ރާއްޖޭގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ ނަމުގައި އުފައްދާފައިވާ އުތަމަ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނާ ހިލާފު ބައެއް ވާހަކަތައް ހިމަނާފައިވާ ކަމަށް ފާހަގަ ކުރެވިފައިވާތީ އެ ރިޕޯޓްގެ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސަލަފް ޖަމިއްޔާއިން ގޮވާލައިފި އެވެ.
ދީނީ ހޭލުންތެރިކަމުގެ މަސައްކަތަށް އުފައްދާފައިވާ ސަލަފް ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ، އުތެމަ އިން އދ. ގެ ސީޑޯ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓެއްގައި އިސްލާމް ދީނުގެ އަސާސްތަކަށް ފާޑު ކިޔާފައިވާ ކަމަށާއި އިސްލާމް ދީނުގެ ސައްހަ މައުލޫމާތު އޮޅޭ ބައެއް ވާހަކަތައް ހިމަނާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން "ޕްރިމިލިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރެފައިވާ ރިޕޯޓުގައި ހިމެނޭ އިސްލާމް ދީނާ ހިލާފު ބައެއް ވާހަކަތަކަށް ވެސް އުތެމަ ރިޕޯޓުގައި ތާއީދު ކޮށްފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ސަލަފްގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިފަދަ ރިޕޯޓްތައް ނެރެމުންދާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅި ހައްގު އަދަބު ނުދެވޭނަމަ މިފަދަ އަމަލުތައް މުޖުތަމައުގައި ތަކުރާރުވެ ދިވެހިންގެ ދީނީ އެއްބައިވަންތަ ކަމަށް އަސަރުކޮށް ފަސާދަ އިތުރުވެގެން ދާނެ ކަމަށް ސަލަފް އިން ބުންޏެވެ.
އެހެންކަމުން، އެމްޑީއެންގެ ރިޕޯޓް ލިޔުނު ފަރާތްތަކަށް ފިޔަވަޅު އެޅުމަށާއި އުތެމަ ރިޕޯޓް ތަހުގީގުކޮށް އެ ކަމުގައި ބައިވެރިވި ފަރާތްތަކަށް ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ދޭން ޖެހޭ ހައްގު އަދަބެއް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާ ކަމަށް ސަލަފްގެ ބަޔާނުގައި ބުނެފައިވެ އެވެ.