ދުނިޔެ

ހޮނު އަޅައި އިންޑިއާގައި 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

Jun 26, 2020

ނިއު ދިއްލީ (ޖޫން 26) - އިންޑިއާގެ އުތުރަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ތެރެއިން، ފާއިތުވި ދުވަސްތަކުގައި ހޮނު އެޅުމުގެ ސަބަބުން، ދެ ސްޓޭޓަކުން 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އިންޑިއާގެ ޑިޒާސްޓާ ސެންޓަރުން ބުނި ގޮތުގައި، ބިހާރު ސްޓޭޓުގައި ހޮނު އަޅައިގެން މިހާތަނަށް 83 މީހުން މަރުވެފައިވާއިރު، ޒަހަމްވި އިތުރު 20 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އަދި އަވަށްޓެރި އުއްތަރު ޕްރަދޭޝްގައި ހޮނު އަޅައި، 20 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އެ ސްޓޭޓުގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

ހުޅަނގު މޫސުމުގައި ކުރަމުންދާ ވިއްސާރާގައި، އެ ސަރަހައްދުގެ ގަސްތައް ވެއްޓި، މުދަލާށާއި ގެތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ރައްޔިތުން ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ހާދިސާގައި ގެއްލުން ލިބުނު މީހުނަށް އެހީތެރިވުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ ރަސްމީ ތަފާސް ހިސާބުތައް ބުނާ ގޮތުން، 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު، ހޮނު އަޅައިގެން އިންޑިއާގައި 2،000 އަށް ވުރެ ގިނަ މީހުން މަރުވެ އެވެ.

މީގެ ދެ އަހަރު ކުރިން، 2018 ވަނަ އަހަރު، އިންޑިއާގެ ދެކުނުގެ ސްޓޭޓެއްކަމަށްވާ އަންދުރަ ޕްރަދޭޝްގައި އެންމެ 13 ގަޑިއިރުގެ ތެރޭގައި 36،749 ހޮނު އެޅިކަމަށް ރިޕޯޓުކޮށްފައިވެ އެވެ.