ހަބަރު

ދެ ދާއިރާއަކުން ޕެންޝަން އޮފީސް އިސާގެ މިންގަނޑާ ހަމައަށް

ދެ ދާއިރާއަކުން، ޕެންޝަން އޮފީހުން އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަންގެ މިންގަޑުތައް ހާސިލު ކޮށްފި އެވެ.

ޕެންޝަން އޮފީހުން ބުނީ އެ އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން ޕެންޝަން ކޮންޓްރިބިއުޝަން ބަލައިގަތުމާއި ކޮމްޕްލަޔަންސްގެ މަސައްކަތްތައް ކުރަނީ އިންޓަނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (އިސާ) ގެ މިންގަޑުތަކަށް ކަމަށް އެ ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ކަމަށެވެ.

އިސާއަކީ ގައުމުތަކުގެ އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްސަސާތަކާއި ސަރުކާރު އޮފީސްތަކާއި ޑިޕާޓްމަންޓްތަކުގެ މައްޗަށް އެކުލެވޭ ޖަމްއިއްޔާއެކެވެ. އެ ޖަމްއިއްޔާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިންގުމުގެދާއިރާ ހަރުދަނާ ކުރުމާއި، މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުމާއި، ޑައިނަމިކް ސޯޝަލް ސެކިއުރިޓީ ނިޒާމުތައް ގާއިމުކުރުމާއި، ސިޔާސަތުތައް ކަނޑައެޅުމުގައި މެންބަރުންނަށް ލަފަޔާއި މަޝްވަރާދީ އެހީތެރިވުން ހިމެނެ އެވެ.

ދުނިޔޭގެ 150 ގައުމަކުން 320 ފަރާތެއް ބައިވެރިވާ އެ ޖަމްއިއްޔާގެ މެންބަރަކަށް ރާއްޖޭގެ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ވެފައިވަނީ 2016 ވަނަ އަހަރު އެވެ.