ބޮލީވުޑް

"ޝަކުންތަލާދޭވީ" އެމެޒޯންގައި ނެރޭތީ ސާންޔާ އުފަލުން

ސާންޔާ މަލްހޯތުރާ އަކީ ވަރަށް ޒުވާން ބަތަލާއެއް ނަމަވެސް އޭނާ ކުޅޭ ކޮންމެ ރޯލަކަށް އިންސާފު ކުރާލެއް މޮޅުކަމުން އޭނާގެ ހުނަރު ސާބިތު ކޮށްދީފައި ވެއެވެ. މިހާރުވެސް ސާންޔާގެ ދެ ފިލްމެއް އޮންލައިންގައި ސްޓްރީމް ކުރަމުން އެބަދެ އެވެ. "ޕަޓާކާ" އާއި "ފޮޓޯގްރާފް" އެވެ. މި ދެ ފލްމު ވެސް އެމެޒޯން ޕްރައިމްގައި ރިލީޒްކޮށްފައި ވަނީ ތިއޭޓަރުގައި ދެއްކުމަށް ފަހުގަ އެވެ. ނަމަވެސް އޭނާ އެންމެ ފަހުން ކުޅުނު "ޝަކުންތަލާ ދޭވީ" ސިނަމާގައި ނާޅުވައި ސީދާ ޑީޖިޓަލް ރިލީޒްއަކަށް ދާން ވަނީ ނިންމާފަ އެވެ.

ސާންޔާ ބުނީ އެމެޒޯން ޕްރައިމްގައި "ޝަކުންތަލާ ދޭވީ" ރިލީޒްކުރާތީ އޭނާ އިންތިހާއަށް އުފާވެ އެވެ. އެމެޒޯން ޕްރައިމް އާއި އޭނާގެ ޚާއްސަ ގުޅުމެއް އޮންނަހެން އިހްސާސް ކުރެވޭ ކަމަށް ވެސް ސާންޔާ ބުންޏެވެ. ސަބަބަކީ "ޕަޓާކާ" އާއި "ފޮޓޮގްރާފް" ވެސް އެމެޒޯން ޕްރައިމް އިން ރިލީޒް ކުރުމާއި އެ ދެ ފިލްމަށް ވެސް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބިފައި ވުމެވެ.

އަދި "ޝަކުންތަލާ ދޭވީ" އަށް ބެލުންތެރިން ދޭނެ ތަރުހީބެއް ބަލާލަން ކެތްމަދުވެފައިވާ ކަމަށް ސަންޔާ ބުންޏެވެ. އަދި ގިނަ ބަޔަކު ވަރަށް ހާސްކަމުގައި އުޅޭ މި ދުވަސްވަރު މީހުން ބަލާލާ ހިތްހަމަޖައްސާލަން ރަނގަޅު ފިލްމެއް ރިލީޒް ކުރެވޭތީ ހިތްހަމަޖެހޭ ކަމަށް ވެސް ސާންޔާ ބުންޏެވެ.

"ޝަކުންތަލާ ދޭވީ"ގައި ޝަކުންތަލާގެ ރޯލު ކުޅެނީ ވިދްޔާ ބާލަން އެވެ. ސާންޔާ ކުޅެނީ ވިދްޔާގެ ކެރެކްޓާގެ ދަރިފުޅެއްގެ ރޯލެވެ.

މި ފިލްމުގެ އިތުރުން ސާންޔާ ކުޅެމުންދާ ދެ ފިލްމެއް އެބައޮތެވެ. އެތަނުން އެއް ފިލްމަކީ "ލޫޑޯ" އެވެ. އަނެއް ފިލްމަކީ ކޮމެޑީ ޑްރާމާއެއް ކަމަށްވާ "ޕަގްލައިޓް" އެވެ.