ހަބަރު

އައިއެފްސީން ޖޭކޭއެޗް އަށް 175 މިލިއަން ޑޮލަރުގެ ލޯނެއް

Jun 26, 2020

ރާއްޖޭގައި ރިސޯޓް ހިންގާ، ސްރީލަންކާގެ ޖޯން ކީލްސް ގްރޫޕަށް، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.

ވޯލްޑް ބޭންކްގެ ދަށުން ހިންގާ، އައިއެފްސީ އިން ބުނީ ޖޯން ކީލްސް ހޯލްޑިންގްސް (ޖޭކޭއެޗް) އަށް 175 މިލިއަން ޑޮލަރުގެ ލޯނު ދީފައިވަނީ އެ ކުންފުނިން ރާއްޖޭގައި ހިންގާ ވިޔަފާރި ފުޅާ ކުރުމާއި ސްރީލަންކާގައި ހިންގާ ވިޔަފާރި ތަރައްގީ ކުރުމަށެވެ.

ޖޭކޭއެޗް ގްރޫޕުގެ ޗެއާމަން އަދި ސީއީއޯ ކްރިޝަން ބްލަންދަރާ ވިދާޅުވި ގޮތުގައި އެއިއެފްސީ ފަދަ ފައިނޭޝަން އިންސްޓިޓިއުޓްއަކުން އެ ކުންފުންޏަށް މިފަދަ މާލީ އެހީއެއް ދިނުމުން އެނގެނީ އެ ކުންފުނީގެ ގާބިލް ކަމެވެ.

ޖޯން ކީލްސް ގްރޫޕަށް އައިއެފްސީ އިން ދީފައިވާ މި ލޯނު ހާއްސަކޮށްފައިވަނީ އެ ކުންފުނިން ސްރީލަންކާގައި ހިންގާ ސުޕަ މާކެޓް ވިޔަފާރި ފުޅާ ކުރުމާއި ރާއްޖޭގައި ހިންގާ ޓޫރިޒަމް ވިޔަފާރި އަށެވެ.

ޖޯން ކީލްސް ގްރޫޕުން ސްރީލަންކާގައި 100 ސުޕަ މާކެޓް ހިންގަ އެވެ. އެ ކުންފުނިން ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަމުން ދެ އެވެ. އެ ކުންފުނިން އެންމެ ފަހުން ރިސޯޓެއް ހުޅުވާފައިވަނީ ވ. އާރަށުގަ އެވެ.