ބޮލީވުޑް

"ކަސޯޓީ" އާއި އިތުރު ޝޯތަކު ޝޫޓިން އަލުން ފަށައިފި

ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ "ކަސޯޓީ ޒިންދަގީ ކޭ" ގެ ބަތަލު ޕާތު ސަމްތާން އެ ޝޯގެ ޝޫޓިން އަލުން ފަށައިފި އެވެ. ޕާތު ޝޫޓިން ފަށާފައި މިވަނީ ކޮރޯނާވައިރަހުގެ ބަލިމަޑުކަން ފެތުރެން ފެށުމުން ފިލްމުތަކާއި ޝޯތަކުގެ މަސައްކަތް މުޅިން ހުއްޓާލާފައި އޮންނަތާ ތިން މަސް ދުވަހަށް ފަހު އަލުން ޝޫޓިން ފަށަން ހުއްދަ ލިބުމާ ގުޅިގެންނެވެ.

އިންސްޓަގްރާމްގައި ޕާތު ޕޯސްޓް ކޮށްފައިވާ ފޮޓޯއެއްގެ ކެޕްޝަންގައި އޭނާ ލިޔެފައިވާ ގޮތުގައި ޝޫޓިންގަށް އެނބުރި އައިސްފައި ވަނީ ބަރާބަރު ތިން މަސް ދުވަސް ފަހުންނެވެ. އަދި ޝޯގެ ޝޫޓިން ހުއްޓިފައި އޮންނަތާ 100 ވަރަކަށް ދުވަސް ވަނީ ވެފަ އެވެ.

އެކި ޗެނަލްތަކުން ދައްކާ ތަފާތު ޓީވީ ޝޯތަކުގެ މަސައްކަތް ހުއްޓާލީ މިދިޔަ މަޗް މަހުގެ 18 ވަނަ ދުވަހު އެވެ. އޭގެ ފަހުން ހުރިހާ ޗެނަލަކުން ވެސް ދައްކަމުން ގެންދަނީ ޝޯތަކުގެ ކުރިގެ އެޕިސޯޑުތަކުގެ ރިޕީޓް ޓެލެކާސްޓެވެ.

އަލުން ޝޫޓިން ފަށާފައި ވަނީ ހަމަ އެކަނި "ކަސޯޓީ" ގެ އެއް ނޫނެވެ. ބާލާޖީ ޓެލެފިލްމްސް އިން ޕްރޮޑިއުސްކުރާ "ނާގިން 4" ގެ ޝޫޓިން ވެސް މިހާރު ވަނީ ފަށާފަ އެވެ. "ނާގިން 4" ގައި ލީޑް ރޯލު ކުޅޭ ބަތަލާ ރަޝްމީ ދެސާއީ ވެސް ވަނީ އެ ޝޯގެ ސެޓުގައި ހުރެ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. އަދި އަލުން އެނބުރި ޝޫޓިންގަށް އާދެވުނީތީ ވަރަށް އުފަލުން ހުރި ކަމަށް ރަޝްމީ ބުނެފައި ވެއެވެ.

މީގެ އިތުރުން "ޕަވިތުރަ ބާގްޔާ" އާއި "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ"، "ޔޭ ޖާދޫ ހޭ ޖިން ކާ"، "ކުންޑަލީ ބާގްޔާ"، "ކުމްކުމް ބާގްޔާ"، ފަދަ ގިނަ އަދަދެއްގެ ޝޯތަކުގެ ޝޫޓިންގް ވެސް ހުކުރު ދުވަހުން ފެށިގެން ކުރިޔަށް ގެންދަން ވަނީ ފަށާފަ އެވެ.

މި ޝޯގެ ޝޫޓިންގްތަކުގައި ބައިވެރިކުރަނީ ކުރޫންގެ ތިންބައިކުޅަ އެއްބައެވެ. އަދި ފޭސް މާސްކާއި އެނޫންވެސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހެދުމުގައި ގިނަ މީހުން ތިބިކަން ފޮޓޯތަކުން ފާހަގަ ކުރެވެ އެވެ.