މެންޗެސްޓާ ޔުނެއިޓެޑަށް ޔޫއެފާ ޗެމްޕިއަންް ލީގްގެ ފުރުސަތު އަދިވެސް ހޯދޭނެ ކަމަށް، ރޭ ބްރައިޓޮން ހޯވް އެލްބިއޯން ކޮޅަށް ދެ ލަނޑު ޖެހި، ޔުނެއިޓެޑްގެ މިޑްފީލްޑާ ބުރުނޯ ފެނާންޑޭޒް ބުނެފި އެވެ.
ވޯލްވާ ހެމްޓަން ވޮންޑާސް (ވޮލްވްސް) ގެ މައްޗަށް ގޯލްގެ ތަފާތުން ކުރި ލިބުމުން ޔުނައިޓެޑް ވަނީ ފަސް ވަނަ އަށް ޖެހިލާފަ އެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އާ ޔުނައިޓެޑާ ދެމެދު އޮތީ ދެ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެވެ. ބްރައޮޓޮން އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ފެނާންޑޭޒް ބުނީ ޔުނެއިޓެޑުން ކުރި އެރުން ހޯދަމުން އަންނަނީ އެ ޓީމުގެ ދިފާއު ރަނގަޅު ވަމުން ކަމަށެވެ.
"އަނެއްކާވެސް އަހަރެމެން މޮޅު މިވީ ބައިކޮޅަށް އެއްވެސް ގޯލެއް ނުވަދެ، ޑިފެންޑަރުން ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފަ،" ރޭ ގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕޯޗްގަލްގެ މިޑްފީލްޑަރު ބުންޏެވެ. "މުޅި ޓީމަށް މި ނަތީޖާ ހައްގުވެގެންވޭ، އަހަރެމެން އެންމެންނަށްވެސް އެނގޭ މިގޮތުގައި އަހަރެމެން ކުރިއަށް ދާނަމަ އަހަރެމެންނަށް ޗެމްޕިއަންސް ލީގްގެ ޖާގަ ލިބޭނެ ކަން."
މިޑްފީލްޑްގައި ފެނާންޑޭޒް އާއި ޕައުލް ޕޮގްބާގެ ހިއްސާ ވަރަށް ބޮޑަށް ފެނިގެން ދިޔަ އެވެ. އެހެންނަމަވެސް މެޗުގައި ނެމެންޠާ މަޓިޗްގެ ވެސް ދައުރު މިޑްފީލްޑްގައި ފެނުނެވެ. ޓީމުގެ ފުރަތަމަ ގޯލްގައި ޖެހުމަށް މޭސަން ގްރީންވުޑަށް ބޯޅަ ތަނަވަސް ކޮށްދިނުމުގައި މަޓިޗްގެ ދައުރުވެސް ފެނިގެން ދިޔަ އެވެ.
ފެނާންޑޭޒް ބުނީ އޭނާ އާއި ޕޮގްބާގެ ވާހަކަ އެކަނި ދައްކަން ބޭނުން ނުވާ ކަމަށެވެ. މުޅި ޓީމުގެ ހިއްސާ މެޗުގައި ބޮޑު ކަމަށެވެ. ޔުނައިޓެޑްގެ ފަރާތުން ފެނުނު ކުޅުމާ މެދު އެ ޓީމުގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފަ އެވެ.
ސޮލްޝަޔާ ބުނީ، ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހޢެިރު އެއް ބަޔަކު ރެސްޓްގަ ދީފައި އަދި ގިނައިން ކުޅުނު ކުޅުންތެރިންގެ ބަދަލުގައި ފަހުން އެރި ކުޅުންތެރިންނާއެކުވެސް ޓީމުގެ ޕާފޯމަންސް އެއްވަރެއްގައި ހިފެހެއްޓުމަކީ އޭނާގެ ޓީމުން ކުރިއެރުން ހޯދަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.