ޓޫރިޒަމް

ކޮންޑެ ނާސްޓްގެ ގިނަ އެވޯޑުތަކެއް ރާއްޖެއަށް

ދުނިޔޭގެ އެންމެ ގިނަ މީހުން ބަލާ އެއް މަޖައްލާ ކަމަށްވާ ކޮންޑެނާސްޓް ޓްރެވަލާ މަޖައްލާގެ ގިނަ އެވޯޑު ތަކެއް ރާއްޖޭގެ ރިސޯޓުތަކަށް ލިބިއްޖެ އެވެ.

ހައި ޕްރޮފައިލް މީހުންނާއި ސެލެބްރިޓީންގެ ތެރޭގައި މަގުބޫލު ކޮންޑެނާސްޓް ޓްރެވަލާ މަޖައްލާގެ ކިޔުންތެރިންގެ ހިޔާލުގެ މައްޗަށް އެކުލަވާލާފައިވާ "ކޮންޑެނާސްޓް ރީޑާޝިޕް ޗޮއިސް" ލިސްޓުގައި ރާއްޖޭގެ ސޮނެވާ ފުށި ރިސޯޓަށް ވަނީ ފޭވަރިޓް ސްޕާ ހޮޓެލް އެވޯޑު ލިބިފަ އެވެ. މީގެ އިތުރުން މި ކެޓަގަރީގައި ދެވަނަ ލިބިފައި ވަނީ ހެރިޓެންސް އާރަށް ރިސޯޓަށެވެ. އަދި ތިންވަނަ ވައްކަރު މޯލްޑިވްސް ލިބިފައިވެ އެވެ.

އެ މަޖައްލާ އިން ބުނެފައިވާ ގޮތުގައި އެންމެ މަގުބޫލު ރޮމޭންޓިކް ހޮޓެލް އެވޯޑު، އިންޓަކޮންޓިނެންޓަލް ބްރޭންޑުން ރާއްޖޭގައި ހިންގާ، މާނާގައު ރިސޯޓަށް ލިބިފައިވެ އެވެ. މި އެވޯޑުގެ ދެވަނައަށް ސޮނޭވާ ފުށި ވާދަ ކޮށްފައިވެ އެވެ. އަދި ތިންވަނަ ލިބިފައިވަނީ ފްރާންސުގެ ހޮޓެލް ޕްލާޒާ އެތްލާންތި އެވެ.

އެންމެ މަގުބޫލު ބީޗް ހޮޓެލްގެ އެވޯޑު ލިބުނީ ރާއްޖޭގެ ރިސޯޓަށެވެ. އެއްވަނަ ހޮޓަލެއްގެ ގޮތުގައި ރާއްޖޭގެ އަނަންތާރާ ކިހަވަށް މޯލްޑިވްސް ވިލާ ހޮވުނުއިރު، ދެވަނަ ކޮނޮއްޓާ މޯލްޑިވްސް އަށް އަދި ތިން ވަނަ ހެރިޓެންސް އާރަށް ރިސޯޓަށް ލިބިފައިވެ އެވެ.

ޓޫރިޒަމް ސިނާއަތުގައި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ މި އެވޯޑުގެ އެންމެ މަގުބޫލު އާ ހޮޓެލްގެ އެވޯޑަށް ރާއްޖޭގެ މާނާގައު ރިސޯޓު ވާދަކުރި އެވެ. ނަމަވެސް ދިޔައީ ދެވަނަ އަށެވެ. އަދި މި ރިސޯޓު އެންމެ މަގުބޫލު ޑިޒައިން ހޮޓެލްގެ އަދި ފޭވަރިޓް ފެމެލީ ހޮޓެލްގެ އެވޯޑުގެ ދެވަނަ އަށް ސޮނޭވާ ފުއްޓަށް ލިބިފައިވެ އެވެ. އަދި ތިންވަނަ ލިބުނީ ވައްކަރު މޯލްޑިވްސް އަށެވެ.

ކޮންޑެނާސްޓް ޓްރެވަލާ މެގަޒިންއަކީ އަހަރަކު އަށް ފަހަރު ނެރޭ މަޖައްލާ އެކެވެ. މި މަޖައްލާ ނެރެން ފަށާފައިވަނީ 1987 ވަނަ އަހަރުން ފެށިގެންނެވެ. މި މަޖައްލާގެ އެތަށް އެވޯޑެއް ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ލިބެ އެވެ.