ހަބަރު

ޑުރަގް ނެޓްވޯކުގައި ހިމެނޭ ދެ މީހުންގެ ބަންދު އިތުރުކޮށްފި

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދަނިކޮށް، ހަ ކިލޯ އަށްވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މިދިޔަ މަހު ހައްޔަރުކިުރި މީހުންގެ ބަންދު ދެވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ފުލުހުން ބުނީ ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މިދިޔަ މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެމީހުންގެ ތެރެއިން ބައެއް މީހުންނާ ގުޅުންހުރި ހުޅުމާލެ ލޮޓް 10634 ބަލައި ފާސްކުރިއިރު ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދު ދެވަނަ ފަހަރު އިތުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އަސްރަފީގެ، މުޙައްމަދު ޝަރީފް (43) އާއި ގއ. ކޮލަމާފުށި، ކަރަންކާވިލާ، އަފްޞަލް ރަޝީދު (33އ) އެވެ.

އެމީހުންގެ ބަންދު ދެވަނަ ފަހަރަށް އިތުރުކުރުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެމީހުންގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ޝަރީފަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އޭގެ އިތުރުން، ފުޅާދާއިރާއެއްގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީގެ ކުރިންވެސް ހައްޔަރުކޮށްފައިވާ މީހެއް ކަަމަށެވެ.

ހުޅުމާލޭގައި ހިންގި މި އޮޕަރޭޝަންގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށްފައިވެ އެވެ. ނަމަވެސް، އެމީހުންގެ ތެރެއިން އެކަކާ ގުޅުންހުރި އެއްވެސްތާކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިނުވާތީ އެމީހާ ވަނީ ދޫކޮށްލާފަ އެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.