ހަބަރު

ބީއެމްއެލްއިން ކުމުންދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ހދ. ކުމުންދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފި އެެވެ.

ބީއެމްއެލް އިން ބުނީ ކުމުންދޫގައި އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލު ކޮށްފައިވާ ކަމަށެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ތިމާވެއްޓާއި ރަށްޓެހި ޕްރޮޖެކްޓަތަކަށް އެ ބޭންކުން ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމަށެވެ. އަދި މި ޕްރޮޖެކްޓަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހިންގުނު ތަފާތު ޕްރޮޖެކްޓެއް ކަމަށާއި މި ޕްރޮޖެކްޓްގެ ސަބަބުން ކުމުންދޫގެ ކަރަންޓް ގްރިޑަށް ލޯޑް ކުޑަވެ، ކަރަންޓަށް ކުރާ ހޭދައަށް ލުޔެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ކައުންސިލުން އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވާ ގޮތުގައި ކަރަންޓް ލޯޑްކުޑަކުރުމަށް ވަރަށް ގިނައިން މަގުބައްތިތައް ނިއްވާލަންޖެހި އެކަމުގެ ދަތި އުނދަގޫތަކާ ރައްޔިތުން ތަހައްމަލްކުރަން ޖެހޭކަމަށް. އަޅުގަނޑުމެންގެ އުއްމީދަކީ މި ޕްރޮޖެކްޓާއެކު މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބި ރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެން ދިޔުން،" ސައީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަޅުގަނޑުގެ އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ހޭލުންތެރިކުރުވާ އަދި އިތުބާރު އުފެއްދުން ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ސަބަބުން ބައެއް ފަހަރު އިންޖީނުގެއަށް ލޯޑުކުޑަކުރުމަށް ކަރަންޓް ކަނޑާލެވޭ ވަގުތުތަކުގައި ވެސް މިރަށުގެ މަގުތަކަކީ އެންމެނަށް އަމާން ތަނަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ކުމުންދޫގައި މި ޕްރޮޖެކްޓުް ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު އަމީން ވިދާޅުވީ މިހާރު ކުމުންދޫގެ އާންމު ތަންތަނަށް ކަރަންޓް ދިނުމަށް ހޭދަކުރާ މިންވަރުން %20 ކުޑަވެގެން ދާނެކަމަށް ގަބޫލްކުރެވޭ ކަމަށެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިއަހަރުގެ ޕްރޮޕޯސަލްތައް ހުށަހެޅުން ތިން ފިޔަވައްސަކަށް ބަހާލުމަށްވަނީ ހަމަޖެހިފަ އެވެ. އަދި ފުރަތަމަ ދެ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވުމަށް ހަމަޖެހިފައިވާއިރު ތިންވަނަ ފިޔަވަހީގައި 10 ޕްރޮޕޯސަލް ހޮވިގެންދާނެ އެވެ. ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.