ލައިފްސްޓައިލް

އުމުރުގައި 10 އަހަރުގެ ފަރަގެއް ހުރި އެއްމާބަނޑު ދެބެން!

ޗައިނާގެ 41 އަހަރުގެ އަންހެނަކު ދާދި ފަހުން ވިހާފައިވަނީ މީގެ 10 އަހަރު ކުރިން އޭނާ ލެބޯޓްރީގައި ރައްކާ ކޮށްފައިވާ އެމްބްރިޔޯ އެއް އައިވީއެފް ހަދައިގެނެވެ. މި އެއްމާބަނޑު ފިރިހެންކުއްޖާ ވިހާފައި ވަނީ ދޮށީ ކުއްޖާ އައިވީއެފް ހަދައިގެން ވިހޭތާ 10 އަހަރު ފަހުންނެވެ.

އިނގިރޭސި ވިލާތުގެ ނޫހެއްގައިވާ މި ރިޕޯޓުގައިވާ ގޮތުން ވަންގް ނަމަކަށް ކިޔާ މި އަންހެންމީހާ ދަރިއަކު ނުލިބިގެން ފާޓިލިޓީ ސްޕެޝަލިސްޓެއްގެ އެހީތެރިކަން ހޯދީ 2009 ގައެވެ. އެއީ ދަރިއަކު ހޯދަން ފަސް އަހަރު ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވެ ކުއްޖަކު ނުލިބިގެންނެވެ.

އޭނާއަށް ފަރުވާދިން ޑޮކްޓަރުން ބުނެފައިވަނީ އެ ފަހަރު ހަމަ އެއް ސްޕާމާއި އެގް ބޭނުން ކޮށްގެން އެ މީހުން ލެބޯޓްރީގައި އެމްބްރިއޯތަކެއް ފައްކާކޮށް ރައްކާ ކުރި އެވެ. އެ ފަހަރު އައިވީއެފް ހަދައިގެން އަންހެންމީހާގެ އިމްޕްލާންޓްކުރީ އެންމެ އެމްބްރިޔޯ އެކެވެ. ބާކީ ހުރިބައި ގަނޑުކޮށްފައި ލެބޯޓްރީގައި ރައްކާކުރީ އެވެ.

އެ ފަހަރުގެ އެމްބްރިޔޯއިން ވަންގް އަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އޭނާ އެ ކުއްޖާއަށް ކީ ލޫ ލޫ އެވެ.
މި ކުއްޖާ ލިބިގެން ފާއިތުވީ 10 އަހަރު ވެސް އިތުރު ކުއްޖަކު ލިބޭ ގޮތް ނުވުމުން އަލުން އައިވީއެފް ހަދައިގެން ކުއްޖެއް ހޯދަން ވަންގް ބޭނުންވީ އެވެ. އެގޮތުން މި މަހުގެ 16 ވަނަ ދުވަހު ވަންގް ވަނީ ދެ ވަނަ ދަރިފުޅު ވިހާފަ އެވެ.
ޑޮކްޓަރުން މި ކުއްޖާއަށް ވަނަމަކަށް ދީފައިވަނީ "ޓޮންގް ޓޮންގް" އެވެ.

ވެންގް ފަރުވާ ހޯދި ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ ޑޮކްޓަރު ޒެންގް ޖީ ބުނި ގޮތުގައި ޑޮކްޓަރީ ނަޒަރިއްޔާތުން ބަލާއިރު ލޫ ލޫ އާއި ޓޮންގް ޓޮންގް އަކީ އެއްމާބަނޑު ދެބެންނެވެ.

މި ދެ ބެންނާ ބެހޭ އިތުރު ތަފްސީލު ޑރ. ޒެންގް ނުދެއްވަ އެވެ. ވިދާޅުވީ ދެބެން ވެސް އުފަންވީއިރު ހުރި ބަރުދަން ވެސް އެއްވަރު ކަމަށެވެ. އެއީ 3.48 ކިލޯގްރާމެވެ.