ފްލެޓް ލިބުނުކަން ޔަގީން ކުރުމަށް ބޭންކަށް ފައިސާ ޖަމާކޮށްދިނުމަށް އެދި މީރާގެ ނަމުގައި އޮޅުވާލުމުގެ ފޯނު ކޯލުތަކެއް ކުރަމުން ގެންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފި އެވެ.
މީރާއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްއާއި ހައުސިން މިނިސްޓްރީ އަދި މީރާ ގުޅިގެން ހިންގާ ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ދަށުން ރައްޔިތުންނަށް ގޯތި ނުވަތަ ފްލެޓް ހޯދައި ދިނުމަށްޓަކައި ބޭނުންވާ މައުލޫމާތު ދެނެ ގަތުމަށް ކަމަށް ބުނެ، މީރާގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި، ގޯތި ލިބުނުކަން ޔަގީން ކުރުމަށް ވަކި އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް އެދޭކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ.
މީރާއިން ބުނީ މިފަދަ ފޯނު ކޯލްތަކަކީ މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަގުސަދުގައި ކޮންމެވެސް ފަރާތަކުން ކުރަމުން ގެންދާ ކަމެއް ކަމަށާއި، މިފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
".. މި އޮތޯރިޓީން އެއްވެސް ފަރާތަކަށް ގުޅައި އެއްވެސް އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ނު އަންގާނެ ކަމަށާއި، މި އޮތޯރިޓީއަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ބަލައި ގަންނާނީ މިއޮތޯރިޓީގެ އޮފީސްތަކާއި 'މީރާ ކަނެކްޓް' އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ،" މީރާގެ ބަޔާނުގައިވެ އެވެ.
މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސް އާއި ދިރާގާއި އުރީދޫގެ ނަމުގައިވެސް ފައިސާ އާއި "ރީލޯޑް" އަދި "ރާސްޓަސް" ކުރުމަށް އެދި އޮޅުވާލުމުގެ ފޯނުކޮށްލުމަށްކޮށްފައިވެ އެވެ. އަދި ބައެއް މީހުން މި މަޅީގައި ޖެހި ފައިސާ ޖަމާވެސް ކޮށްފައިވެ އެވެ. ނަމަވެސް މިފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުން އަބަދުވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.