ވިޔަފާރި

ރާއްޖޭގެ ރިޒާވް އެންމެ ދަށްވީ ކޮން އަހަރަކު؟

Jul 2, 2020
4

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމެވެ. އެހެންވެ ގައުމަށް ހާއްސަކޮށް ރައްޔިތުނަށް ބޭނުންވާ އަސާސީ ސާމާނު އެތެރެކުރަން ކޮންމެވެސް ވެސް ރަނގަޅު ރިޒާވްއެއް ހުންނަން ޖެހެ އެވެ. ހާއްސަކޮށް ބޭނުން ޖެހިއްޖެ ހިނދެއްގައި އަތްލެވޭނެ ގޮތަށް ހަޒާނާގައި ފައިސާ ހުންނަން ޖެހެ އެވެ. ރާއްޖޭގެ ރިޒާވް މަތިވެ، އިތުރުވުމުގައި ގައުމުގެ އިގްތިސޯދީ ދުޅަހެޔޮކަން މުހިންމު ދައުރެއް އަދާކުރެ އެވެ. ދައުލަތުން ކުއްލިއަކަށް ސުންގަޑި ހަމަވާ ފައިސާގެ މިންވަރު ވެސް ދައުރެއް އަދާކުރެ އެވެ. ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ދަށްވުމުގެ ސަބަބުން މި އަހަރު ރިޒާވް އަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ބެލެ އެވެ. އޭގެ އަސަރު މިހާރު ވެސް ކުރަން ފަށައިފި އެވެ. މަހުން މަހަށް ބަލާއިރު ރިޒާވް ދަނީ ދަށްވަމުންނެވެ.

މިހާރުގެ ސުވާލަކީ ރާއްޖޭގެ ރިޒާވްގައި ހުރީ ކިހާ ފައިސާ އެއް ހެއްޔެވެ؟ ރާއްޖޭގެ ރިޒާވް އެންމެ ދަށްވީ ކޮން ފަހަރު ހެއްޔެވެ؟ ރާއްޖޭގެ ޖުމްލަ ރިޒާވް އެންމެ ދަށްވީ ކޮން އަހަރަކު ހެއްޔެވެ؟ ޔޫޒަބަލް ރިޒާވް އަޑި އަޅާލީ ކޮން އަހަރަކު ހެއްޔެވެ؟

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ރާއްޖޭގެ މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖޭގެ ގްރޮސް އިންޓަނޭޝަނަލް ރިޒާވް ނުވަތަ އެންމެންނަށް އެނގޭ އާއްމު ބަހުރުވައިން ބުނާނަމަ ޖުމްލަ ރިޒާވްގައި ހުރީ 836.94 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 54 ބިލިއަން ރުފިޔާ ) އެވެ. މި އަދަދަކީ އޭގެ ކުރީގެ މަހުގެ މި މުއްދަތުގައި ހުރި 889.39 މިލިއަން ޑޮލަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް 5.9 ޕަސެންޓުގެ ދަށްވުމެކެވެ. ނަމަވެސް އަހަރު އަހަރަށް އަޅާ ކިޔާނަމަ މިއަދަދު ވަނީ މަތިވެފަ އެވެ.

ޖުމްލަ ރިޒާވް ހުރި މިންވަރު ވޭތުވެ ދިޔަ ހަތް އަހަރު ދުވަހަށް ބަލާނަމަ އެންމެ ބޮޑަށް ދަށްވެފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ޑިސެމްބަރު މަސް އަދި 2017 ގެ ޖެނުއަރީ މަހު އެވެ. އަދި 2017 ގެ މެއި މަހާއި އޮކްޓޫބަރު މަހު އެވެ. މިދިޔަ ހަތް އަހަރު ދުވަހު ޖުމްލަ ރިޒާވް އެންމެ ބޮޑަށް ދަށްވެފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ ފަހަރު ރިޒާވް 343.50 މިލިއަން ޑޮލަރަށް ޖުމްލަ ރިޒާވް ވެއްޓިގެން ދިޔަ އެވެ.

ޔޫޒަބަލް ރިޒާވްގައި 200 މިލިއަން ޑޮލަރަަށް!

ރާއްޖެއަށް ބޭނުން ޖެހޭ ހާލަތުގައި ބޭނުން ކުރެވޭ ގޮތަށް ހުންނަ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގައި އާއްމުކޮށް ހުންނަނީ ތިން މަސް ނޫނީ ދެ މަހުގެ އެކްސްޕޯޓަށް ބޭނުންވާ ވަރަށް ފައިސާ އެވެ. ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ހަތް އަހަރު ތެރޭ ހުރި މިންބަރު އެންމެފަހުން ބޮޑުތަން ދަށްވެފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު އަދި ނޮވެމްބަރު މަހު އެވެ. އެ އަހަރު ރިޒާވް 162.9 މިލިއަން ޑޮލަރަށް ވެއްޓިފައިވެ އެވެ. ދެން އެންމެ ބޮޑަށް ދަށްވެފައިވަނީ އެ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

ދެން އޮތީ ބޮޑު ސުވާލެކެވެ؟ މިހާރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ ކިހާ ފައިސާއެއް ހެއްޔެވެ؟

އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މެއި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ބަލާއިރު ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގައި ހުރީ 201 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.1 ބިލިއަން ރުފިޔާ) އެވެ. މިއީ އެޕްރީލް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުރި 230.47 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 12 ޕަސެންޓު ދަށްވުމެކެވެ. އަދި މިއީ އަހަރުން އަހަރަށް ބަލާނަމަ 19 ޕަސެންޓުގެ ދަށްވުމެކެވެ.