ހަތް އަހަރު ތެރޭ މެންޗެސްޓާ ޔުނައިޓެޑްގައި ހެދި ފުރަތަމަ ހެޓްރިކް އެންތަނީ މާޝިއަލް ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑުން ގަދަ ހަތަރަކަށް ވަނުމުގެ ރޭހުގައި އުންމީދު އާ ކޮށްފި އެވެ.
ޝެފީލްޑްގެ މައްޗަށް 3-0 ން މޮޅުވި މެޗުގައި މާޝިއަލް ހެދި ހެޓްރިކުގެ ކުރިން ޔުނައިޓެޑްގައި ހެޓްރިކެއް ހަދާފައި ވަނީ އޭޕްރީލް 2013 ގައި ރޮބީން ވެންޕާސީ އެވެ. އެއީ ޔުނައިޓެޑްގެ ލެޖެންޑެރީ ކޯޗް އެލެކްސް ފާގަސަންގެ އެންމެ ފަހު ސީޒަނެވެ. އެ އަހަރުގެ ލީގް ޗެމްޕިއަންކަން ހޯދި ފަހުން ޔުނައިޓެޑަށް ލީގް ހޯދިފައެއް ނުވެ އެވެ.
މާޝިއަލް ހެދި ހެޓްރިކަކީ އޭނާގެ ކެރިއަރުގައި ވެސް ފުރަތަމަ ހެޓްރިކެވެ. މެޗުން މޮޅުވެ ޔުނައިޓެޑް ވަނީ މެޗަކުން ބަލި ނުވެ ދަމަހައްޓަމުން އަންނަ ޓްރެކް 13 މެޗަށް ދަމަހައްޓާފަ އެވެ. އަދި މިހާރު އެ ޓީމު އޮތީ ހަތަރު ވަނައިގައި އޮތް ޗެލްސީ އާ ދެ ޕޮއިންޓާ ކައިރީގަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް އޮލޭ ގަނާ ސޮލްސަޔާ ބުނީ މާޝިއަލްގެ ހެޓްރިކާ މެދު އުފާވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ހެޓްރިކް ހެދިއިރު ދަނޑުގައި ސަޕޯޓަރުންނާއެކު އުފާ ފާޅު ކުރުމުގެ ފުރުސަތު ނެތުމުން ދެރަވި ކަމަށެވެ.