ޑރ. މުހައްމަދު ޖަމީލް އަހުމަދު

ޖަމީލަކީ ކިންގް މޭކަރެއް: ޝަރީފް

ރޭ ޕީޕީއެމްއާއި ގުޅިވަޑައިގެންނެވި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ ކިންގް މޭކަރެއް ކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު، ޖަމީލަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.

ޖަމީލަކީ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސެވެ. ނަމަވެސް ސަރުކާރު އެކުލަވާލައި އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ބޭފުޅުންގެ ގުޅުން ގޯސްވެ ނައިބު ރައީސް ކަމުން ޖަމީލު ވަކި ކުރީ އެވެ. އޭގެ ފަހުން ޖަމީލް އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގައި ހުންނަވައި މަސައްކަތް ކުރެއްވީ އިދިކޮޅު ފަރާތްތަކާއެކުގަ އެވެ.

ފަހުން ރާއްޖެ ވަޑައިގެން ޖުމްހޫރީ ޕާޓީއާއެކު މި ސަރުކާރަށް އެހީތެރިވެ ދެއްވާ ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓެވުމަށް ފަހު ކުއްލި ގޮތަކަށް އަނެއްކާ ވެސް ރައިީސް ޔާމީނާ ގުޅުން ބަދަހި ކުރައްވާ ކައުންސިލް އިންތިހާބުގެ ކެންޕޭންތެރޭ ރައީސް ޔާމީނާއެކު އަތޮޅުތަކުގެ ތެރެއަށް ޖަމީލް ދަތުރު ކުރެއްވި އެވެ.

މި ސަރުކާރުގައި ރައީސް ޔާމީނާ ދެކޮޅަށް ހިންގި ޝަރީއަތުގައި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ އިސް ވަކީލަކަށް ހުންނެވީ ވެސް އަދި މިހާރު ވެސް ރައީސް ޔާމީންގެ ލީގަލް ޓީމްގެ އިސްވެރިޔަކީ ޖަމީލެވެ.

ޖަމީލް ގުޅިވަޑައިގަތުމާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ 2013 ގައި ޕީޕީއެމް ވެރިކަމަށް އައިއިރު ޖަމީލް ހުންނެވީ ޕީޕީއެމްގައި ކަމަށާ އެއީ ރައީސް ޔާމީންގެ ރަނިންމޭޓް ކަމަށެވެ. އަދި 2018 ގައި އެމްޑީޕީ ލީޑްކުރާ ކޯލިޝަން ވެރިކަމަށް އައިރު އެ ކޯލިޝަންގައި އެމްޔޫއޯގެ ރައީސެއްގެ ގޮތުގައި ހުންނެވީ ވެސް ޖަމީލް ކަމަށެވެ.

"އިންޝާﷲ، 2023 ގައި ރައީސް ޔާމީން ވެރިކަމަށް ގެންނަން [ޖަމީލް] އެ ހުންނެވީ ޕީޕީއެމްގައި، ޑރ ޖަމީލަކީ 'ކިންގް މޭކާ' އެއް،" ޖަމީލަށް ތައުރީފު ކުރައްވާ ޝަރީފް ވިދާޅުވި އެވެ.

2023 ގައި ރައީސް ޔާމީން ވެރިކަމަށް ގެންނަން ޖަމީލް އެ ހުންނެވީ ޕީޕީއެމްގައި، ޖަމީލަކީ 'ކިންގް މޭކާ' އެއް
އާދަމް ޝަރީފް އުމަރު | ޕީއެންސީގެ ޕީޖީ ލީޑަރު

ޖަމީލް، ޕީޕީއެމާއި އަލުން ގުޅިވަޑައިގަތުމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމު ވަނީ ދެއްވާފަ އެވެ.

ރައީސް ޔާމީންގެ ވަދާއީ ވަސިއްޔަތުގައި އެނބުރި އެ މަނިކުފާނަށް ވަޑައިގެންނެވެންދެން "މިނިިކާ ބާޒަ" ކަށް ޕާޓީން ފުރުސަތު ނުދޭން އެދިވަޑައިގެންފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އިދިކޮޅު ލީޑް ކުރައްވާ ޕީއެންސީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެފަދަ އެއްވެސް "ބާޒަކަށް" ޕީޕީއެމް / ޕީއެންސީން ފުރުސަތެއް ނެތް ކަމަށެވެ. ޖަމީލަކީ އެފަދަ ބޭފުޅެއްނަމަ މިރޭ ޕީޕީއެމަށް ސޮއި ނުކުރެއްވީސް ކަމަށެވެ.

"ޑރ. ޖަމީލަކީ ބާޒަކަށް ވާނަމަ އެމަނިކުފާނު މިރޭ ޕީޕީއެމަށް ސޮއި ނުކުރެއް ވީސް."