ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

116 ދުވަހުން 50،000 ޓެސްޓް

Jul 1, 2020

ކޮވިޑްގެ ބަލި މީހަކު ރާއްޖެއިން ފެނުނުތާ 116 ދުވަސްވެފައިވާއިރު މިހާތަނަށް 50،000 ވުރެ ގިނަ މީހުން އެ ބައްޔަށް ޓެސްޓް ކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިިފި އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 2,382 މީހުނެވެ. މިއަދާ ހަމައަށް 51،576 މީހެއްގެ ސާމްޕަލް ވަނީ ނަގާފަ އެވެ. އޭގެ ތެރެއިން ނަތީޖާ ނުލިބި ވަނީ 755 ސާމްޕަލްއެއްގެ އެވެ.

ކޮވިޑްގެ ބަލި މީހުން ފުރަތަމަ ފެންނަން ފެށި ދުވަސްކޮޅު ޓެސްޓް ކުރަމުން ދިޔައީ ހަމައެކަނި އަލާމާތްތައް ހުންނަ މީހުނެވެ. އެހެން ކަމުން ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން އޮތް ގޮތުގެ ހަގީގީ އަދަދުތައް ނޭނގޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވަމުން ގެންދެވި އެވެ. އަދި އޭރު ރާއްޖޭގައި ޓެސްޓް ކުރެވޭ މިންވަރާމެދު ވެސް ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ފަހުން މަގުމަތިން ވެސް ގިނަ ބައެއްގެ ސާމްޕަލް ނަގާ ޓެސްޓް ކުރަން ފެށިއެވެ. އަދި ބަލީގެ ނުރައްކާ ބޮޑު އުމުރުފުރާތަކަށް ހާއްސަ ކޮށްގެން ވެސް ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. ލޮކްޑައުންގެ ހާލަތަށް ލުއި ދިން ނަމަވެސް އަދިވެސް ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ މީހުންގެ ސާމްޕަލް ދަނީ ނަގަމުންނެވެ.

މިއަދު އެކަނިވެސް 1،200 ވުރެ ގިނަ ސާމްޕަލް ނަގާފައި ވެއެވެ.

ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރަނީ އައިޖީއެމް ހޮސްޕިޓަލުންނާއި، އޭޑީކޭގެ އިތުުރުން ޕޮލިސް ލެބްގައެވެ. އައިޖީއެމްއެޗްގައި ހުރި ކޮވިޑަށް ޓެސްޓްކުރާ އެއް މެޝިން ހަލާކު ވުމާއި ގުޅިގެން އެ ހޮސްޕިޓަލްގައި މިހާރު ދުވާލަކު ކުރަނީ 400 އާއި 500 ދެމެދުގެ އަދަދެކެވެ. އޭޑީކޭގައި 500 ޓެސްޓް ކުރެ އެވެ. ޕޮލިސް ލެބްގައި ކުރަނީ 145 ޓެސްޓެވެ.

ރާއްޖެއަށް އެކި ގައުމުތަކުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ އެތައް ހާސް ޓެސްޓް ކިޓް ހަދިޔާކޮށްފައެވެ.