ރާއްޖެއަށް މުދާ އެތެރެ ކުރަން ޑޮލަރު ނޫން، އެހެން ކަރަންސީއެއް ބޭނުން ކުރަން ފަަށަން ތައްޔާރުވަމުން އަންނަ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.
ބްލެކް މާކެޓުގައި އަގު ބޮޑުކޮށް ޑޮލަރު ވިއްކާ މައްސަލާގައި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވި ގޮތުގައި ޑޮލަރަށް އޮތް ޑިމާންޑު ދަށް ކުރުމުގެ ގޮތުން ބޭރުގެ އެހެން ކަރަންސީއެއް ރާއްޖޭން ބޭނުން ކުރެވޭނެ ގޮތްތަކެއް ހޯދަމުން އަންނަ ކަމަށެވެ. މިގޮތުން "ޗައިނާ ޔުއާން" ނުވަތަ "އިންޑިއަން ރުޕީސް" ބޭނުން ކުރެވިދާނެ ކަމަށާ، އެ ވާހަކަތައް ދެކެވެމުންދާ ކަމަށެވެ.
"މިހާރު އޮލްޓަނޭޓިވްލީ ބަލަމުން މިދަނީ އެހެން ކަރަންސީއެއް ވެސް އެކްޗޭންޖެއް ގެންނަން. އެގޮތަށް ޗައިނީޒް ޔުއާން ނޫނީ އިންޑިއަން ރުޕީސްއަކީ ވެސް ހަމަ ޑައިރެކްޓްލީ ރުފިޔާއާ ސްވޮޕް ކުރެވޭނެ އެއްޗެއް. އެ ވާހަކަ އެބަ ދައްކަން. މީގެ ނަތީޖާއަކީ ބެލެންސް އޮފް ޓްރޭޑާ އެއްގޮތަށް ރުފިޔާ އާއި ރުޕީސް ނޫނީ ޔުއާންއަށް އެކްސްޗޭންޖު ވާނީ،" ހާޝިމް ވިދާޅުވި އެވެ.
ޑެޕިއުޓީ ގަވަނަރު އަހުމަދު އިމާދު ވިދާޅުވި ގޮތުގައި ރާއްޖެއާ ވިޔަފާރީގެ ގުޅުންތައް އެންމެ ބޮޑަށް ހިންގާ ގައުމުތަކުގެ ފައިސާ މިގޮތަށް ބޭނުން ކުރެވިދާނެ ކަމަށެވެ.
"އެހެން ގައުމު ތަކުން ވެސް މިހާރު ބޭނުން ކުރަމުން އަންނަ އެކްސަސައިޒެއް މިއީ. އެ ތަނެއްގެ ލޯކަލް ކަރަންސީން ޕޭމަންޓް ހެދޭނެ ނިޒާމެއް ހެދުން. މާނައަކީ އަޅުގަނޑުމެންގެ ލޯކަލް ކަރަންސީ ބޭނުން ކޮށްގެން އެހެން ޖުރިސްޓިކްޝަނެއްގައި ހުންނަ މުދަލާއި ހިދުމަތް އަޅުގަނޑުމެންނަށް ހޯދޭނެ މެކޭނިޒަމެއް އެސްޓަސްބްލިޝް ވީމަ ޔޫއެސް ޑޮލަރަށް އޮންނަ ޑިމާންޑް ދަށްވާނެ،" އިމާދު ވިދާޅުވި އެވެ. "މި ކަމަށް ކަންޓްރީސް ތަކުން އިންޓްރެސްޓް ވަނީ ދެ ގައުމެއްގެ ދެމެދުގައި ހިންގާ ޓްރާންސްޓެކްޝަން ލެވަލްގައި. ފާހަގަ ކުރެވުނު ޗައިނީސް އާއި އިންޑިއާއަކީ މިގޮތަށް ކުރެވިދާނެ ޓްރޭޓް ފްލޯޒްއެއް ހިންގާ ދެ ގައުމު ކަމަށް."
އޭނާ ވިދާޅުވީ ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2019 ވަނަ އަހަރުގެ އެންމެ ޕީކްގައި ވެސް ރާއްޖޭގެ އިމްޕޯޓަށް ބޭނުންވީ 250 މިލިއަން ޑޮލަރު ކަމަށެވެ.
"މުޅި ރާއްޖޭގެ އިމްޕޯޓް ބިލްސް އަށް ބަލާނަމަ 2.7 ބިލިއަން ވަރުގެ ޑޮލާސް ފްލޯޒް އެއް އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ،" އިމާދު ވިދާޅުވި އެވެ.