ރާއްޖެ ކުޅިވަރު

ފިޓްނެސް އިންސްޓްރަކްޓަރުން ރަޖިސްޓްރީކުރުމުގެ ކެމްޕޭނެއް ފަށައިފި

Sep 29, 2015
1

ރާއްޖޭގައި މަސައްކަތްކުރާ ފިޓްނެސް އިންސްޓްރަކްޓަރުން ރަޖިސްޓްރީކޮށް އެމީހުންނާ ބެހޭ މައުލޫމާތު ރަސްމީ ސިފައެއްގައި ބެލެހެއްޓުމުގެ ކެމްޕޭނެއް ބޮޑީ ބިލްޑިން ފެޑެރޭޝަން އޮފް މޯލްޑިވްސް (ބީބީއެފްއެމް) އިން ފަށައިފި އެވެ.

ފެޑެރޭޝަނުން ބުނެފައި ވަނީ މިފަދަ ކެމްޕޭނެއްގެ ދަށުން ހުރިހައި އިންސްޓްރަކްޓަރުން ހޯދައި ބަލައި ފާސްކުރަން ނުކުންނަނީ ޖިމާއި ފިޓްނެސްއާ ގުޅިފައިވާ އެފަދަ އެހެން ތަންތަނުގައި އަންކޮލިފައިޑް އިންސްޓްރަކްޓަރުން އިރުޝާދުދޭ ކަމުގެ ޝަކުވާ އާއި އެފަދަ ފަރާތްތަކާ އެކު މަސައްކަތްކޮށްގެން ސިއްހީ އެކި މައްސަލަތައް ދިމާވާ ކަމުގެ ޝަކުވާ ވެސް އާންމުންގެ ފަރާތުން ލިބެމުންދާތީ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ހުރިހާ އިންސްޓްރަކްޓަރުންނަކީ ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވެފައިވާ އިންސްޓްރަކްޓަރުންނަށް ހެދުން،" ބޮޑި ބިލްޑިން ފެޑެރޭޝަންގެ ރައީސް މުހައްމަދު ހަލީމް ވިދާޅުވި އެވެ.

"މިހާރު ކަންތައް ދާ ގޮތުން އަޅުގަނޑުމެންނަށް ޝަކުވާ އެބަ ލިބޭ އަންކޮލިފައިޑް އިންސްޓްރަކްޓަރުން އިރުޝާދު ދީގެން އެކި މީހުންނަށް ސިއްހީ ގެއްލުންތައް ވަމުންދާކަމުގެ. މި މައްސަލަ މިހާރު އޮތީ ވަރަށް ބޮޑުވެފައި."

ހަލީމް ވިދާޅުވީ އިންސްޓްރަކްޓަރުންނަށް ކޮލިފިކޭޝަންގެ ފުރުސަތު ހޯދައިދޭން އަންނަ މަހު ވޯލްޑް ބޮޑީ ބިލްޑިން ފެޑެރޭޝަނާ ގުޅިގެން އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ ކޯސްތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕޮލިސް އެކަޑެމީ އިން ވެސް އެފަދަ ކޯސްތަކަކަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވި އެވެ.

އެ ކޯހުގައި ބައިވެރިވުމުގެ މުއްދަތު އަންނަ މަހުގެ އަށެކާ ހަމަ އަށް ހުޅުވިފައި އޮންނާނެ އެވެ.