ރާއްޖެ ކުޅިވަރު

މަކަރު ހެދުމުން ސެންޓޭ އާއި ރިޒުވާން ގައުމީ ޓީމުން ބާކީކޮށްފި

Sep 29, 2015

ގައުމީ ޓީމުގެ އޮފިޝަލުންނަށް ނާންގައި ބ. އޭދަފުށީގައި އިއްޔެ އޮތް ފުޓްބޯޅަ މުބާރާތެއްގައި ކުޅެފައިވާތީވެ ނިއުގެ އަލީ ފާސިރު (ސެންޓޭ) އާއި އީގަލްސްގެ އަހުމަދު ރިޒްވާން ގައުމީ ޓީމުން ބާކީކޮށްފި އެވެ.

އެފްއޭއެމުގެ މީޑިޔާ އޮފިޝަލް މައުލޫމާތުދީފައިވާ ގޮތުގައި މި ދެ ކުޅުންތެރިން ބާކީކުރީ ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ މަހު ބޫޓާނާއި ގަތަރާ ދެކޮޅަށް ކުޅެން ނަގާފައިވާ ގައުމީ ސްކޮޑުންނެވެ.

މިއީ ފަހަކަށް އައިސް އަހުލާގީ މައްސަލަތަކެއްގެ ތެރެ އަށް ގެނބިފައިވާ ގައުމީ ޓީމު އަލުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިފަދަ ގޮތަކަށް ކުޅުންތެރިންތަކެއް ބާކީކުރި ފުރަތަމަ ފަހަރެވެ.

ގައުމީ ޓީމަށް އަލަށް ހަމަޖެއްސި ނިއުޒީލޭންޑް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިން ކޯޗު ރިލކީ ހާބަޓާއެކު ޓީމުގެ ފަރިތަކުރުންތައް މިއަދު ފެށީ އައްޑޫ ސްޓޭޑިއަމުގަ އެވެ. މިވަގުތު ޓީމުގެ ސްކޮޑުގައި 38 ކުޅުންތެރިން އެބަތިއްބެވެ.