ލިވަޕޫލް

ޕްރޮޖެކްޓްގެ ފެށުމާއި ނިމުމުގައި ބަސްބުނާ މީހާ

ލިވަޕޫލްގެ ޓްރޮފީ ހަރުގައި ހުރީ 30 އަހަރު ކުރިން ހޯދި ލީގް ތައްޓެވެ. އޭގެ ފަހުން ... ބާރުގަދަ ސޯވިއަޓް ޔޫނިއަން އާއި ޔޫގޮސްލޭވިއާ ރޫޅި ވަކިވަކި 22 ގައުމު އުފަން ވެގެންދިޔަ އެވެ. ސެޕްޓެމްބަރު 11 ގެ ހަމަލާ، އިރާގާއި އަފްގާނިސްތާންގެ ހަނގުރާމަ ބޮޑެތި ބާރުތަކާއެކު ތިއްބެވި ނުފޫޒުގަދަ ވެރިން ކަމަށްވާ އިރާގްގެ ސައްދާމް ހުސައިނާއި މިސްރުގެ ހުސްނީ މުބާރަކާއި ލީބިޔާގެ މުއަމަރު ގައްޒާފީގެ ވެރިކަން ބިމުން ލުހިގެން ދިޔަ އެވެ. ސާސް ރޯގާ، އެބޯލާ އަދި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި މުޅި ދުނިޔެ ލޮކޮޑައުން ކުރި އެވެ. މިއީ ލިވަޕޫލް އެންމެ ފަހުން ލީގްގެ ތަށި އުފުލާލިފަހުން ދުނިޔޭގައި ހިނގާދިޔަ ފާހަގަ ކުރެވޭ ބޮޑެތި ކަންތައްތަކެވެ.

ދުނިޔެއަށް އެތައް ބަދަލެއް އައިރުވެސް ލިވަޕޫލަށް ލީގް ތަށި އުފުލައި ނުލެވެއެވެ. ބުރާސްފަތި ދުވަހުގެ ރެއާ ހަމައަށް ލީގް ޗެމްޕިއަންކަމުގެ ޝަރަފު ނުލިބި އޮތެވެ. "ޕްރިމިއާ ލީގް" ގެ ނަމުގައި އިނގިރޭސި ލީގް ބުރޭންޑް ކުރި ފަހުން ލިވަޕޫލަށް އެތައް ކޯޗުންނެއް އައިސް އެތައް ގޮތަކަށް މަސައްކަތް ކޮށްފި އެވެ. ތަފާތު ވިސްނުންތަކާއި ސްޓްރެޓެޖީތަކުގެ އަލީގަ އެވެ. އެހެންނަމަވެސް އަލީގެ މައްޗަށް އަލި ކަމެއް ނައެވެ.

ވަރުގަދަ ބަޔާން މިޔުނިކްގެ އެންމެ ގަދަފަދަ ނުފޫޒާއި ބާރުގައި ވަނިކޮށް ބުރޫޝިއާ ޑޯޓަމުންޑަށް ބުންޑެސް ލީގާ ޖެހިޖެހިގެން ދެ ފަހަރު ހޯދައިދިން ޖަރުމަންގެ ޔާގަން ކްލޮޕް ލިވަޕޫލްގެ ކޯޗް ކަމަށް ހަމަޖެއްސި އެވެ. މަޝްހޫރު ހޯޒޭ މޮރީނިއޯ ޕޯޓޯ ދޫކޮށް އިނގިރޭސި ޕްރިމިއާ ލީގްގެ ޗެލްސީ އަށް އައިސް އޭނާ ތައާރަފް ކުރުމަށް ބޭއްވި ޕްރެސްގައި އޭނާ ފާހަގަ ކުރީ އޭނާ އަކީ "ސްޕެޝަލް ވަން" ކަމަށެވެ. އެކަމަށް އިޝާރާތް ކޮށް ކްލޮޕް ތައާރަފް ކުރުމަށް އެންފީލްޑްގައި ބޭއްވި ޕްރެސްގައި އޭނާ ބުނީ، އޭނާ އާ ބެހޭގޮތުން ސިފަ ކޮށްދޭނެ ލަފުޒުތަކެއް އޭނާ އަތުގައި ނެތް ކަމަށެވެ.

"އަހަންނަކީ 'ނޯމަލް ވަން'" 2015 ވަނަ އަހަރު ލިވަޕޫލްގެ ކޯޗްގެ ގޮތުގައި ތައާރަފް ކުރުމަށް ބޭއްވި ޕްރެސްގައި ކްލޮޕް އޭނާ ސިފަ ކޮށްދިން ގޮތަކީ އެއީ އެވެ. އެދުވަހު އޭނާ ބުނި ވަރަށް މުހިންމު ވާހަކައެއް އެބައޮތެވެ.

"އަހަރެން ބޭނުންމެއް ނޫން ބުނާކަށް އަހަރެމެން 20 އަހަރު މަޑުކުރަން ޖެހޭނެކޭ،" ފަސް އަހަރު ކުރިން ލިވަޕޫލްގެ ކޯޗްގެ ގޮތުގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ކްލޮޕް ބުނެފައި ވެއެވެ. "އަހަރެމެން މިތާންގައި ހަތަރު އަހަރު ވަންދެން ތިބިއްޔާ އަހަންނަށް ހީވަނީ އަހަރެމެންނަށް ހަމަގައިމުވެސް އެއް ތަށި ލިބޭނެޔޭ، ޖެހިގެން އޮތް މުބާރާތް ނުލިބިއްޖެއްޔާ އަނެއްކާ ދެން މުބާރާތުގެ ތަށި އަހަރެމެންނަށް ލިބޭނެ."

ކްލޮޕްގެ ވާހަކައިންތަށި ހޯދަން އޭނާ އަށް ޕްރެޝަރެއް ނެތް ކަން އެނގެ އެވެ. ލިވަޕޫލްގެ އެންމެ ޓޮޕް މެނޭޖުމެންޓް ކަމަށްވާ ފޭންވޭ ސްޕޯޓްސް ގުރޫޕުންވެސް ކްލޮޕްއަށް އެ ޕްރެޝަރު ކޮށްފަ އެއް ނުވެ އެވެ. އެއީ ޕްރޮޖެކްޓެއްގެ މައްޗަށް ޓީމު ބިނާ ކުރާނަމަ އެންމެ ފުރަތަމަ މަރުހަލާއިން ފެށިގެން އެކަން އޮންނަން ވާނެ ގޮތެވެ. ޕްރޮޖެކްޓް ރީ ސްޓާޓް ކްލޮޕް ފެށީ ފުރިހަމަ ކޮންޓްރޯލް އޮވެގެންނެވެ.

ލިވަޕޫލްގެ ކޯޗް ކަމާ ހަވާލުވެ ކްލޮޕް އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ ޓެކްނިކަލް ހުރިހާ ދާއިރާއެއް އޭނާގެ ބާރުގެ ދަށަށް ގެނައުމެވެ. އޭނާގެ ކުރިން ލިވަޕޫލްގައި އޮތް ޓްރާންސްފާ ކޮމިޓީ ނިންމި ނިންމުތަކުން ޓީމަށް ބުރަ އަކަށް ވުން ނޫން ކަމެއް ނެތެވެ. ޓީމުގެ ޕްރޮޖެކްޓަށް ނުފެތޭ ކުޅުންތެރިން ތިއްބެވެ. ކްލޮޕް ނިންމީ އޭނާގެ ޕްލޭންގައި ނުހިމެނޭ ކުޅުންތެރިން އެއްފަރާތް ކުރުމަށެވެ. އެހެންވެ މާރިއޯ ބަލޮޓެލީ މެން ފަދަ ކުޅުންތެރިން ސްކޮޑުން ބާކީ ކުރި އެވެ.

ސްޕޯޓިން ޑައިރެކްޓާ މައިކަލް އެޑްވާޑްސް އަކީވެސް ކްލޮޕްގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރާ މީހަކަށް ބަދަލުވި އެވެ. ލިވަޕޫލްގެ ޓްރޭނިސް ސެންޓަރު "މެލްވުޑް" ގެ އޮފީހުގައި ކްލޮޕްގެ ކެބިން ހުންނަނީ އެޑްވާޑްްގެ ކެބިން ކުރިމަތީގަ އެވެ. އެއީ އޭގެ ކުރިން ކޯޗަކަށް ހުރި ބްރެންޑެން ރޮޖާސްވެސް ބޭނުން ކުރި ކެބިން އެވެ. ރޮޖާސް އާއި އެޑްވާޑްގެ ޕްލޭންއަށް ފެއްތައިގެން ގެނައި ކްރިސްޓިއަން ބެންޓެކޭ މެންފަދަ ކުޅުންތެރިން ކްލޮޕް އައިސް ދޫކޮށްލީ އެވެ. ލިވަޕޫލްގެ ސްޓައިލަށްވުރެ އެ ކުޅުންތެރިން ފެތެނީ ރޮޖާސްގެ ސްޓައިލަށެވެ.

ކްލޮޕް އާއެކު ގިނަ ސްޕެޝަލިޓުންތަކެއް އޭނާ ގެނެ އެވެ. ފޭންވޭ ގުރޫޕްގެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރަން ކްލޮޕް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދެކޮޅު ހެދި އެވެ. ނިންމުން ނިންމާ ލީޑަރަކީ އޭނާ އެވެ. ބައެއް ފަހަރު އޮޓޯކްރެޓިކް ލީޑަރެއްގެ ގޮތުގައިވެސް ކްލޮޕް ފެންނާނެ އެވެ.

"އަބަދުވެސް ނިންމުންތައް ނިންމާނެ މީހަކަށް ވާނީ އަހަރެން." ތުރޯއިން ސްޕެޝަލިސްޓެއްގެ ގޮތުގައި 2018 ވަނަ ތޯމަސް ގްރޯނަމާކް ހަމަޖެއްސުމަށް ފަހު ކްލޮޕް ބުންޏެވެ. "ފެށުމާއި ނިންމުމުގައި ބަސް ބުނުމުގެ ބާރު އަހަންނަށް އޮންނަންޏާ އަހަންނަށް ފުދޭ، އެދޭތެރެ މެދުގައި ކިތަންމެ ވަރަކަށްވެސް މަޝްވަރާ ކުރެވިދާނެ."

ކްލޮޕް ކޯޗް ކަމާ ހަވާލުވިއރު ރޮބާޓޯ ފިރުމީނޯ ޓީމުގައި ހުއްޓެވެ. ރޮޖާސްގެ ދައުރުގައި ފިރުމީނޯ ކުޅެނީ ވާތު ފަޅި އަށެވެ. އޭނާއަށް ދެނީ ބޮޑަށް ޑިފެންސިވް ރޯލެކެވެ. ނުނީ ދެން މަޑު ކުރުވަނީ ބެންޗުގަ އެވެ. ކްލޮޕް ފުރަތަމަ ފުލު ސީޒަނާ ކުރިމަތިލީ ސައުތު ހެމްޓަންގައި ހުރި ސެޑިއޯ މާނޭ ލިވަޕޫލަށް ގެނެސްފަ އެވެ. ރެޑްބުލް ސަލްޒްބާގް އަށް މޭނާ ކުޅުނު ދުވަސް ވަރު ކްލޮޕް ވަނީ މާނޭ ޑޯޓަމުންޑަށް ގެންނަން މަސައްކަތް ކޮށްފަ އެވެ. ސައުތުހެމްޓަންގައި މާނޭ ހުރި އޭނާގެ އެންމެ މަތީ ލެވަލްގަ އެއް ނޫނެވެ. އޭނާ އާ ގުޅޭނެ އޭޓެކިން ޕާޓްނަރުން ހޯދަން އަތްފުނާއަޅަން ފެށި އެވެ.

އޭއެސް ރޯމާ އަށް ކުޅެމުން ދިޔަ މުހައްމަދު ސަލާހް ލިވަޕޫލަށް ގެނައިރު، އޭނާ އާ މެދު އޮތީ ސުވާލު އުފެދިފަ އެވެ. އެއީ ޗެލްސީގައި އޭނާ ޕްލޭންގައި ނުހިމެނި އެ ޓީމުން އޭނާ ދޫކޮށްލަން ޖެހުމުންނެވެ. އަލުން ޕްރިމިއާ ލީގަށް އައިސް އޭނާ އަށް ޕާފޯމް ކުރެވިދާނެ ކަމާމެދު ލިވަޕޫލްގެ ސަޕޯޓަރުންވެސް ސުވާލު އުފެއްދި އެވެ. ސަލާހް ވެގެދިޔައީ މުޅި ލިވަޕޫލްގެ ތާރީހް ބަދަލު ކޮށްލި ކުޅުންތެރިޔާ އަށެވެ. ލިވަޕޫލްގައި އޭނާ ދައްކަމުންދާ ކުޅުމާއެކު މުޅި ދުނިޔޭގެ މަގުބޫލުކަން އޮހުނެވެ. ސްވިޒަލޭންޑްގެ އެފްސީ ބަޒެލްއަށް ސަލާހް ކުޅެމުން ދިޔައިރު ވެސް ކްލޮޕް ދިޔައީ ސަލާހް ފެންވަރު ގާތުން ބަލުމުންނެވެ. އޭނާ ބުނީ، ލިވަޕޫލަށް ހަލުވި ވިންގް ފޯވަޑެއް ބޭނުން ވެފައިވާކަން އޭނާ ފާހަގަ ކުރިކަމަށާއި އެ މަގާމަށް ސަލާހް ގެނައީ އޭނާއާ މެދު އޭރުވެސް ޔަގީންކަން އޮތުމުން ކަމަށެވެ.

ޖޯޖީނިއޯ ވައިނަލްޑަން ނިއުކާސަލްގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. އެންޑީ ރޮބަޓްސަން ހަލް ސިޓީ އާއެކު ޗެމްޕިއަންޝިޕަށް ރެލިގޭޓްވިނަމަވެސް އޭނާ ލިވަޕޫލަށް ގެނެ އެވެ. އަށް މިލިއަން ޔޫރޯގެ އަގަކަށް އޭނާ ގެނައިރުވެސް ހަލް ސިޓީގައި އޭނާގެ އަސްލު ފެންވަރު އޮތީ ފާހަގަ ނުވެ އެވެ. ޖޫން 2017 ގައި ކްލޮޕް ވަނީ، ޑިފެންޑަރު ވާޖިލް ވެންޑައިކް ލިވަޕޫލަށް ގެނެވޭތޯ މަސައްކަތް ކޮށްފަ އެވެ. އޭރު ސައުތުހެމްޓަން އިން ތުހުމަތު ކުރީ ލިވަޕޫލުން ގަވައިދާ ހިލާފަށް ކުޅުންތެރިޔާ އާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެހެންވެ އެ ފަހަރު އެ ޓީމުން ވަނީ އޭނާ ވިއްކަން ދެކޮޅު ހަދާފަ އެވެ. ވެންޑައިކްގެ ޓްރާންސްފާ އޭރު ކާމިޔާބު ނުވިނަމަވެސް ކްލޮޕް އެކަމަށް ކެތްތެރި ވި އެވެ. ވެންޑައިކް ނުލިބުނަސް ބަދަލުގައި ކްލޮޕްގެ ޕްލޭންގައި ނުފެތޭ ކުޅުންތެރިޔަކު ގެންނާކަށް އޭނާ ބޭނުމެއް ނުވި އެވެ. ކެތްތެރިކަމުގެ ނަތީޖާ ފޮންޏެވެ. ޖެހިގެން އައި ޓްރާންސްފާ ޕީރިއަޑްގައި ވެންޑައިކް ހުރީ ލިވަޕޫލްގައި އޭނާ ތައާރަފް ކުރުމުގެ ހަފުލާގަ އެވެ. ދެން ލިވަޕޫލް ޓްރޯންސްފޯމޭޝަން ގެނައި އަނެއް ކުޅުންތެރިޔަކީ ގޯލްކީޕަރު އަލިސަން ބެކާ އެވެ.

ވެންޑައިކްގެ ގެނައުމުގެ ކުރިން ލިވަޕޫލްގެ ޑިފެންސް ބަދަލު ކުރަން ކްލޮޕް ކުރި މަސައްކަތުގައި އެންމެ ފުރަތަމަ ނިންމި ނިންމުމަކީ ނަތާނިއަލް ކްލައިން ޕްލޭންގައި ނުހިމެނުމެވެ. ބަދަލުގައި ޓްރާންސްފާގައި ކުޅުންތެރިޔަކު ގެންނަން ކްލޮޕް ގަސްތެއް ނުކުރި އެވެ. އޭނާ ބެލީ ޓީމުގެ ޔޫތު ސިސްޓަމްގެ ތެރެއިން އަރަމުން އަންނަ ޓްރެންޓް އެލްގެޒެންޑާ އާނޯލްޑް އަށެވެ. ޒުވާން ކުޅުންތެރިޔަކު ޓޮޕް ރޭންކަށް ގެނައުމުގެ މަރުހަލާ އަކީ ކޯޗް ކެތްތެރި ވާން ޖެހޭނެ މަރުހަލާ އެކެވެ. ފުރަތަމަ ކޮޅު ޓީމުން ޖާގަ ހޯދުމުގައި އާނާލްޑަށް އުނދަގޫތައް ކުރިމަތިވި ނަމަވެސް ކްލޮޕް އޭރުވެސް ބުނަމުން ދިޔައީ އޭނާ އަކީ ޓީމުގައި ހުންނާނެ ކުޅުންތެރިޔެއް ކަމަށެވެ. ކްލޮޕް އާއެކު އިތުރު ވަގުތު އާނާލްޑް އަށް ލިބި އޭނާގެ ހުނަރު އިތުރަށް ތަރައްގީ ވުމުން އޭނާ އަށް ޓީމު ޖާގަ ހޯދުން ދާއިމީ ވެގެން ދިޔަ އެވެ.

ޓްރާންސްފާގައި ކާމިޔާބު މަސައްކަތެއް ކުރެވުމުން އެޑްވާޑް އަށް ޕްރޯމޯޝަން ލިބުނެވެ. ޓެކްނިކަލް ޑައިރެކްޓަރު ކަމުން ފަސްޓް ސްޕޯޓިން ޑައިރެކްޓަރު ކަމަށް އޭނާ ޕްރަމޯޓް ކުރި އެވެ.

އެއްވެސް ކަމެއްގައި ފުރަތަމަ ކާމިޔާބު ނުލިބޭނެ އެވެ. އެކަން ލިވަޕޫލްގައި ކްލޮޕް ތަޖުރިބާ ކުރި އެވެ. ޔޫރޮޕާ ލީގްގެ ސެމީ ފައިނަލުގައި ކްލޮޕްގެ ލިވަޕޫލް 2016 ވަނަ އަހަރު ބަލިވީ ސެވިއްޔާ އަތުންނެވެ. ޗެމްޕިއަންސް ލީގްގައި 2018 ވަނަ އަހަރުގެ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ބަލިވީ ހިތްދަތި ގޮތަކަށެވެ، މިފަހަރު ނުލިބިއްޖެއްޔާ ދެން އަންނަ ފަހަރަކުން ތަށި ހޯދާނީ އޭ ކްލޮޕްގެ ފުރަތަމަ ޕްރެސްގައި ބުނި ފަދައިން ޗެމްޕިއަންސް ލީގްގެ ފައިނަލަށް ދެ ވަނަ ފަހަރަށް ދަތުރުކޮށް މިދިޔަ އަހަރު ޗެމްޕިއަންސް ލީގް ކާމިޔާބު ކުރި އެވެ. އޭގެ ފަހުން މި ސީޒަންގައި ޔޫއެފާ ސުޕަ ކަޕާއި ކުލަބު ވޯލްޑް ކަޕް އަދި އެންމެ ފަހުން ޕްރިމިއާ ލީގް ޗެމްޕިއަންކަން ލިވަޕޫލް ހޯދީ އެވެ.

މިހާހިސާބުން އަދި ޕްލޭން ނުނިމެ އެވެ. ތާރީހަށް ބަލަން ނުތިބޭނެ ކަމަށް ކްލޮޕް ބުންޏެވެ. ކުރިއަށް އޮތް އަހަރުތަކަށްވެސް ޓީމެއް ބިނާ ކުރަން ޖެހެ އެވެ. ކްލޮޕް ބުނީ އަންނަ ސީޒަނަށް ޓީމު އިތުރަށް ޑިވްލަޕްކޮށް ކުރިއަރުވައި ވަރުގަދަ ކުރުމުގެ މަސައްކަތް އޭނާ ކުރާނެ ކަމަށެވެ. އަބަދުވެސް ކުރިއަށްވުރެ އިތުރަށް މަސައްކަތް ކުރަން ބާރު އަޅާނެ ކަމަށެވެ.

"އަހަރެމެންގެ އެންމެންގެ އޮތީ އެއް ހުވަފެއް، ބޮޑު ހުވަފެނެއް، އެ ހުވަފެނަކަށް ގިނަ ބަޔަކު އުންމިދު ކުރާ ނަމަ އެކަމަށް ކުރާ މަސައްކަތް މުހިންމުވެ އިތުރަށް ވަރުގަދަ ވެގެންދޭ، އެހެންވެ އަހަރެމެން މަސައްކަތް ހުއްޓައެއް ނުލާނަން،" ބީއިން ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ކްލޮޕް ބުންޏެވެ. "އިތުރު ތަފްސީލަކަށް ދަންޏާ ފެންނާނެ އަހަރެމެން ކިހިނެއްކަން މިދިޔަ ތިން ހަތަރު އަހަރު އަހަރު ތެރޭ މަސައްކަތް ކޮށްފައި ހުރީ."

އެ ވިިސްނުމުގައި މަސައްކަތް ފިނަމަ އަންނަ ސީޒަންގައިވެސް ލިވަޕޫލުން ލީގް ހޯދުމަކީ ގާތުގައިވާ ކަމެކެވެ.