ދީނަށް ފުރައްސާރަ ކުރުން

ދީނާ ހިލާފް ވާހަކަ ދެއްކުމުން ނަސޭހަތަކުން ނުފުދޭނެ: ޑރ. އިޔާޒް

Jul 29, 2020
6

އިސްލާމް ދީނަށް ފުށު އަރާ ފަދަ ވާހަކަތަކެއް ހިމަނައިގެން ރިޕޯޓެއް ނެރުނު މައްސަލައެއްގައި އުތެމަ ޖަމިއްޔާއަށް އިސްލާމިކް މިނިސްޓްރީން ހަމައެކަނި ނަސޭހަތް ދިނުމުން ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒް ކަންބޮޑުވުން ފާޅު ކުރައްވާ ފާޑު ވިދާޅުވެއްޖެ އެވެ.

ވަކި ޖަމިއްޔާއެއްގެ ނަން ނުގެނެސް، އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ޖަމިއްޔާއަކަށް، އެއްވެސް ފަރުދަކަށް ވެސް އެ ގައުމެއްގެ ގާނޫނާއި ގަވާއިދާ ހިލާފު ކަންތައްތަކެއް ނުކުރެވޭނެ ކަމަށެވެ. ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލާފައި އަދަބު ދެވެން ޖެހޭނެ ކަމަށް އިޔާޒް ވިދާޅުވި އެވެ.

"އެންމެ ބޮޑު ހިޔާނާތް ވުމުން ހަމައެކަނި ނަސޭހަތަކުން ނުފުދޭނެ. އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެޅެން ވާނެ،" އިޔާޒްގެ ޓްވީޓުގައި ލިއުއްވާފައިވެ އެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، އުތެމައިން ނެރުނު ރިޕޯޓްގެ މައްސަލާގައި ވެސް އެ ޖަމިއްޔާގެ ބޭފުޅުންނާ ބައްދަލުކޮށް ނަސޭހަތް ދީފައިވާނެ ކަމަށެވެ. މިނިސްޓްރީގެ ފަރާތުން އެ ކަންބޮޑުވުންތައް ފާހަގަ ކޮށްދިނުމުން އެ ޖަމިއްޔާއިން އެ ކަން އިސްލާހުކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ، ދީނާ ފުށު އަރާ ވާހަކަތަކެއް ދެކެވިފައިވާ ކަން މިނިސްޓްރީއަށް ފާހަގަ ކުރެވުމުން، އެއީ ކޮންމެ ފަރާތަކަށް ވިޔަސް ފުރަތަމަ އަމަލު ކުރާ އުސޫލަކީ އެ ފަރާތްތަކަށް ނަސޭހަތްދީ އެ ކަމެއް އިސްލާހު ކުރަން އެންގުން ކަމަށެވެ.

އިސްލާމް ދީނަށް ކަނޑައެޅިގެން ފުރައްސާރަކޮށްފައިވާ ކަން ފާހަގަވާނަމަ އެ މައްސަލައެއް ފުލުހަށާއި ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅައިގެން ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ގޮތުން އެމްޑީއެންގެ ރިޕޯޓް ނެރުނު ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާއިރު އުތެމަ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި އެމްޑީއެންގެ ރިޕޯޓް ބަލައިގެންފައިވާ ކަމުގެ އަޑުފެތުރިފައިވެ އެވެ. އެއާ ގުޅިގެން އެމްޑީއެންގެ ރިޕޯޓް ނެރުނު މީހުނަށާއި އުތެމަގެ ރިޕޯޓް ނެރުނު މީހުނަށް ފިޔަވަޅު އެޅުމަށާއި، އުތަމެ އުވާލަން ގިނަ ޖަމިއްޔާތަކަކުން ގޮވާލާފައިވެ އެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓްގެ މައްސަލަ ބެލުމަށްފަހު ސަރުކާރުން ވަނީ އެ ޖަމިއްޔާ އުވާލާފައެވެ. އެ ޖަމިއްޔާ އުވާލާފައިވަނީ ވަރަށް ގިނަ ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ގިނަ ރަށްތަކެއްގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފައިވަނިކޮށެވެ. ނަމަވެސް މިހާތަނަށް ރިޕޯޓް ލިޔުނު މީހުނަށް ފިޔަވަޅެއް އެޅިފައެއް ނުވެ އެވެ.