ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އޫރުގެ ވައިރަހަކާއެކު އިތުރު ބަލިމަޑުކަމެއްގެ ނުރައްކާ

Jul 1, 2020

ބެއިޖިންގް (ޖުލައި 1) - އޫރުގެ ގައިން ފެނިފައިވާ އާ ވައިރަހެއް އިންސާނުންނަށް ފެތުރުމުގެ ނުރައްކާ އިތުރު ވެފައިވާ ކަމަށާއި، އެ ވައިރަސް މުޅި ދުނިޔެއަށް ބަލިމަޑުކަމެއްގެ ގޮތުގައި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ޗައިނާގެ ސައިންސްވެރިން އިންޒާރު ދީފި އެވެ.

އޫރު ރޯގާ ދިރާސާ ކުރަމުން ދިޔައިރު، "ޖީ4" ނަމަކަށް ކިއާ އެ ވައިރަހުގެ އާ ބާވަތެއް ފާހަގަ ކުރެވިފައިވާ ކަމަށާއި، އޭގައި ބަލިމަޑު ކަމަކަށް ބަދަލު ވެދާނެ ކަމުގެ ހުރިހާ އަލާމާތެއް ފެންނަ ކަމަށް، ޗައިނާގެ ސައިންސްވެރިން ހުށަހެޅި ކަރުދާހުގައި ބުނެފައިވެ އެވެ.

އަދި އޫރު ގެންގުޅޭ ތަންތަނުގައި މަސައްކަތް ކުރާ މީހުންގެ ލޭ ގައި އެ ވައިރަހުގެ އަސަރު އިތުރުވެފައިވާ ކަމަށާއި، ބަލިމަޑު ކަމަކަށް ބަދަލުވުމުގެ ކުރިން، އެ މީހުންގެ ހާލަތު ގާތުން ބަލަންޖެހޭ ކަމަށް ވެސް އެ ދިރާސާގައި ބުނެފައި ވެއެވެ.

މި ދިރާސާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ޗައިނާ އެގްރިކަލްޗަރަލް ޔުނިވާސިޓީ، ޝެންޑޮންގް އެގްރިކަލްޗަރަލް ޔުނިވާސިޓީ، ދަ ޗައިނީޒް ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އަދި ޗައިނީޒް އެކަޑަމީ އޮފް ސައެންސަސް އަދި ޔުނިވާސިޓީ އޮފް ނޮޓިންގްހަމް އިންނެވެ.

އިންސާނުންގެ މެދުގައި އެޗް1 އެން1 ގެ އާ ސްޓްރެއިން ފެތުރެމުންދާ ކަމުގެ އެއްވެސް އަލާމާތެއް އަދި ނުފެންނަ ކަމަށާ، މިހާރުން މިހާރަށް ބަލިމަޑުކަމެއް ފެތުރުމުގެ ނުރައްކާ ނެތް ކަމަށް ޔުނިވާސިޓީ އޮފް ވޮޝިންގްޓަންގެ ބައޮލޮޖިސްޓަކު ވަނީ ވިދާޅުވެފަ އެވެ.

މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އިންސާނުންގެ ހަށިގަނޑަށް އެރީ ވާލުގެ ކިބައިންކަމަށް މާހިރުން ވަނީ ވިދާޅުވެފަ އެވެ.