ވިޔަފާރި

ދިރާގުން ރާއްޖޭގެ ހުރިހާ ރަށަކަށް ތްރީޖީގެ ހިދުމަތް ދީފި

Sep 29, 2015

ދިރާގުން ރާއްޖޭގެ ހުރިހާ ރަށަކަށް ތްރީޖީގެ ހިދުމަތް ދީފިއިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ދިރާގުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ވަހީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ތްރީޖީގެ ހިދުމަތް ދިނުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"މިއީ ދިރާގުގެ ތާރީހުގައި ފާހަގަ ކޮށްލެވޭ ކަމެއް،" އިސްމާއިލް ވިދާޅުވި އެވެ.

ދިރާގުގެ ޑިރެކްޓަރު މާކެޓިން އަހުމަދު މައުމޫނު ވިދާޅުވީ އެ ކުންފުނިން މުޅިރާއްޖެއަށް ތްރީޖީގެ ހިދުމަތް ދިނުމަށް ފެށި މަސައްކަތުން މި ހިދުމަތް ދެވިފައިވަނީ ނުވަ މަސް ދުވަހުގެ މަސައްކަތުން ކަމަށެވެ.

"މުޅި މަޝްހޫރުގެ އަގު ގާތްގަނޑަކަށް 17 މިލިއަން ޑޮލަރު ހޭދަވާނެ،" މައުމޫނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ހިސާބަކަށް ތްރީޖީގެ ހިދުމަތް ދިނުމަކީ ދުނިޔޭގެ ފެންވަރުންވެސް ފާހަގަ ކޮށްލެވޭނެ ކަމެއް ކަމަށެވެ.

"މީހުން ދިރިއުޅޭ ހުރިހާ ހިސާބަކަށް ތްރީޖީގެ ހިދުމަތް ދެވިފައިވާ ކުންފުނިތައް ފަސް އިނގިލިން ގުނާލެވޭހާ މަދުވާނެ. އެހެންވެ މިއީ ރެކޯޑެއް،" މައުމޫނު ވިދާޅުވި އެވެ.

އެމްޑީ، އިސްމާއިލް ވިދާޅުވީ ތްރީޖީގެ ހިދުމަތް މުޅިރާއްޖޭގައި ފެށުމަށްފަހު އެ ކުންފުނިން ހުއްޓާ ނުލާނެ ކަމަށެވެ.

"މި ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމުގެ މަސައްކަތް އަބަދުވެސް ކުރިއަށް ގެންދާނެ،" އިސްމާއިލް ވިދާޅުވި އެވެ.

ދިރާގުން ބުނީ ތްރީޖީގެ ހިދުމަތް ދީފައިވާއިރު، އެ ކުންފުނިން އާބާދީގެ 55 ޕަސެންޓަށް ފޯޖީގެ ހިދުމަތް ދެވިފައިވާ ކަމަށެވެ.