އެތުލެޓިކޯ މެޑްރިޑް ކޮޅަށް ލަނޑު ކާމިޔާބުކޮށް، ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ 700 ވަނަ ގޯލް ކާމިޔާބު ކުރި މެޗުން 2-2 ން ބާސާ އެއްވަރުވެ، ލީގް ހޯދުމުގެ ފުރުސަތު ހަނި ވެއްޖެ އެވެ.
މެޗުގައި ފެނުނު ހަތަރު ގޯލްގެ ތެރެއިން ތިން ގޯލަކީ ޕެނަލްޓީން ކާމިޔާބު ކުުރި ލަނޑުތަކެވެ. އަނެއް ގޯލްވީ ބައި ގޯލަކަށެވެ. ކޮރޯނާ ވައިރަސް އަށް ފަހު އެނބުރި އައިސް ކުޅުނު ހަ މެޗުގެ ތެރެއިން ބާސާއަށް މޮޅު ވެވުނީ ތިިން މެޗުންނެވެ. އަނެއް ތިން މެޗުން އެއްވަރުވީ އެވެ.
މެޗު އެއްވަރުވުމުން، ލީގް ހޯދުމުގެ ދަތުރުގައި ރެއާލް އަށް ވަނީ އިތުރު ފުރުސަތެއް ތަނަވަސް ވެފަ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ގެޓާފޭ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ރެއާލްއަށް އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނެގޭނެ އެވެ.
މެޗުގައި ބާސާއިން ދެ ފަހަރު ލީޑް ނެގިއިރު ވެސް އެތުލެޓިކޯއިން ނަތީޖާ ހަމަހަމަ ކުރީ އެވެ. ބާސާގެ ފުރަތަމަ ލަނޑަކީ އެތުލެޓިކޯގެ ޑިއޭގޯ ކޮސްޓާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ފަހުން އެތުލެޓިކޯ އިން ނަތީޖާ ހަމަހަމަ ކުރީ ދެ ފަހަރު މަތިން ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ކޮސްޓާ އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ބާސާގެ ކީޕަރު އެންޑްރޭ ޓާސްޓެގަން ދިފާއު ކުރި ނަމަވެސް އޭނާ ހުރީ ގޯލް ލައިނަށްވުރެ ކުރިއަށް ނުކުމެ އެވެ. ރެފްރީ އަލްހެންޑްރޯ ހެނާންޑޭޒް އެންގީ ޕެނަލްޓީ އަލުން ފޮނުވާލުމަށެވެ. ދެ ވަނަ ފަހަރަށް ޕެނަލްޓީ ޖަހަން ދިޔައީ އެތުލެޓިކޯގެ މިޑްފީލްޑާ ސައުލް އެވެ. އޭނާ ޕެނަލްޓީން ނަތީޖާ ހަމަހަމަ ކުރި އެވެ.
ފުރަތަމަ ހާފުގައި، މެސީ އަށް ވަނީ ނަތީޖާ ބަދަލު ކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އެތުލެޓިކޯގެ އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުން މެސީ ފޮނުވާލުމުން، ފާރެއްހެން އެތުރިގެން ތިބި އެތުލެޓިކޯ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔެއްގެ ބޮލުގައި ޖެހިފައި މިސްރާބު ބަދަލުވެގެން ދިޔަ ބޯޅަ އެތުލެޓިކޯގެ ކީޕަރު ޔޭން އޮބްލެކް ދިފާއު ކުރެވުނީ ކިރިޔާ އެވެ.
ދެ ވަނަ ހާފުގައި ބާސާގެ ދެ ވަނަ ލަނޑު މެސީ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެތުލެޓިކޯގެ ޕެނަލްޓީ އޭރުގެ އެތެރެއިން ބާސާގެ ނެލްސެން ސެމޭޑޯ އަށް އެތުލެޓިކޯގެ ޔެނިކް ކަރެސްކޯ ޗާޖު ކުރުމުން ދިން ޕެނަލްޓީ އެކެވެ. ކެޕްޓަން މެސީ، ޕެނަލްޓީ އެތުލެޓިކޯގެ ގޯލަށް ފޮނުވާލީ އޮބްލެކް އަށް މިސްރާބު އޮޅުވާލުމަށް ފަހު އެވެ. އެއީ އޭނާގެ ކެރިއަރުގައި ޖެހި 700 ވަނަ ލަނޑެވެ. ކުލަބު ކެރިއާގައި އޭނާ ވަނީ ބާސާ އަށް ކުޅުނު 724 މެޗުގައި 630 ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަދި އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުނު 138 މެޗުގައި 70 ލަނޑު ކާމިޔާބު ކުރި އެވެ.
އެތުލެޓކޯ އަލުން ނަތީޖާ ހަމަހަމަ ކޮށްދިނީ ސައުލް އެވެ. މިފަހަރު ސެމޭޑޯ ފައުލް ކުރީ ކަރެސްކޯ އަށެވެ. ބާސާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ކަރެސްކޯ ބޯޅަ ހިފައިގެން ވަން ތަނުން ސެމޭޑޯގެ ކަކުލުން ޖެހި ކަރެސްކޯ އޭރިއާ ތެރެއަށް ވެއްޓުނެވެ. ސައުލް ފޮނުވާލި ޕެނަލްޓީ ބާސާގެ ގޯލްގެ ތެރެއަށް ވަނީ ޓާސްޓެގަން އަތުގައި ޖެހުނު ނަމަވެސް ބޯޅައިގެ މުޅި ކޮންޓްރޯލް އޭނާ އަށް ނުލިބުމުންނެވެ.
މެޗަކީ ބާސާގެ ކޯޗް ކީކޭ ސެޓިއެން އަށް އެކުލަބުގައި ކުރިމަގު އޮތްތޯ ސުވާލު އުފެދިގެން ދާނެ މެޗެވެ. އެހެންނަމަވެސް މެޗަށް ފަހު ވާހަކަ ދައްކަމުން ސެޓިއެން ބުނީ އޭނާ އަށް ނުރައްކަލެއް އޮތްކަމުގެ އިހްސާސް ނުކުރެވޭ ކަމަށެވެ. އިއްޔަ ކަޓަލާންގެ "އާރްއޭސީއައި" ރޭޑިއޯ އިން ރިޕޯޓް ކޮށްފައި ވަނީ ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓެމެއު، ސެޓިއެންގެ ގެއަށް ޒިޔާރް ކޮށް އޭނާ އަށް ކުލަބުގެ ސަޕޯޓް އޮތް ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.
ބާސާ އާ އެތުލެޓިކޯ އެއްވަރުވުމުން އޭގެ ފައިދާ ކުރި އަނެއް ޓީމަކީ ސެވިއްޔާ އެވެ. ލެގަނޭޒް އާ ދެކޮޅަށް ރޭ ކުޅުނު މެޗު 3-0 ން ކާމިޔާބު ކޮށް ސެވިއްޔާ ވަނީ އެތުލެޓިކޯ އާ ދެ ޕޮއިންޓަށް ކައިރިކޮށް ޗެމްޕިއަންސް ލީގްގެ ޖާގަ ޔަގީން ކުރުމާ ގާތަށް ޖެހިލާފަ އެވެ. ސެވިއްޔާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އޮލިވާ ޓޯރޭޒް އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ މުނީރު އަލް ހައްދާދީ އެވެ.