ލައިފްސްޓައިލް

ދަރިއަކު ހޯދަނީ ކޮން އިރަކުތޯ ސުވާލު ނުކުރޭ!

އިންސާނީ ދަރިފަސްކޮޅު ދެމި އޮތީ އަންހެނުން ދަރިން ވިހާތީ އެވެ. ނަމަވެސް ތިމާއަކީ ދަރިން ލިބުމުން މަހްރޫމްވެފައިވާ މީހެއްކަން އެނގުމުން އަންހެނަކަށް ކުރެވޭނެ އިހްސާސް އެނގޭ ހެއްޔެވެ؟ ތިމާގެ ބަނޑަކީ ކުއްޖަކު އުފަން ކުރުމުގެ ގާބިލްކަން ނެތް ތަނެއްކަން އެނގޭ ވަގުތު އެ އަންހެނަކަށް ވާނެ ގޮތް އެހެން މީހަކަށް ހިތަށް އަރުވާލަން ވެސް ނޭނގޭނެ އެވެ. އެމީހަކަށް އެ ކުރެވޭ އިހްސާސްތަކަކީ އޭނާގެ ހިތުގައި އަޅާ ވޭނަކީ މީހަކަށް ބަޔާން ވެސް ކޮށްދޭން އެނގޭނެ އެއްޗެއް ނޫނެވެ. މިއީ އެފަދަ އަންހެނެއްގެ ތަޖުރިބާ އެވެ.

އިނގިރޭސިވިލާތުގައި ދިރިއުޅޭ މި މީހާ ކިޔައިދިން ގޮތުގައި މަންމައަކަށް ވުމަކީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ. ކައިވެންޏަށް ފަހު ދަރިއަކު ހޯދާނީތޯ ނުވަތަ ނޫންތޯ އެއީ އޭނާގެ ހިތަށް އެރި ސުވާލެއް ވެސް ނޫނެވެ. އެހެންކަމުން ދަރިއަކު ހޯދަން މަސައްކަތް ކުރަން ފެށުމާއެކު ވަރަށް އަވަހަށް ދަރިއަކު ލިބުމަށް އޭނާ އުންމީދު ކުރި އެވެ. ނަމަވެސް މަހަކަށް ފަހު މަހެއް ފާއިތުވެ އެތައް އަހަރެއް އެގޮތުގައި ވޭތުވިއިރު ވެސް އޭނާ ބަލިވެއެއް ނީނެވެ. އެހިސާބުން މުޅިން ފެއިލްވެފައިވާ މީހެއްގެ އިހްސާސްތައް އޭނައަށް ކުރެވެން ފެށި އެވެ. އަމިއްލަ ހަށިގަނޑު އޭނާއަށް ބޭވަފާތެރިވެއްޖެ ކަމުގެ އިހްސާސް އާއެކު އަމިއްލަ ނަފްސަށް ނަފްރަތު ކުރެވެން ފެށި އެވެ.

"ދަރިއަކު ނުލިބިގެން އެކަމާ ހިތާމަކުރާއިރު އިހްސާސް ކުރެވެނީ ތިމަންނައަށް އެކަންޏޭ މިފަދަ ކަމެއް ދިމާވެގެން މި އުޅެނީ. މިއީ ވަރަށް އެކަނިވެރިކަން އިހްސާސްވާ ކަމެއް. ހަށިގަނޑަށް އަންނަ ކޮންމެ ބަދަލަކުން ބަލިވެ އިނީމަ ކަމަށް ހީވޭ. އަދި އެކަމާ ފިކުރުކޮށް ހެދޭ،" އެމީހާގެ ތަޖުރިބާ ހިއްސާ ކުރަމުން ކިޔައިދިނެވެ.

ކޮންމެ ފަހަރަކު ޕީރިއަޑް ވުމާއެކު ހުރިހާ އުންމީދުތަކެއް ފުނޑުފުނޑުވެގެން ދެއެވެ. ހީވަނީ ކޮންމެ މަހަކު އެއްފަހަރު ވަރުގަދަ ތަފާލެއް މޫނުގައި އެޅޭހެންނެވެ. ކޮންމެ މަހަކު އެއްފަހަރު ދަރިއަކު ލިބުމުގެ އުންމީދު ފުނޑުފުނޑުވެގެން ދިއުމުން ކުރެވޭ އިހްސާސް އެފަދަ މީހަކަށް ނޫނި ވަޒަން ކޮށްލަން ވެސް ނޭނގޭނެ ކަމަށް އޭނާ ކިޔައިދިނެވެ.

"އަހަރެންނަށް އިހްސާސް ކުރެވެނީ އަހަރެން ނޫން އެހެން އެންމެންގެ ބަނޑުގައި ދަރިއެއް އޮތްހެން. އެހެން ހުރިހާ އަންހެނުން ދަރިން ގޮވައިގެން މަގުމަތީގައި ހިނގާލަން ގޮސް އުޅެނީހެން. ދަރިއަކު ނެތީ ހަމައެކަނި އަހަރެންގެ ކަމަށް. އެމީހުންނަށް ދަރިން ލިބިފައި އަހަންނަށް ވަކި ދަރިން ނުލިބެންވީ ކީއްވެ ހެއްޔޭ ހިތަށް އަރާ،" އެ މީހާގެ އިހްސާސްތައް ބަންޑުން ކޮށްލަމުން ބުންޏެވެ.

އިނގިރޭސި ވިލާތުގައި އެކަނިވެސް ދަރިމައި ނުވުމުގެ މައްސަލަ މިހާރު އިންތިހާއަށް ބޮޑެވެ. ކޮންމެ ހަތް ދެމަފިރިއަކުން އެއް ދެމަފިރިއަކަށް މި ތަޖުރިބާ މިހާރު ކުރަން ޖެހެ އެވެ. މިކަމުގެ ހޭލުންތެރިކަމާގުޅޭ ކެމްޕެއިންތައް އެ ގައުމުން މިހާރު ވަރަށް ބާރަށް ކުރިޔަށް ގެންދެ އެވެ. ދަރިމައިނުވާ މީހުންގެ ނާޒުކު ހާލަތަށް ބަލާފަ އެވެ. އެމީހުންގެ ހިތްދަތި ތަޖުރިބާތަކުގެ ސަބަބުންނެވެ.

ދަރިން ނެތް އަންހެނެއް ކައިރީގައި އޭނާ ދަރިއަކު ހޯދަނީ ކޮން އިރަކުންތޯ އަހާލަން ގިނަ މީހުން އެއްވެސް ޖެހިލުމެއް ނުވެ އެވެ.

"ޗުއްޓީއަކަށް ފަހު އަހަރެން އެނބުރި މަސައްކަތަށް ނުކުތުމުން އެކުގައި މަސައްކަތްކުރާ މީހަކު އަހަރެން ކައިރީ ބަނޑުބޮޑުތޯ ސުވާލު ކުރި ދުވަސް އަހަރެން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ. އޭރުވެސް އަހަރެން ދަރިއަކު ހޯދަން މަސައްކަތްކުރާތާ ކިތަންމެ ދުވަހެއް ވެއްޖެ. ނަމަވެސް އެ ވާހަކަ މީހުން ކައިރީ ދައްކާކަށް ބޭނުމެއް ނޫން. އެހެންވެ އޭނާގެ އެ ސުވާލުން އަހަންނަށް ބުނެދޭން ވެސް ނޭނގޭ ވަރުގެ ޝޮކެއް ލިބުނީ،" އަންހެންމީހާ ބުންޏެވެ.

އޭނާގެ ނަޒަރުގައި ދަރިއަކު ނެތް މީހެއް ކައިރީގައި ދަރިއަކު ހޯދަނީ ކޮން އިރަކުންތޯ ސުވާލު ކޮށްގެން ނުވާނެ އެވެ. އެއީ ވަރަށް ޒާތީ ސުވާލެކެވެ. އަނެއްމީހާއަށް ޖަވާބު ދޭން އުނދަގޫ ވާނެ ސުވާލެކެވެ. އަދި އެހެން މީހުން ކައިރީގައި ބުނަން ބޭނުންނުވާ ވާހަކަތަކެއް ހިމެނޭ ސުވާލެކެވެ.

"އެ ދުވަހު އަހަރެން އޮފީސް މީހާ ކައިރީގައި އަހަރެން ބަނޑުބޮޑެއް ނޫނޭ ބުނިން. އެވަރުން ވެސް އޭނާ އެ ވާހަކަ ހުއްޓައެއް ނުލި. އޭނާ ބުނީ އަހަރެން ފެންނަނީ ވަރަށް ތަފާތު ގޮތަކަށް ކަމަށާއި ބަނޑުބޮޑުކަން އޭނާއަށް ޔަގީން ކަމަށް. އަދި އެ ވާހަކަ އަހަރެން އަދި ސިއްރުކުރަން ބޭނުންވާތީ އެއްބަސް ނުވަނީ ކަމަށް. އެ ދުވަހު އެ މީހާއަށް ހަޅޭއްލަވައިނުގަނެ ހުންނަން އަހަރެންނަށް ވަރަށް ހިތްވަރުކުރަން ޖެހުނު. އޭނާ އެހާ ރަހުމުކުޑަ މީހަކަށް ވެދާނެކަމަށް އަހަންނަށް ގަބޫލުކުރަން ވެސް ދަތިވި. ހަގީގަތުގައި އެކުގައި މަސައްކަތް ކުރިޔަސް އޭނާއަކަށް އަހަންނެއް ރަނގަޅަކަށް ނޭނގެ. އަހަރެންގެ ޒާތީ ދިރިއުޅުމުގައި އަހަރެން ތަހައްމަލުކުރަމުންދާ ހިތްދަތިކަމާއި ވޭނެއް ވެސް އޭނާއަކަށް ނޭނގޭނެ."

މިއީ ދަރިއަކު ނުލިބި އެކަމުގެ ހިތްދަތިކަމުގައި އުޅޭ ހަމަ ކޮންމެ މީހެއްގެ ވެސް ތަޖުރިބާ ހުންނާނެ ގޮތެވެ. މިއީ އަތެއް ފަޔެއް ބިންދައިގެން ދިއުން ފަދަ ކަމެއް ނޫނެވެ. އެފަދަ އަނިޔާއެއް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރިނަމަ ކޮންމެ މީހަކަށް ވެސް އެތަނުގައި ވޭން އަޅާނެ މިންވަރު އިހްސާސް ކުރެވޭނެ އެވެ.

ފަހަރެއްގައި މަގުމަތިން ފެންނަ މާބަނޑު މީހާއަކީ ވެސް އައިވީއެފް ފަދަ ވޭން ހުރި ތަޖުރިބާތަކެއް އެތައް ފަހަރެއްގެ މަތިން ކޮށްގެން ބަލިވެ އިނދެފައިވާ މީހަކަށް ވުމަކީ ވެސް ހަމަ އެކަށީގެންވާ ކަމެކެވެ. ވީމާ އަނެއްމީހާގެ ހާލަތު ނޭނގި މިހާ ނާޒުކު ސުވާލެއް ކުރިމަތިނުކުރުން ބުއްދިވެރި ވެއެވެ.

ބަލިވެ އިނުމާ ގުޅޭ ސުވާލުތަކަކީ ވަރަށް ގާތް މީހުންގެ ތެރޭގައި ހިމެނޭ މައިންބަފައިން ވެސް ހަގިގަތުގައި ދަރިންނާ ވެސް ކުރަން ރަނގަޅު ސުވާލެއް ނޫނެވެ. އެކަން އޮންނަން ޖެހޭނީ އޭނާ ބޭނުންނަމަ ހިއްސާ ކުރާ ކަމެއްގެ ގޮތުގަ އެވެ.