ވިޔަފާރި

އެޗްޑީސީ މާލީ ހާލަތު ކުރިން އޮތް ހާލަތަށް އަންނާނީ 2022 ގައި

Jun 26, 2020
1

މާލީ ހާލަތު ދަށްވެފައިވާ ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމައެކަށް އެޅި، ކުރިން އޮތް ހާލަތަށް އަންނާނީ 2022 ވަނަ އަހަރު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޗްޑީސީސީ އޮފީހުގައި މިދިޔަ ހަފުތާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަހުމަދު ޝާމް ވިދާޅުވި ގޮތުގައި ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.

އެކި ފަރާތްތަކުން ލިބެން ޖެހޭ ފައިސާ ހޯދުމާއި ހަރަދު ކުޑަ ކުރަންވެސް ފިޔަވަޅު ވާނީ އަޅާފަ. އެހެންވެ ކުންފުނީގެ މާލީ ހާލަތު ދަނީ ރަނގަޅު ވަމުން،" ޝާމް ވިދާޅުވި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވި ގޮތުގައި މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު 2022 ވަނަ އަހަރު ކުންފުނި ކުރިން އޮތް ހާލަތަށް އަންނާނެ ކަމަށެވެ.

އެޗްޑީސީއަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުނި އުފައްދާފައިވަނީ 2001 ވަނަ އަހަރު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައި ގޯތި ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް، ރައީސް މައުމޫން އަބްދުލް ގައްޔޫމް އެވެ.

އެ ކުންފުނީގެ މާލީ ހާލަތު ދަށް ވެގެން ގޮސްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅު، އެ ކުންފުނީގެ ހިންގުމަށް ބަދަލު ގެނެސް ކުންފުނީގެ ވަސީލްތައް ބޭނުން ކުރުމުންނެވެ. ވެރިކަމުގެ ފަހު ކޮޅު ކެމްޕޭންގެ ތެރޭގައި އެ ކުންފުންޏަށް ނުކަތާ ވަރަށް މުވައްޒަފުން ވައްދާފައިވެ އެވެ. ވެރިކަން ބަދަލުވީއިރު އެ ކުންފުނީގައި 955 މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ އެވެ. އަދި ހުޅުމާލޭގައި ހިންގި ބޯހިޔާވަހި ކަމުގެ އެކި މަޝްރޫއުތަކަށް ސަރުކާރުގެ ގެރެންޓީއާއެކު އެ ކުންފުނިން ބޮޑެތި ލޯނު ތަކެއް ނެގުމުންނެވެ. އެ ކުންފުނީގެ މިހާރުގެ ދަރަނި 14 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި މިދިޔަ އަހަރުގެ ޖުލައި މަހު އެ ކުންފުނިން ބުނެފައިވެ އެވެ. އެ ކުންފުންޏަށް ހުޅުމާލޭގެ ސިނާއީ ސަރަހައްދުން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ފަސް ބިމެއްގެ ކުލީގެ ގޮތުގައި 39 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭ ކަމަށްވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވެ އެވެ.