ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޗަން (އެޗްޑީސީ) އުވާލުމަކީ ހައްލެއް ނޫން ކަމަށާއި ހުޅުމާލެ ވަކި ސިޓީއަކަށް ހަދަން ޖެހޭ ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅު ވެއްޖެ އެވެ.
ސައުދު މިހެން ވިދާޅުވެފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް އެޗްޑީސީން ނިންމާފައިވާ ކަމަށްބުނެ މަޖިލީހަށް ހުށަހެޅި މައްސަލައެއްގައި ބަހުސް ކުރަމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެޗްޑީސީ އުވާލަންޖެހޭ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
ސައުދު ކުރެއވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލެއަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ދިރިއުޅެން ފަށާފައިވާ ބޮޑު އާބާދީއެއް ކުރިއަށް އޮތްތާނގައި ވަޒަންވެރިވާނޭ އާބާދީ ބޮޑު ރަށަކަށްވާނެ ކަމަށެވެ. އެހެންކަމުން އެޗްޑީސީ އުވާލުމަކީ ހައްލެއް ނޫން ކަމަށާއި ހުޅުމާލެ އަށް ވަކި ސިޓީއެއް އުފައްދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް އެޗްޑީސީން ނިންމުމާއި ގުޅިގެން މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހިން މީގެ ކުރިން ވެސް ބިން ވިއްކަން މަސައްކަތް ކޮށްފައިވާއިރު، 2017 ގައި ބައެއް މީހުނަށް ބިން ވިއްކާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މި ގޮތަށް ބިންތަކެއް ވިއްކެމުންދާއިރު މި މަޖިލީހުން ބަލަން ޖެހޭ، އަޅުގަނޑު ހުށަހަޅާލަން މިހާރު ވިއްކާފައި ހުރި ކޮން ބިންތަކެއްތޯ އަދި ވިއްކާފައި އޮތީ އާންމު އުސޫލުންތޯ، ކޮންމެ ވެސް ވަރަކަށް ބެލުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި ކުރަން ޖެހޭ ކަމެއް،" ބޮންޑެ ވިދާޅުވި އެވެ.
މީގެ އިތުރުން މި ކޮމިޓީގައި ބައިވެރިވި ބައެއް މެމްބަރުންވަނީ ހުޅުމާލެއަކީ އެޗްޑީސީގެ މިލްކިއްޔާތެއްތޯ ބަލަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހުށަހެޅުންތަކަށް ޖަވާބު ދިނުމަސް މަޖިލީހުން ވަނީ އެޗްޑީސީ އަށް އަންގާފަ އެވެ.
ހުޅުމާލެ އިތުރަށް ތަރައްގީ ކުރުމަށްޓަކައި އެ އަވަށުގެ މަސައްކަތްތައް ހިންގަން އެޗްޑީސީއާ ހަވާލު ކުރަން ނިންމާފައި ވަނީ ވެސް ރައީސް ޔާމީންގެ ސަރުކާރުގަ އެވެ.