ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު އާތޫރު މެލޯ ޔުވެންޓަސް އަށް ބަދަލު ވިއިރު، އޭނާގެ ބަދަލުގައި ޔުވެންޓަސްގެ މިޑްފީލްޑަރު މިރެލެމް ޕިއާނިޗް ބާސާއަށް ބަދަލު ވެއްޖެ އެވެ.
ޓްރާންސްފާގެ އެކްސްޗޭންޖެއްގެ ގޮތުގައި ހެދި ދެ ކުޅުންތެރިންގެ ޓްރާންސްފާ ޑީލްގެ އަގު 147 މިލިއަން ޔޫރޯ އަށް އަރަ އެވެ. އާތޫރުގެ ޓްރާންސްފާ އަށް ޔުވެންޓަސް އިން ވަނީ ބާސާ އަށް 72 މިލިއަން ޔޫރޯ ދޭން އެއްބަސް ވެފަ އެވެ. އަދި އެޑް އޯންސްގެ ގޮތުގައި ދޭ 10 މިލިއަން ޔޫރޯ ހިމެނެ އެވެ. ޕިއާނިޗްގެ ޓްރާންސްފާ އަށް ބާސާއިން ހަރަދު ކުރީ 60 މިލިއަން ޔޫރޯ އެވެ. އަދި ފަހުން އެޑްއޯންސްގެ ގޮތުގައި ފަސް މިލިއަން ޔޫރޯ ވެސް ވަނީ ހިމަނާފަ އެވެ.
އާތޫރު ޔުވެންޓަސް އަށް ސޮއި ކުރީ ފަސް އަހަރު ދުވަހުގެ އެއްބަސް ވުމެއްގަ އެވެ. ޕިއާނިޗް ބާސާ އަށް ސޮއި ކުރީ ހަތަރު އަހަރުގެ އެއްބަސްވުމެއްގަ އެވެ.
ކޮރޯނާ ވައިރަސް އާ ގުޅިގެން ދިގު ދެމިގެން ދިޔަ ސީޒަން ނިމެންދެން، ދެ ކުޅުންތެރިން ވެސް މިހާރު ވެސް ކުޅެމުންދާ ކުލަބުތަކުގައި ތިބޭނެ އެވެ. ރަސްމީކޮށް ކުލަބު ބަދަލު ކުރާނީ ސީޒަން ނިމުމަށް ފަހު އެވެ.
ޔުވެންޓަސް ނިސްބަތްވާ އިޓަލީ ޓްރީން އަށް އާދިއްތަ ދުވަހު ގޮސް އާތޫރު ވަނީ ޔުވެންޓަސްގެ މެޑިކަލް ފުރިހަމަކޮށް އެ ޓީމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފަ އެވެ. އަދި އިއްޔަ އަލުން ބާސެލޯނާ އަށް ގޮސް ބާސާގެ ތަމްރީންތަކަށް ނުކުތެވެ. މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސާ ކުލޭ މެޗުގެ ސްކޮޑްގައިވެސް އޭނާ ހިމަނާނެ ކަމަށް ބެލެވެ އެވެ.
އެނބުރި ބާސެލޯނާއަށް އައިސް ކުރި ޓްވީޓްގައި އާތޫރު ވަނީ، އެންމެ ފަހު ވަގުތާ ހަމައަށް ވެސް ބާސާ އަށް އޭނާގެ 100 ޕަސަންޓް ދޭނެ ކަމަށެ ބުނެފަ އެވެ.
"އަހަރެން މިހުރީ މިހާރު އޮތް މަސައްކަތަށް ފޯކަސް ކޮށްގެން، ބާސެލޯނާ ގައި މިވަގުތު އެބައޮތް އަހަރެންގެ މުހިންމު ލަނޑުދަނޑިއެއް،" ޓްވިޓާގައި އާތޫރު ލިޔެފައި ވެއެވެ. "އަހަރެންގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްޗެއް އެންމެ ފަހު ވަގުތާ ހަމައަށް ވެސް މި ކުލަބުގެ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ދޭނަން."
ބާސާއިން އާތޫރު ވިއްކާލީ ކީއްވެ
ބްރެޒިލްގެ ގްރޭމިއޯ އިން 2018 ވަނަ އަހަރު ބާސާއަށް ބަދަލުވި މިޑްފީލްޑަރު މީގެ ކުރިން އަބަދުވެސް ބުނަމުން އައީ އޭނާ ބާސާއަށް ސޮއި ކުރީ އެ ކުލަބުގައި މަޑު ކުރަން ކަމަށެވެ. ޔުވެންޓަސް އަށް އޭނާ ވިއްކާލަން ބާސާގެ މެނޭޖުމެންޓުން އެއްބަސްވުމުން އެ ކުލަބުގެ މެނޭޖުމެންޓަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިއުން އަމާޒު ވެފަ އެވެ. ބާސާއިން އުމުރުން 23 އަހަރުގެ މީޑްފީްލޑަރު ޔުވެންޓަސް އަށް ވިއްކާލުމަށް ފަހު އުމުރުން 30 އަހަރުގެ މިޑްފީލްޑަރެއް ގެނައުމުގެ ފަހަތުގައި ވަނީ ކޮންކަމެއްތޯ ބުނެ ފުޓްބޯޅަ ނޫސްވެރިންނާ މިޑިއާތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
މި މަހުވެސް އޭނާ ބުނީ، ބާސާގައި މަޑުކުރަން އޭނާ ބޭނުންވާ ކަމަށެވެ. ބާސާގެ ކެޕްޓަން ލިއޮނަލް މެސީ، އާތޫރު ސިފަ ކޮށްފައި ވަނީ އެ ޓީމުގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒްގެ ގޮތުގަ އެވެ. ބާސާއިން އާތޫރުގެ ބަދަލުގައި ބޮސްނިއާގެ ޕިއާނިޗް ގެނައީ ޓެކްނިކަލް ވިސްނުމެއްގައެއް ނޫނެވެ. ޔުވެންޓަސްގެ ކޯޗް ކަމާ މައުރީޒިއޯ ސާރީ ހަވާލުވި ފަހުން އެ ޓީމުން އޭނާ އަށް ލިބޭ ފުރުސަތު ވަނީ މަދުވެފަ އެވެ.
ބާސާއިން އާތޫރު ވިއްކާލުމުގެ ފަހަތުގައި އޮތީ މާލީ ގޮތުން ކުލަބަށް ހަމަޖެހުމެއް ގެނައުމެވެ.
އޭޕްރީލް އަދި މެއި މަހު މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ ބާސާގެ އެކައުންޓްތައް ބެލެންސް ކުރަން ޖެހޭތީ ޖޫން 30 ގެ ކުރިން ކުޅުންތެރިން ވިއްކައިގެން އެ ކުލަބުގެ އެކައުންޓަށް 70 މިލިއަން ޔޫރޯ ވައްދަން ޖެހޭ ކަމަށެވެ. އެކައުންޓް ބެލެންސް ކުރުމަށް ބާސާއިން ވިއްކާލަން ލިސްޓް ކުރި ކުޅުންތެރިންނަކީ އާތޫރުގެ އިތުރުން، އިވާން ރަކިޓިޗް އަދި އާޓޫރޯ ވިޑްލާ އެވެ. ޖޫނިއާ ފިރުޕޯ، އުމްޓީޓީ އަދި ނެލްސަން ސެމޭޑޯ ވިއްކާލަން ޓްރާންސްފާގައި ލިސްޓް ކުރި ނަމަވެސް އެ ކުޅުންތެރިން ރަނގަޅު އަގެއްގައި ގަންނާނެ ކުލަބުތަކެއް ނުވި އެވެ. މިދިޔަ އަހަރު އޯގަސްޓްގައި ބާސާއިން ވަނީ އެ ޓީމަށް ކުޅުނު ބްރެޒިލްގެ ޒުވާން ފޯވަޑް މެލްކޮމް، ޒެނިޓް ސެއިންޓް ޕިޓާސްބާގަށް 40 މިލިއަން ޔޫރޯ އަށް ވިއްކާލާފަ އެވެ. މިދިޔަ އަހަރު އެ ކުލަބުން ހެދި މައިގަނޑު ޓްރާންސްފާ އަކީ މެލްކޮމް ވިއްކާލުމެވެ.
މާލީ އަހަރު މިއަދު ނިމޭއިރު، ބާސާ އެކައުންޓް ބެލެންސް ހަމަ ކުރަން ބޭނުންވާ އަދަދު ކުޅުންތެރިން ވިއްކައިގެން ނުހޯދުނު ނަމަ މާލީ އެހެން ޕެނަލްޓީއެއް އެ ކުލަބަށް ކުރިމަތިވީހެވެ. އާތޫރު ވިއްކާލައިގެން ލިބުނު 72 މިލިއަން ޔޫރޯ އާއި މެލްކޮމް ވިއްކާލުމުން ލިބުނު 40 މިލިއަން ޔޫރޯ އާއެކު ޖުމުލަ 112 މިލިއަން ޔޫރޯ ބާސާގެ އެކައުންޓަށް ވަދެފައި ވުމުން ކުރިމަތި ވެދާނެ އިތުރު ތަކުލީފަކުން އެ ކުލަބަށް ވަނީ ސަލާމަތް ވެވިފަ އެވެ.
މިދިޔަ އަހަރު ފާސް ކުރި މި ސީޒަންގައި ބާސާގެ އަހަރީ ބަޖެޓްގައި އެކުލަބުން ހިމާނާފައި ވަނީ 2019-20 ސީޒަންގައި ސޭލްސްގެ ގޮތުގައި 124 މިލިއަން ޔޫރޯ އެ ކުލަބަށް ލިބޭނެ ކަމަށެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން ކުލަބަށް ލިބެން ޖެހޭ އިތުރު އާންމުދަނީތައް ހުއްޓުމުން ބާސާއިން ވަނީ އެ ކުލަބުގެ ކުޅުންތެރިންގެ މުސާރަ ދެ ފަހަރެއްގެ މަތިން ކުޑަ ކޮށްފަ އެވެ. ކުލަބުގެ ނައިބު ރައީސް ޖޯޑީ ކާޑަނާ މިދިޔަ މަހު ވިދާޅުވީ ކޮރޯނާ ވައިރަސް އާ ގުޅިގެން ކުލަބަށް 120 މިލިއަން ޔޫރޯ އާއި 140 މިލިއަން ޔޫރޯ އާ ދެމެދުގެ އަދަދަކުން ގެއްލުން ވެފައިވާ ކަމަށެވެ.
ޓިކެޓް ސޭލްސް އާއި ކުލަބުގެ ދާރުލް އާސާރުން ލިބޭނެ ކަމަށް ލަފާ ކުރި އަދަދުގެ ތެރެއިން 50 މިލިއަން ޔޫރޯގެ ގެއްލުން ވަނީކުރިމަތި ވެފަ އެވެ. ޓީވީ އިންކަމްގެ ގޮރުގައި 39 މިލިއަން ޔޫރޯ އިން ވަނީ ގެއްލުން ވެފަ އެވެ. ކުލަބުގެ ރަސްމީ ސްޕޯޓްސް ވެއާއިންނާއި ފުޓްބޯޅަ ސްކޫލްތަކުން އަދި ލެޖެންޑުންގެ ހަރަކާތްތަކުން ލިބޭނެ ކަމަށް އަންދާޒާ ކުރި ފައިސާގެ ތެރެއިން 20 މިލިއަންނާއި 25 މިލިއަން ޔޫރޯ އާ ދެމެދުގެ އަދަދަކުން ވަނީ ގެއްލުން ވެފަ އެވެ.