ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކައިވެނީގައި ބައިވެރިވި އެތައް ބަޔަކަށް ކޮވިޑް-19 ޖެހި ފިރިހެންމީހާ މަރުވެއްޖެ

އިންޑިޔާގެ ބިހާރުގެ ޕަޓްނާގެ ރަށްފުށު ހިސާބުގައި މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ބޭއްވި ކައިވެނީގެ ރަސްމިއްޔާތެއްގެ ސަބަބުން ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ކައިވެނިކުރި ފިރިހެންމީހާ މަރުވެއްޖެ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ކައިވެނި ކުރިއިރުވެސް ފިރިހެންމީހާ ހުރީ ހުމާ ފިހިފިހި އެވެ. އަދި ކައިވެނިކުރިތާ އެންމެ ދެ ދުވަސް ތެރޭގައި އޭނާގެ ހާލު ސީރިއަސްވެ މަރުވީ އެވެ.

އެ ފިރިހެންމީހާގެ ހަށީގަނޑު އަންދާލީ ކޮވިޑް-19 އަށް ޓެސްޓްނުކޮށެވެ. ނަމަވެސް ފަހުން އެނގުނު ގޮތުގައި އޭނާ މަރުވީ ކޮވިޑް-19 އިންފެކްޝަންގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން ކައިވެނީގެ ރަސްމިއްޔާތަށް ދިޔަ 100 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވެއެވެ. އަދި މިއީ މިހާތަނަށް ކޮވިޑް-19 އިންފެކްޝަންގެ އެންމެ ބޮޑު އެއް ކްލަސްޓާ އަށް ވެފައިވާ ކަމަށް ބިހާރްގެ ހެލްތު އޮތޯރިޓީއިން އަންގާރަ ދުވަހު ވަނީ ބުނެފަ އެވެ.

ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވި 350 އަށް ވުރެ ގިނަ މީހުން ހޯދާފައިވަނީ ކޮންޓެކްޓް ޓްރޭސިން އެވެ. އަދި މީގެ ތެރެއިން ގިނަބަޔަކަށް ބަލި ޖެހިފައިވާކަން އެނގުނީ މި އެންމެން ހޯދައި ޓެސްޓް ކުރުމުންނެވެ.

މަރުވި ފިރިހެންމީހާގެ އާއިލާގެ 15 މީހަކަށް ބަލި ޖެހިފައި ވެއެވެ. ބެލެވޭ ގޮތުގައި އެހެން މީހުންނަށް ބަލި އަރާފައިވަނީ މި މީސްމީހުންގެ ގައިންނެވެ.

މި އާއިލާގެ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި ކައިވެނިކުރި ފިރިހެންމީހާ އަކީ މާ ދުރު ރަށެއްގައި ހުރި އޮފީހެއްގައި ސޮފްޓްވެއާ އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އޭނާ ކައިވެނިކުރަން ރަށަށް އައީ ކައިވެންޏަށް ހަފުތާއަކަށް ކައިރިވެފައި ވަނިކޮށެވެ. އޭނާ ރަށަށް އައި ކަމަށް ވަނީ މޭ މަހުގެ ފަހު ހަފުތާގަ އެވެ.

އޭގެ ހަފުތާއެއް ފަހުން އެންގޭޖްމަންޓް ރަސްމިއްޔާތު ބޭއްވިއިރު ފިރިހެންމީހާގެ ހާލު މުޅިން ރަނގަޅެވެ. ނަމަވެސް ކައިވެނީގެ ދެ ތިން ދުވަސް ކުރިއްސުރެ އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަން ފެށި އެވެ. އަދި ޖޫން 15 ގައި ކައިވެނި ކުރަން ތައްޔާރުވަމުންދިޔައިރު އޭނާ ހުރީ ވަރަށް ގަދަޔަށް ހުން އައިސް ވަރަށް ބަލިކޮށެވެ. އެހެންވެ ކައިވެނި ފަހުގެ ތާރީޚަކަށް ލަސްކޮށްލަން ވެސް އޭނާ އެދުނު ކަމަށް ވެއެވެ.

ނަމަވެސް އާއިލާގެ މީހުން އޭނާ ދެއްކި ވާހަކަތައް އަޑުނާހާ ގިނަ އަދަދަކަށް ޕެނެޑޯލް ކާން ދީފައި ކައިވެނީގެ ރަސްމިއްޔާތު ކުރިޔަށް ގެންދިޔައީ އެވެ.

ފިރިހެންމީހާގެ ހާލު ބޮޑުވެގެން ޖޫން 17 ވަނަ ދުވަހު ހޮސްޕިޓަލަށް ގެންގޮސް މާ ގިނައިރެއް ނުވެ އޭނާ ވަނީ މަރުވެފަ އެވެ. މި މީހާގެ ހަށިގަނޑު އަވަސް އަވަހަށް އަންދާލީ ކަމާ ބެހޭ އިދާރާތަކަށް ނުވެސް އަންގާ ކަމަށް ވެއެވެ.

މިކަން ކަމާ ބެހޭ އިދާރާތަކަށް އެނގުނީ އެ ވަގުތު އެ ކައިވެނީގެ ރަސްމިއްޔާތުގައި އުޅުނު މީހަކު ޑިސްޓްރިކްޓް މެޖިސްޓްރޭޓަށް ގުޅައި މި ވާހަކަތައް ކިޔައިދީ ފިރިހެންމީހާ މަރުވީ ކޮވިޑް-19 ޖެހިގެން ކަމަށް ބެލެވޭ ކަމަށް ބުނުމުންނެވެ. އެހިސާބުން ފުލުހުންނާއި ސިއްހީ އޮފިޝަލުން އައިސް އެތަނުގައި ތިބި ފިރިހެންމީހާ އާ އެންމެ ގާތްކޮށް އުޅުނު އެންމެން ހޯދައި ޓެސްޓްކުރިއިރު އެ އެންމެން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްކަން ޔަގީން ކުރެވުނެވެ.

ކުއްލިއަކަށް ކޮވިޑް-19ގެ ބޮޑު ކްލަސްޓާއެއް އެ ސަރަހައްދުން ފެނުމާ ގުޅިގެން ހިސާބުގަނޑު އެންމެންނަށް ވަރަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވި އެވެ. ކައިވެނިގެ ރަސްމިއްޔާތުގައި ބައިވެރިވި 100 އަށް ވުރެ ގިނަ މީހުންގެ ނަތީޖާ ޕޮޒިޓީވް ނަމަވެސް މީގެ ތެރެއިން ގިނަ މީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ. ނަމަވެސް ޕޮޒިޓިވްވީ އެންމެން މިހާރު ވަނީ ހޮސްޕިޓަލުގެ އައިސޮލޭޝަން ވޯޑެއްގައި ބައިތިއްބައިގެން ފަރުވާ ދޭން ފަށާފަ އެވެ.