ސަޕޯޓަރުން ވެސް ތިބީ މާސްކު ނަޅަ އެވެ. ފުރަތަމަ މެޗު ބަލަން އެކަނިވެސް 4000 މީހުން ވަނެވެ.

ބަލަކަން ސަރަހައްދުގެ އިޖުތިމާއީ ހަރަކާތްތަކަށް އެހީވާން، ކުޅުނު ޗެރިޓީ މުބާރާތް ކުރިއަށް ގެންދިއުމުގެ ހުއްދަ ކޮރޮއޭޝިއާގެ ސަރުކާރުން ދިނީ، ޕްރަޓަކޯލް ދަމަހައްޓަން ޝަރުތު ކޮށްފަ އެވެ. އެހެންނަމަވެސް އެ ޕްރަޓޮކޯލް ވަނީ މުގުރާލަފަ އެވެ. ކުޅުންތެރިން ގާތްގާތުގައި ތިބެގެން ފޮޓޯ ނެގުމާއި ސަޕޯތަރުން ކުޅުންތެރިންނާއެކު އުފާފާލު ކުރުންތައްވެސް ކައިރިކައިރީގައި ތިބެގެން ކުރިއަށް ގެންގޮސްފައި ވެއެވެ.

ގުރޭންޑް ސްލޭމްގެ ޗެމްޕިއަންކަން 17 ފަހަރު ހޯދި ސާބިއާގެ ޖޮކޮވިޗް ބުނީ، ވައިރަހައް ޕޮޒިޓިވް އެންމެންނާ މެދު އޭނާ ހިތާމަ ކުރާ ކަމަށެވެ. އަދި ހުރިހާ އެންމެންގެ ކިބައިން މާފަށް އެދޭ ކަމަށް އޭނާ ބުންޏެވެ. ދުނިޔޭގެ ޓެނިހުގެ ހުރިހާ މުބާރާތެއް ފަސް ކޮށްފައި ވަނިކޮށް އޭޓީޕީ ޕްލޭއާސް ކައުންސިލްގެ ރައީސް ޖޮކޮވިޗް ޗެރިޓީ މުބާރާތެއް އިންތިޒާމު ކުރުމުން އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒު ވެފަ އެވެ.