ވިޔަފާރި

އޭއައިއައިބީ އިން ރާއްޖެއަށް 7.3 މިލިއަން ޑޮލަރު

Jul 1, 2020
3

ޗައިނާ އިސްވެ އޮވެ، އުފައްދައި އޭޝިއަން އިންފްރަސްޓްރަކްޗާ ބޭންކް (އޭއައިއައިބީ) އިން ރާއްޖެ އަށް 7.3 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 112 މިލިއަން ރުފިޔާ) ގެ އެހީއެއް ދީފި އެވެ.

އޭއައިއައިބީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރާއްޖެއަށް ދީފައިވާ މި އެހީތެރި ކަމަކީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އާމްދަނީ ދަށްވެފައި ވާތީ ދިން އެހީތެރިކަމެއް ކަަމަށެވެ.

އެ ބޭންކުގެ ވައިސް ޕްރެޒިޑެންޓް އިންވެސްޓްމަންޓް އޮޕަރޭޝަން އޭޖޭ ޕާންޑިއަން ވިދާޅުވި ގޮތުގައި އޭއައިބީގެ މި އެހީ ދޭން ނިންމާފައި ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އާމްދަނީ ދަށްވެފައިވާތީ އެހީތެރިވުމަށެވެ.

އޭއައިއައިބީ އިން މިހާތަނަށް ރާއްޖެއަށް ލޯނެއް ދޭން ނިންމީ އެންމެ ފަހަރަކު އެވެ. އެ ފަހަރު އެހީ ވެފައިވަނީ ރާއްޖޭގެ ހަކަތަ އުފައްދައި ރާއްޖޭން ކުރަންޖެހޭ ތެލަށް ކުރާ ހަރަދު ކުޑަ ކުރުމާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާ އަށެވެ. އެ ފަހަރު ރާއްޖެއަށް 45 މިލިއަން ޑޮލަރު ދީފައިވެ އެވެ.

އޭއައިބީ އުފައްދާފައިވަނީ ޗައިނާ ސަރުކާރުގެ 30.34 ޕަސެންޓް ހިއްސާ ވެގެނެވެ. އަދި މި ބޭންކުގައި ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ގައުމަކީ އިންޑިއާ އެވެ. އެ ގައުމުގެ ހިއްސާއަކީ 15 ޕަސެންޓެވެ. މި ބޭންކުގައި ރާއްޖޭން ބައިވެރިވެފައިވަނީ 2015 ވަނަ އަހަރު އެވެ. ރާއްޖެއަކީ އެންމެ ފުރަތަމަ މެންބަރަކަށްވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި ބޭންކް އުފެއްދުމަށް ފަހު އޭއައިއައިބީގެ ބޯޑު މެންބަރުކަން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ފުރުއްވާފައިވެ އެވެ.

އޭއައިބީ އިން ރާއްޖެއަށް އެހީވާން ނިންމިއިރު، އޭޑީބީން ވެސް ރާއްޖެއަށް 50 މިލިއަން ޑޮލަރު ދޭން ވަނީ ނިންމާފަ އެވެ. އޭޑީބީގެ ލޯނުގެ ތެރެއިން 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385 މިލިއަން ރުފިޔާ) އަކީ ލޯނެވެ. އަދި 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) އަކީ ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާ އެވެ.

އެ ބޭންކުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 11 މެންބަރު ގައުމެއްގެ 13 މަަޝްރޫއަކަށް އެހީ ދީފައިވެ އެވެ. އެ ބޭންކުން ވަނީ މި ހާލަތުގައި އެހީވާން 5.5 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އިއުލާނު ކޮށްފައިވެ އެވެ. މި ބޭންކުގެ މެންބަރު ގައުމުތަކުގެ އަދަދު 100 އަށް ވުރެ ގިނަ އެވެ. އެ ބޭންކުން ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވަނީ ބޭންކުގެ 15 ޕަސެންޓް ހިއްސާވާ އިންޑިޔާ އަށެވެ. އެ ގައުމަށް 750 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ އެހީތައް ހޯދަން ސަރުކާރުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިހާތަނަށް 300 މިލިއަން ޑޮލަރު ޔަގީން ވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގެ ހަޒާނާ އަށް މީގެ ތެރެއިން ޖަމާވެފައިވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ދޭ ލޯނު އެހީ އާއި އިންޑިއާގެ މަރުކަޒީ ބެންކުން ދޭ ކަރަންސީ ސްވޮޕް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބުނެފައިވެ އެވެ.