ރައްޔިތުންގެ މަޖިލިސް

މެމްބަރުންގެ އާއިލާގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް ހަދަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދަރިންނާއި އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދު މިހާރު ބުނާ ގޮތުގައި، މެންބަރުންނާއި މެންބަރުން އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން މަޖިލީހުގެ އަމީންއާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަން ޖެހޭނެ އެވެ.

މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ގެންނަން އާންމު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ކޮމިޓީން ފާސްކޮށްފައި ވަނީ ވެސް އެ ހުށަހެޅުއްވުމާ އެއް ގޮތަށް އަނބި ނުވަތަ ފިރިންނާއި ދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް އިސްލާހު ކުރާށެވެ. އެކަމަކު އާމީންއާންމަށް އެ މާލީ ބަޔާންތައް ހުށަހަޅަން ޖެހެ އެވެ.

ކޮމިޓީން އެ ގޮތަށް ނިންމިއިރު، އެ މައްސަލާގައި ފަހު ގޮތެއް ނިންމަން މަޖިލީހުގެ ތަޅުމުގައި ވޯޓަކަށް އަހާނެ އެވެ. ވޯޓަށް އެހުމުގެ ކުރިން ކޮމިޓީގެ ރިޕޯޓަށް ވެސް ތަޅުމުގައި ބަހުސެއް ކުރާނެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކޮންމެ އަހަރެއްގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ކޮންމެ މެންބަރަކު އެ މެންބަރަކާއި މެންބަރު އަނބިކަލުން ނުވަތަ ފިރިކަލުންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އަމީންއާންމަށް ހުށަހަޅަން ޖެހޭނެ އެވެ. އެ މާލީ ބަޔާންތައް ހުށަނާޅައިފިނަމަ މެންބަރުގެ މުސާރަ ކެނޑޭ ގޮތަށް ސަސްޕެންޑް ކުރެވޭނެ އެވެ.