ހަބަރު

ރިޕޯޓްގެ މައްސަލާގައި އުތެމައަށް ނަސޭހަތް ދީފައިވާނެ: މިނިސްޓަރު

އުތެމަ ޖަމިއްޔާއިން ނެރުނު ރިޕޯޓްގެ މައްސަލާގައި އިސްލާމް ދީނަށް ފުށު އަރާ ބައެއް ވާހަކަތައް ހުރި ކަމަށް ފާހަގަ ކުރެވުމުން އެ ކަން އިސްލާހު ކުރަން އެ ޖަމިއްޔާއަށް ނަސޭހަތް ދީފައިވާ ކަމަށާއި އެ ޖަމިއްޔާއިން އެ ކަން އިސްލާހު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ޒާހިރު ވިދާޅުވީ، ދީނާ ފުށު އަރާ ވާހަކަތަކެއް ދެކެވިފައިވާ ކަން މިނިސްޓްރީއަށް ފާހަގަ ކުރެވުމުން، އެއީ ކޮންމެ ފަރާތަކަށް ވިޔަސް ފުރަތަމަ އަމަލު ކުރާ އުސޫލަކީ އެ ފަރާތްތަކަށް ނަސޭހަތްދީ އެ ކަމެއް އިސްލާހު ކުރަން އެންގުން ކަމަށެވެ.

"އިސްލާމް ދީނަށް ފުށުއަރާ ފަދަ ވާހަކަތަކެއް ދައްކައިފިނަމަ އެއީ މިނިސްޓްރީގެ ޒިންމާއެއް، އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން އެ ބޭފުޅުންނަށް ނަސޭހަތްދީ ކިޔައިދީ އެ ހުރި ކަންތައް އިސްލާހު ކޮށް ދިނުން. އިސްލާމް ދީނަށް ފުށުއަރާ އެއްވެސް ކަމެއް ފެނިއްޖެނަމަ އަޅުގަނޑުމެން ހަމަ އެ މޭރުމުން ކަންތައް ކުރާނީ." މިނިސްޓަރު ވިދާޅުވި އެވެ.

އުތެމަ ޖަމިއްޔާއިން ނެރުނު ރިޕޯޓްގެ މައްސަލާގައި ވެސް އެ ޖަމިއްޔާގެ ބޭފުޅުންނާ ބައްދަލުކޮށް ނަސޭހަތް ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓްރީގެ ފަރާތުން އެ ކަންބޮޑުވުންތައް ފާހަގަ ކޮށްދިނުމުން އެ ޖަމިއްޔާއިން އެ ކަން އިސްލާހު ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ބައެއް ކަހަލަ މައްސަލަތައް، އެ ބޭފުޅުންނަށް ވެސް، އެއީ ދީނީ ގޮތުން މައްްސަލައެއް ކަން ސާފު ނުވާ ކަންކަން، ބައެއް ރިޕޯޓުތަކުގައި ހުރުމުން، މިހާރު އެ މައްސަލަތައް ހިމެނޭ ބައިތައް އެ ބޭފުޅުންގެ ރިޕޯޓުން ނެގި ވާހަކަ އުތެމަ ޖަމިއްޔާގެ ބޭފުޅުން ވަނީ މިނިސްޓްރީއާ ހިއްސާ ވެސް ކޮށްފައި." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓްރީއަށް އެ ޖަމިއްޔާގެ ބޭފުޅުން ހާޒިރުވާން އެންގުމުން ހާޒިރުވެ މިނިސްޓްރީން ކުރާ ސުވާލުތަކަށް ވެސް އެ ޖަމިއްޔާއިން ޖަވާބު ދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްލާމް ދީނަށް ފުރައްސާރަ ކޮށްފައިވާނަމަ އަދަބު ދިނުމުގެ މަސްއޫލިއްޔަތު މިނިސްޓްރީއަކަށް ނޯވެ އެވެ. މިނިސްޓްރީއަށް އޮންނަ ކަމަކީ އެފަދަ ކަމެއް ދިއުމުން، ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހެޅުން ކަމަށެވެ. އެ ގޮތުގެ މަތިން އެމްޑީއެންގެ ރިޕޯޓް ނެރުނު ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތްތައް ފުލުހުން ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި ކަނޑައެޅިގެން އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާއިރު އުތެމަ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި އެމްޑީއެންގެ ރިޕޯޓް ބަލައިގެންފައިވާ ކަމުގެ އަޑުފެތުރިފައިވެ އެވެ. އެއާ ގުޅިގެން އެމްޑީއެންގެ ރިޕޯޓް ނެރުނު މީހުނަށާއި އުތެމަގެ ރިޕޯޓް ނެރުނު މީހުނަށް ފިޔަވަޅު އެޅުމަށާއި، އުތަމެ އުވާލަން ގިނަ ޖަމިއްޔާތަކަކުން ގޮވާލާފައިވެ އެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލަ ބެލުމަށްފަހު ސަރުކާރުން ވަނީ އެ ޖަމިއްޔާ އުވާލާފައެވެ. އެ ޖަމިއްޔާ އުވާލާފައިވަނީ ވަރަށް ގިނަ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ގިނަ ރަށްތަކެއްގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފައިވަނިކޮށެވެ. މިއީ ޖަމިއްޔާއެއް އުވާލުމަށް ގޮވާލާ ރާއްޖޭގައި ހިންގުނު އެންމެ ބޮޑު ހަރަކާތެވެ