ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

މާ އަވަހަށް ޓެސްޓް ކުރުމުން ކޮވިޑް-19 ރިޕޯޓް ފޯލްސް-ނެގެޓިވް ވޭ: ދިރާސާ

އެމެރިކާގެ ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ސައިންސްވެރިންގެ ފަހުގެ ހޯދުމެއް ދައްކާ ގޮތުން ކޮވިޑް-19 ހުރިތޯ ބަލަން މީހުން މާ އަވަހަށް ޓެސްޓްކުރުމުން "ފޯލްސް ނެގެޓިވް" ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މާނައަކީ ވައިރަސް އެމީހެއްގެ ހަށީގަނޑުގައި ހުރި ނަމަވެސް ޓެސްޓުން ވައިރަސް ހުރި ކަމަށް ނުދެއްކުމެވެ.

"ނެގެޓިވް ޓެސްޓެއްގެ މާނައަކީ އެމީހާގެ ގައިގައި ވައިރަސް ނެތެކޭ ނޫން. ބަލީގެ އަލާމާތްތައް ހުއްޓަސް ނެތަސް މި ނަތީޖާ މިގޮތަށް ދައްކަފާނެ. އެއީ އެމީހާގެ ގައިގައި ވައިރަސް ނެތް ކަމުގެ ގެރެންޓީއެއް ނޫން،" ޖާނަލްސް އެނަލްސް އޮފް އިންޓާނަލް މެޑިސިންގައި ޝާއިއުކޮށްފައިވާ މި ދިރާސާ ރިޕޯޓުގައި މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ސައިންސްވެރިޔާ ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ނެގެޓިވް ޓެސްޓަކަށް އަހަރެން ރެސްޕޮންޑްކުރާ ގޮތާއި އެ މާނަ ކުރާ ގޮތް މިކަމުގައި ވަރަށް މުހިއްމެވެ. ސަބަބަކީ އަހަރެމެން ޓެސްޓުގެ ނަތީޖާ މުޅިން ބަރާބަރުކަމަށް ދެކެފިނަމަ އިތުރު އެހެން ބަޔަކު ނުރައްކަލުގެ ހުށަހެޅޭތީ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ކޮރޯނާވައިރަސް އިންފެކްޝަން ހުރިތޯ ބަލާ މެތަޑަކަށް ކިޔަނީ ޓްރާންސްކްރިޕްޓޭސް ޕޯލްމެރޭސް ޗެއިން ރިއެކްޝަން (އާރްޓީ-ޕީސީއާރް) އެވެ.

މި ޓެސްޓަކުން ވައިރަހުގެ ޖެނެޓިކް މެޓީރިއަލްސް ދެނެގަނެ ހޯދަ އެވެ. ނަމަވެސް ސްވޯބް ލައްވައިގެން ސާމްޕަލް ނަގާއިރު ވައިރަސް އިން އިންފެކްޓް ވެފައިވާ ސެލް އެއް ނުނެގިއްޖެނަމަ ޓެސްޓްގެ ނަތީޖާ ދައްކާނީ ނެގެޓީވް ކޮށެވެ. އަދި ވައިރަސް ހަށީގަނޑުގައި ހުއްޓަސް އިންފެކްޝަންގެ ކުރީކޮޅު ވަރަށް މަދުން ހުންނާތީ ސްވޯބަށް ވައިރަސް ނުނެގުމުގެ ފުރުސަތު ވެސް އޮންނަ ކަން ސައިންސްވެރިން ފާހަގަ ކޮށްފައި ވެއެވެ. އެހެންވެ ބައެއް ފަހަރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ކޮށް ދައްކަފާނެ އެވެ.

މި އާ ދިރާސާއަށް ސައިންސްވެރިންގެ ޓީމުން ވަނީ މީގެ ކުރީގެ ހަތް ދިރާސާއަކަށް ވެސް ބަލާފަ އެވެ. އަދި އެކި ހޮސްޕިޓަލުތަކުން ނަގާފައިވަނީ 1،330 ސްވޯބް ސާމްޕަލްގެ ނަތީޖާތަކަށް ވެސް ބަލާފަ އެވެ.

ސައިންސްވެރިން ބުނަނީ ހަށިގަނޑަށް ވައިރަހުން ހަށިގަނޑަށް އިންފެކްޝަނެއް ޖެހޭތާ ހަތަރު ދުވަސް ތެރޭގައި ޓެސްޓްކުރާ މީހުންގެ ތެރެއިން 67 ޕަސެންޓް މީހުންގެ ނަތީޖާ ފޯލްސް ނެގެޓިވް ވުމުގެ ފުރުސަތު އޮންނަ ކަމަށެވެ. މި މުއްދަތުގައި ޓެސްޓްކުރާއިރު އެ މީހެއްގެ ކިބައިން ވެސް ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން ފޯލްސް ނެގެޓިވް ވުމުގެ ފުރުސަތު 38 ޕަސެންޓަށް ދަށްވެ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އެންމެ ރަނގަޅީ އިންފެކްޓްވާތާ އަށް ދުވަސް ފަހުން ކުރާ ޓެސްޓުގެ ނަތީޖާ އެވެ. ނަމަވެސް އޭރުން ވެސް ފޯލްސް ނެގެޓިވް ވުމުގެ 20 ޕަސެންޓް ޗާންސް އޮންނަ ކަމަށް ވެއެވެ.

މިއަށް ވުރެ ނަތީޖާތައް ބަރާބަރު ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށާއި ބަލި ޖެހޭ މީހުން ބަލީގެ ކުރީކޮޅު ދެނެގަނެ ބަލި ފެތުރެން ކޮންޓްރޯލްކުރަން މިއީ މުހިއްމު ކަމެއް ކަމަށް ވެސް ސައިންސްވެރިން މި ރިޕޯޓުގައި ފާޙަގަ ކޮށްފައި ވެއެވެ.

ބަލި ހުރިތޯ ބަލަން ޓެސްޓްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ. އޭރުން އެމީހާ އެހެން މީހުންނާ އެކަހެރިކޮށް އެމީހާގެ ފުށުން އެހެން ބަޔަކަށް ބަލި އެރުމުގެ ފުރުސަތު ކުޑަ ކުރެވޭނެތީ އެވެ.