ހަބަރު

އެމްޑީއެން، އުތެމަ މައްސަލަ އޮތް ހިސާބެއް ސާފުކޮށްދޭން އެދެފި

މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު ހައްދުފަހަނަ އަޅާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި އެ ޖަމިއްޔާގެ ރިޕޯޓަށް ތާއީދުކޮށް އިތުރު ރިޕޯޓެއް ތައްޔާރުކުރި އުތެމަ ޖަމިއްޔާގެ މައްސަލައިގެ ތަހުގީގު މިހާރު އޮތް ހިސާބެއް ސާފުކޮށް ދިނުމަށް ރައްޔިތުންގެ އިއްތިހާދުން އެދިއްޖެ އެވެ.

ރާއްޖޭގެ 26 ޖަމިއްޔާއެއް އެކުވެގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުން މިއަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އިސްލާމް ދީނަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ޖަމިއްޔާގެ ރިޕޯޓަށް ތާއީދުކޮށް އިތުރު ރިޕޯޓެއް ތައްޔާރުކުރި އުތެމަ ޖަމިއްޔާގެ މައްސަލަ އާއި ގުޅިގެން އެ އިއްތިހާދުން ޕްރޮސެކިއުޓަރު ޖެނެރަލްއާ ބައްދަލުކޮށްފައިވާ ކަމަށެވެ. އެ ބައްދަލްވުމުގައި ޕީޖީ ލަފާ ދެއްވީ ފުލުހުންގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބު ސާފުކުރުމަށްޓަކައި ފުލުހުންނަށް ލިޔުމަކުން ހުށައަޅައިގެން ހޯދުމަށްފަހު ފުލުހުންގެ ފަރާތުން ލިބޭ ޖަވާބާއި ލިޔެކިޔުމާއެކު އަލުން މައްސަލަ ޕީޖީއަށް ހުށައެޅުމަށް ކަމަށެވެ.

އެހެން ކަމުން އެމްޑީއެން އާއި އުތެމަ މައްސަލަ މިހާރު އޮތް ހިސާބު ސާފުކޮށް ދިނުމަށާއި މިހާތަނަށް ސުވާލު ކުރެވިފައިވަނީ ކޮންކޮން ބަޔަކާތޯ އަދި ތަހުގީގު ގޮސްފައިވާ ހިސާބުގެ ތަފްސީލް ލިޔެކިޔުމުން އަންގައިދިނުމަށް ވަނީ އެދިފައެވެ.

ރައްޔިތުންގެ އިއްތިހާދުން މީގެ ކުރިން ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުއާވެސް ބައްދަލުކޮށްފައެވެ. އަދި ޕީޖީ ހުސައިން ޝަމީމްއާވެސް ބައްދަލްކޮށްފައެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއާ ބައްދަލްވުމެއް ހަަމަޖައްސައިދެއްވުން އެދި ތިން ފަހަރެއްގެ މަތިން ސިޓީ ފޮނުވާފައެވެ.

މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލާގައި ހައްދުފަހަނަ އަޅާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލާފައިވާކަން ދުނިޔެއަށް ހާމަކޮށްދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަރިހުގައިވެސް އެ އިއްތިހާދުން އެދިފައިވެއެވެ.

ހަރުކަށި ހައްދުފަހަނައަޅާފައިވާ އެމްޑީއެން އުވާލި ނަމަވެސް އެ ޖަމާއަތުގައި ތިބެ، އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ލިޔުނު މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި ސަރުކާރުގެ ނިންމުމަށް ގޮންޖަހާ އެ ޖަމިއްޔާއިން އަދިވެސް ދަނީ ބަޔާންތައް ނެރެ، ހަރަކާތްތެރިވާއިރު އޭގެ ގިނަ ބޭފުޅުން ދައުލަތާއި ސަރުކާރުގެ އިސް ވަޒީފާތަކުގައި އެބަތިއްބެވި އެވެ.