ކުޅިވަރު

ކުރީގެ ޓީމަށް އެހީވާން ރޮބެން އަލުން ކުޅެން ފަށަނީ

މިދިޔަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލި އާރެން ރޮބެންގެ ފުރަތަމަ ކުލަބަށް އެހީވާން އަލުން ކުޅެން ނިންމައި އެކުލަބަށް އޭނާ ސޮއި ކޮށްފި އެވެ.

ޓޮޕް ލެވަލްގައި 19 އަހަރު ފުޓްބޯޅަ ކުޅުމަށް ފަހު ބަޔާން މިޔުނިކްގެ ކުރީގެ ފޯވަޑް ވަނީ މިދިޔަ އަހަރު ޖުލައި މަހު ފުޓްބޯޅަ ކުޅުން ހުއްޓާލައި ރިޓަޔާމެންޓް އިއުލާން ކޮށްފަ އެވެ. ރޮބެންގެ ކެރިއާ ފެށީ 2000 ވަނަ އަހަރު އޭނާގެ އަމިއްލަ ގައުމު ހޮލެންޑްގެ ގްރޯނިންގެން އިންނެވެ. އެ ކުލަބަށް ދެ އަހަރު އޭނާ ކުޅުނެވެ.

ރޮބެން އުފަންވީ ހޮލެންޑްގެ ބިޑްމް އަށެވެ. ފަހުން އޭނާގެ ދިރިއުޅުން ގްރޯނިންގެން އަށް ބަދަލު ކުރި އެވެ. އޭނާ ކައިވެނި ކުރީވެސް ހޮލެންޑްގެ އުތުރުގައި އޮންނަ އެ ސިޓީގަ އެވެ. ހޮލެންޑްގެ ގައުމީ ޓީމަށް 96 މެޗު ކުޅުނު ރޮބެން ވަނީ ހޮލެންޑްގެ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ސްޕެއިން އާ ދެކޮޅަށް ކުޅުނު އެ މެޗުގެ ދެ ވަނަ ހާފުގައި އޭނާ އަށް ވަނީ މެޗުގެ ނަތީޖާ ބަދަލު ކޮށްލަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން ހޮލެންޑްގެ ލީގް އޭޕްރީލް މަހު މެދު ކަނޑާލި ގޮތަށް އަލުން ލީގް ކުރިއަށް ނުގެންދިއުމަށް އެ ގައުމުގެ ލީގުން ނިންމި އެވެ. ޗެމްޕިއަން ޓީމު އަދި ރެލިގޭޓް ވާނެ ޓީމު ތަކެއްވެސް ކަނޑަނާޅައި ލީގް ނިންމާލި އިރު ގްރޯނިންގެން އޮތީ ތާވަލުގެ ނުވަ ވަނައިގަ އެވެ.

ލީގް މެދުކަނޑާލުމުން އެ ޓީމަށް މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވިއެވެ. އަދި ޓެކްނިކަލީވެސް ގިނަ ދަތިތަކެއް އެޓީމަށް ކުރިމަތި ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެހެންވެ އޭނާ ފުރަތަމަ ކުޅުނު ކުލަބަށް އެހީ ވުމަށް ރޮބެން،36 ވަނީ ރިޓަޔާމެންޓް ކެންސަލް ކުރުމަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ނިންމާފަ އެވެ.

ލިވަޕޫލާ އެކު އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން މިދިޔަ ހަފުތާގައި ހޯދި ގްރޯނިންގެންގެ ކުރީގެ ޑިފެންޑަރު ވާޖިލް ވެންޑައިކްވެސް ވަނީ އެ ކުލަބަށް އެހީވާން ފުލު ސީޒަންގެ ހަތަރު ޓިކެޓް ގަނެފަ އެވެ. އެ ކުލަބުގެ ސަޕޯޓަރުންވެސް ވަނީ، ވެންޑައިކް އާއި ރޮބެންގެ ބޫޓް އޮންލައިން އޯޑަރަށް ވިއްކައިގެން ކުލަބަށް ފައިސާ ހޯދުމަށް ހަރަކާތްތައް ހިންގަން ފަށާފަ އެވެ.

ކުޅެން އަލުން ފަށަން އިއުލާން ކުރަމުން، ރޮބެން ބުނީ ގްރޯނިންގެން އާ ގުޅި އެ ކުލަބުގެ ސަޕޯޓަރުންނާ ބައިވެރިވުމަށް އޭނާގެ ހިތް ގޮވަމުން ދިޔަ ކަމަށެވެ.

"ވަރަށް އުފާވާ ކަމެއް އެންމެންވެސް ކުލަބަށް އެހީވުމަށް ހަރަކާތްތައް ހިންގަމުން ދާތީ، އަހަންނަށްވެސް ކޮންމެވެސް ކަމެއް ކުލަބަށް ކޮށްދެވިއްޖެ، އެހެންނަމަވެސް އަހަރެން ވިސްނީ އިތުރަށް އަހަންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ، އެހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަރެން އެހީ މި ކުލަބުގެ ސަޕޯޓަރުންގެ އަޑު، ސަޕޯޓަރުން ބުނަމުން ދަނީ 'އާރެން އޭ ކަލޭ ހިތް އެދޭ ގޮތަށް އަންނާށެ،" ގްރޯނިންގެން ސޯޝަލް މީޑިއާ އެކަންޓްތަކުގައި އާންމުކޮށްފައިވާ ރޮބެންގެ ވީޑިއޯ މެސެޖުގައި އޭނާ ބުނެފައި ވެއެވެ.

"އަހަންނަށް ފެނުނީ އެފްސީ ގްރޯނިންގެން ކުޅުންތެރިޔެއްގެ ގޮތުގައި އަލުން އެނބުރި އައުން، އަހަރެން އަލުން ކުޅެން ވިސްނީ މިހިޔާލުގެ މައްޗަށް، އަހަރެންގެ މިޝަންއެއްގެ ގޮތުގައި އަހަރެން އެކަން ކަނޑައަޅައިފިން ގްރޯނިންގެން ކުޅުންތެރިޔެއްގެ ގޮތުގައި އެނބުރި އައުން."

ރޮބެން އިތުރަށް ބުނީ އަނިޔާގައި ހުރުމުން މިވަގުތު އޭނާ އަށް ކުޅެވޭނެ ކަމާމެދު ޔަގީން ކޮށް އެއްޗެއް ބުނަން ނޭންގޭ ކަމަށެވެ. އެހެންނަމަވެސް އަނިޔާއިން ރަނގަޅުވެ އޭނާގެ 100 ޕަސަންޓް އެ ކުލަބަށް ދޭނެ ކަމަށް ރޮބެން ބުންޏެވެ.

ރޮބެން ވަނީ ޗެލްސީ، ރެއާލް މެޑްރިޑް އަދި ބަޔާން މިޔުނިކާ އެކު އެ ކުލަބު ނިސްބަތްވާ ގައުމުތަކުގެ އެންމެ ޓޮޕް ލީގް ކާމިޔާބު ކޮށްފަ އެވެ. އޭނާ 10 އަހަރު ވަންދެން ކުޅުނު ބަޔާން މިޔުނިކުން ވަނީ ބުންޑެސް ލީގާގެ ޗެމްޕިއަންކަން ޖެހިޖެހިގެން އަށް ވަނަ ފަހަރަށް މިމަހު ކަށަވަރު ކޮށްފަ އެވެ.