ސުޝާންތު ސިންގް

ސުޝާންތަށް ސަންޖޭ ލީލާ ބާންސާލީ ހަތަރު ފިލްމެއް ހުށަހެޅި

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ފުންނާބު އުސް ފަރާތްތަކަށް ތުހުމަތުގެ އިނގިލި ދަނީ ދިއްކުރެވެމުންނެވެ. ސުޝާންތުގެ ފޭނުން ބުނަނީ އޭނާ އެ ކަހަލަ ކަމެއް ކުރީ އިންޑަސްޓްރީގެ މީހުން އޭނާއާ ދޭތެރޭ ކަންތައް ކުރި ގޮތުން މާ ބޮޑަށް ޑިޕްރެޝަނަށް ގޮސްގެން ކަމަށެވެ.

ނަމަވެސް ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ސުޝާންތު އާ ދޭތެރޭ ފިލްމު އިންޑަސްޓްރީގެ ގިނަ މީހުން ކަންތައް ކޮށްފައި ވަނީ އެހާ ގޯސްކޮށެއް ނޫނެވެ. އޭނާގެ އަތުގައި ބޮލީވުޑްގެ އެންމެ ވަރުގަދަ ޕްރޮޑަކްޝަން ހައުސް ޔާޝްރާޖް ފިލްމްސްގެ ތިން ފިލްމުގެ ކޮންޓްރެކްޓެއް އޮތެވެ. އަނެއްކޮޅުން ސަންޖޭ ލީލާ ބާންސާލީ ވެސް ހަތަރު ފިލްމެއް ސުޝާންތަށް ހުށަހެޅި ކަމަށް ވެއެވެ. އަދި ސުޝާންތުގެ މަރުގެ ސަބަބުން ބޮލީވުޑް ފިލްމު އުފައްދާ އެތައް ބަޔަކު ވެސް ވަނީ ވަރަށް ހިތާމަވެރި ހާލަތެއްގަ އެވެ.

ބާންސާލީ އަށް އަބަދުވެސް ސުޝާންތުގެ އެކްޓިން ހުނަރު ވަރަށް ކަމުދެ އެވެ. އަދި ޚުދް ސުޝާންތު ވެސް ބާންސާލީ އަށް ވަރަށް އިހްތިރާމް ކުރެ އެވެ. އެގޮތުން ދެ މީހުންގެ މެދުގައި ވަރަށް ރަނގަޅު ގުޅުމެއް އޮތެވެ. ހަތަރު ފަހަރެއްގެ މަތިން ހަތަރު ފިލްމެއް ބާންސާލީ ސުޝާންތަށް ހުށަހަޅާފައި ވަނީ ހަމަ ގައިމުވެސް ސުޝާންތުގެ ގާބިލްކަން ބާންސާލީ ގަބޫލުކުރާތީ އެވެ.

ނަމަވެސް މީގެން އެއްވެސް ފިލްމެއް ސުޝާންތަށް ކުޅެވޭގޮތް ނުވީ ބާންސާލީ ބޭނުންވާ ދުވަސްތައް ދެވޭ ގޮތް ނުވެގެންނެވެ. ބާންސާލީގެ ފިލްމެއް ކުޅޭނަމަ އެ އެކްޓަރަކު އަހަރެއްހާ ދުވަހު ހަމައެކަނި އޭނާއަށް ހުސްވާން ޖެހޭނެ އެވެ. ބޮލީވުޑް ގިނަ ތަރިންނަކީ އަބަދުވެސް ދެ ތިން ހަތަރު ފިލްމެއް ކުޅެން ސޮއިކޮށް އެފިލްމުތަކަށް ތާރީޚުތައް ބަހާލައިގެން ތިބޭ ބައެކެވެ. ސުޝާންތަށް ވެސް ބާންސާލީގެ ފިލްމެއް ކުޅެވޭގޮތް ނުވީ މި ސަބަބާ ހެދި އެވެ.

ސުޝާންތު އާއި ބާންސާލީގެ ގުޅުން އެންމެ ބޮޑަށް ބަދަހިވީ ބާންސާލީގެ "ޕަދްމާވަތު" އުފެއްދި ދުވަސްވަރު އެ ފިލްމުގެ ސެޓަށާއި ބާންސާލީއަށް ގެއްލުން ދީ ހެދިއިރު އެންމެ ބޮޑަށް އެކަމާ ރުޅިގަދަވެ އަޑު އުފުލައި ބާންސާލީ އަށް ތާއީދުކޮށް ހެދި އެއް އެކްޓަރަކީ ސުޝާންތަށް ވުމެވެ. ސުޝާންތުގެ ނަމުގެ ފަހަތުގައިވާ ރާޖްޕޫތު ވެސް އޭނާ އެ ދުވަސްވަރު ކަނޑާލައިގެން އުޅުނެވެ. އެ ވެސް ބާންސާލީ އަށް އޭނާ ކުރާ ތާއީދު ހާމަކުރުމުގެ ގޮތުންނެވެ.

އަނެއްކޮޅުން ސުޝާންތުގެ މަރުގައި ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ސުޝާންތަށް ފުރަތަމަ ޓީވީ ސިލްސިލާއެއްގެ ލީޑް ރޯލު ދިނީ ވެސް އެކްޓާ އެވެ. އެއީ ޒީ-ޓީވީގެ "ޕަވިތުރަ ރިޝްތާ" އިންނެވެ. ސުޝާންތު ލީޑް ރޯލަށް ނަގަން އެ ސިލްސިލާގެ ޑައިރެކްޓަރު ހިތްހަމަނުޖެހިގެން އުޅުނުއިރުވެސް އެކްތާ ސާބިތުކަމާއެކު ސުޝާންތު ލައްވާ އެ ރޯލު ކުޅުވަން ޑައިރެކްޓަރަށް ބާރު އެޅި ކަމަށް ވެއެވެ.

ވީމާ ސުޝާންތުގެ ޑިޕްރެޝަން މައްސަލަ ތަކަކީ ހަމައެކަނި ފިލްމު އިންޑަސްޓްރީގެ ބޮލުގައި އެޅުވޭނެ ކަމެއް ނޫންކަން މިހާރު ގިނަ ބަޔަކު ވަނީ ގަބޫލުކުރަން ފަށާފަ އެވެ.