ރާއްޖެ ކުޅިވަރު

އޭއެފްސީ ޗެމްޕިއަންޝިޕަށް 19 އަހަރުން ދަށު ޓީމު ތަޖިކިސްތާނަށް

Sep 29, 2015

އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރުމަށް 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ތަޖިކިސްތާނަށް މިއަދު ފުރާނެ އެވެ.

ވިކްޓަރީގެ ކުރީގެ ކޯޗު މުހައްމަދު އާތިފްގެ ކޯޗުކަމުގެ ދަށުން ތައްޔާރުވި ޓީމު ވާދަކުރާނީ ތަޖިކިސްތާނާއި އިރާގް އަދި ބަހުރޭނާ އެވެ. މީގެ ތެރެއިން ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ރާއްޖެ ކުޅޭނީ ބަހުރޭނާ އެވެ. އާދީއްތަ ދުވަހު އިރާގާ ކުޅުމަށްފަހު ތަޖިކިސްތާނާ ވާދަކުރާނީ އަންގާރަ ދުވަހު އެވެ.

މި ޓީމުގެ ކެޕްޓަނަކީ ވެލެންސިއާގެ އަހުމަދު ހަމްދާނެވެ. މި ޓީމު ވަނީ މިދިޔަ މަހު ބޭއްވި ސާފް ޗެމްޕިއަންޝިޕް 19 އަހަރުން ދަށުގެ މުބާރާތުގައި ވެސް ވާދަކޮށްފަ އެވެ. އެ މުބާރާތުގައ ރާއްޖެ ބަލިވީ އިންޑިޔާ އާއި އަފްގާނިސްތާން އަތުންނެވެ.

މި މުބާރާތުގެ ކޮލިފައިންގައި އެންމެ ފަހުގެ ޗެމްޕިއަން ގަތަރާއި މުބާރާތް ބާއްވާ ބަހުރޭނާއެކު ވާދަކުރަނީ ޖުމުލަ 43 ގައުމަކުންނެވެ. މި ގައުމުތައް 10 ގްރޫޕަކަށް ބަހާލާފައިވާއިރު މުބާރާތަށް ކޮލިފައިވާނީ 10 ގްރޫޕުން ވެސް އެންމެ ކުރި ހޯދާ ގައުމާއި ދެ ވަނަ ހޯދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތިޖާ ނެރޭ ފަސް ގައުމެވެ. މީގެ ތެރޭގައި ގަތަރު ހިމެނިއްޖެނަމަ ފުރުސަތުދޭނީ ޖެހިގެން އޮންނަ ޓީމަށެވެ.