ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުރިއަށް އޮތް ދެ ދުވަހު ސަރުކާރުގެ އޮފީސްތަައް ނުހުޅުވާނެ

ގިނަ ދުވަސްތަކަށްފަހު މާދަމާ ސަރުކާރު އޮފީސްތައް ހުޅުވަން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން އިއުލާނުކުރި ނަމަވެސް މި ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހުވެސް އޮފީސްތައް ހުޅުވާނީ ސަރުކާރުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފި އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރިތާ މިހާރު ވަނީ ތިން މަހަށްވުރެ ގިނަ ދުވަސްވެފަ އެވެ. ނަމަވެސް ބައެއް އަސާސީ ހިދުމަތްތަކަށް އޮފީސްތައް ވަކި ވަގުތުތަކަކަށް ހުޅުވާ ގޮތަށް ހަމަޖެއްސިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ މަސައްކަތްތައް ނިންމި، އާ މަރުހަލާއަކަށް ރާއްޖެ ދާނެ ކަމަށެވެ. މާދަމާ ސަރުކާރު އޮފީސްތައް ހުޅުވި ކުރިއެކޭ އެއްގޮތަށް މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން ރައީސް އޮފީހުން ބުނެފައިވަނީ މި ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހުވެސް އޮފީސްތައް ހުޅުވާނީ ސަރުކާރުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު ސަރުކާރު އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށެވެ. އެހެން ކަމުން މި ދެ ދުވަހުވެސް ގިނަ މުވައްޒިފުން ނުނެރުމަށާއި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ މުވައްޒިފުން އެ ގޮތަށް މަސައްކަތް ކުރަމުން ގެންދިއުމަށް ވަނީ އަންގާފައެވެ.

އެހެން ކަމުން ސަރުކާރުގެ އޮފީސްތައް ހުޅުވާ ރަސްމީ މަސައްކަތް ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ.

ކޮވިޑް ނެތް ރަށްރަށުގަައި މާދަމާ ސްކޫލްތައް ވެސް ހުޅުވާލާނެ އެވެ. ހުރިހާ ތަނެއް ވެސް ހުޅުވާލާނީ ނިއުނޯމަލްގެ ގައިޓްލައިންތަކަށެވެ. އެގޮތުން ގައިދުރުކުރުމާއި މާސްކު އެޅުމާއި އަތް ދޮވެވޭ ގޮތް ހުންނަން ޖެހެ އެވެ.