ލައިފްސްޓައިލް

ލޮކްޑައުން: ހަކުރު ލެވެލް 20 ޕަސެންޓް މަތި: ދިރާސާ

ސްޓްރެސް ވުމަކީ ވަރަށް ގިނަ ބަލިބަލީގެ މައްސަލަތައް ބޮޑުވާ ކަމެއްކަން ވަރަށް ގިނަ ދިރާސާތަކުން ވަނީ ހާމަވެފަ އެވެ. ޚާއްސަކޮށް ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުން ފަދަ ބަލިތަކަށް ސްޓްރެސް އަކީ ވަރަށް ގޯސް އެއްޗެކެވެ. ހަކުރުބަލި ހުންނަ މީހަކު މާބޮޑަށް ސްޓްރެސް ވުމުން އެމީހާގެ ހަކުރު މާ ބޮޑަށް މައްޗަށް ދިއުމުގެ ނުރައްކާ ބޮޑެވެ. ސްޓްރެސްގެ ސަބަބުން ހަކުރު ލެވެލް މައްޗަށް ދާ އެންމެ މައިގަނޑު އެއް ސަބަބަކީ ކޯޓިސޯލް ކަހަލަ ސްޓްރެސް ހޯމޯން އެވެ.

ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރެން ފެށުމުން ގައުމުތައް ލޮކްޑައުންކޮށް ގޭގޭގައި މީހުންނަށް ނުނިކުމެ ތިބެން ޖެހުމާއެކު ހަކުރުބަލީގެ މީހުންގެ ހަކުރު މައްޗަށް ދާން ފެށިކަން ފަހުގެ ދިރާސާތަކުން ވަނީ ހާމަވެފަ އެވެ.

އިންޑިޔާގައި އެކަނި ނަތީޖާއަށް ބަލާލުމުން ވެސް ހަކުރުބަލީގެ މީހުންގެ ހަކުރު ލެވެލް އެވްރެޖްކޮށް 20 ޕަސެންޓް އިތުރުވެފައިވާކަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓް ކޮށްފައި ވެއެވެ. މިއީ ސްޓްރެސް އާއެކު ހަކުރު ލެވެލް ރަނގަޅަށް މޮނިޓާ ނުކުރެވުމާއި ޑޮކްޓަރީ ފަރުވާ ލިބޭ މިންވަރު ދަށްވުމުން ދިމާވެފައިވާ ކަމެއް ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

މި ދިރާސާ ރިޕޯޓު ތައްޔާރުކޮށްފައިވަނީ އިންޑިޔާގެ އެކި ސަރަހައްދުތަކުގައި ތިބި ހަކުރުބަލީގެ މީހުންގެ ތެރެއިން 8200 މީހުންގެ ނަތީޖާ މުރާޖައާކޮށްފަ އެވެ.

ކޮވިޑް-19ގެ ވަބާ ބޮޑަށް ފެތުރެން ފެށުމުގެ ކުރިން މިއަހަރުގެ ޖެނުއަރީން ފެށިގެން ފެބްރުއަރީ މެދަހާ ހަމަޔަށް އެވްރެޖްކޮށް މި މީހުންގެ ލޭގައި ހަކުރު ހުރީ 138 އެމްޖީ / ޑީއެލް އެވެ. މާޗް އިން ފެށީގެން އެޕްރީލް މެދަކާ ހަމަޔަށް މި ލެވެލް ވަނީ 165 އެމްޖީ/ޑީއެލް އަށް މަތިވެފަ އެވެ. ސަބަބެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ސްޓްރެސް އާއި އެންގްޒައިޓީ، އާއްމުކޮށް ދިރިއުޅެމުން އައި ގޮތަށް ކުއްލިއަކަށް އެޅުނު ހުރަސްތައް، އަދި ހެލިފެލިވެ އުޅެވޭލެއް މަދުވެ ގޭގައި ހުރިހާ ވަގުތަކު ތިބެން ޖެހުމެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި އެންގްޒައިޓީ އާއި ސްޓްރެސް އަކީ ކުއްލިއަކަށް ވެސް ހަކުރު ރާސްލާފައި މައްޗަށް ހިނގައިދާނެ ދެ ސަބަބެވެ. އެހެންވީމަ މި ބަލި ހުންނަ މީހުން ކޮންމެ ދުވަހަކުވެސް ހަކުރު ޓެސްޓްކުރެވި ގަވާއިދުން ބޭސް ކައި ޑޮކްޓަރަށް ދައްކައި ހެދުން މުހިއްމުކަމަށް ވެސް ރިޕޯޓުގައި ބުނެފައި ވެއެވެ. ސަބަބަކީ ހަކުރު މަތިވުމަކީ ހީނުކުރާ ކަހަލަ ބޮޑެތި ގެއްލުންތައް ހަށިގަނޑަށް ލިބި ފުރާނައަށް ނުރައްކާވާ ކަމަކަށް ވާތީ އެވެ.