އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަން ލިވަޕޫލްގެ މައްޗަށް 4-0 ރޭ މެންޗެސްޓާ ސިޓީ މޮޅުވި މެޗުގައި، ސިޓީގެ ފަރާތުން ފެނުނު ކުޅުމާއި ހިތްވަރަކީ ލީގަށް ވާދަ ކުރުމުގެ ރޫހްގައި އެ ޓީމުގެ ފަރާތުން ފެންނަން ޖެހޭނެ ހިތްވަރާއި ޖޯޝެވެ. ސީޒަންގެ ކުރީކޮޅުން ފެށިގެން އެއްވަރެއްގައި ސިޓީން އެ ފެންވަރު ހިފެހެއްޓިނަމަ ލީގް ހޯދުމުގެ ރޭހުގައި ލިވަޕޫލަށް ވަރުގަދަ ޗެލެންޖަކަށް ވީހެވެ.
ސިޓީ އަލުން ފޯމަކަށް އެޅުނުއިރު ލިވަޕޫލް ވަނީ މުޅި ލީގް ޑޮމިނޭޓް ކޮށްފަ އެވެ. ޕޮއިންޓްގެ ގޮތުން ބޮޑު ފަރަގަކާ އެކުވެސް ލިވަޕޫލާއި ޖެހިގެން ތަވާލުގެ ދެ ވަނައިގައި އޮތީ ސިޓީ އެވެ. ތައްޓަށް ވާދަ ކުރުމުގައި ލިވަޕޫލަށް ޗެލެންޖެއް ދޭވަރަށް ވުރެ ސިޓީގެ ސީޒަން ފެނުނީ ވަނދުކޮށެވެ. މިދިޔަ ދެ ސީޒަންގައި ފެނުނު ޖޯޝާއި ފޯރިއެއް ނުފެނުނެވެ.
ރޭ ލިވަޕޫލާ ދެކޮޅަށް އިއްތިހާދު ސްޓޭޑިއަމްގައި ފެނުނު ސިޓީ އަކީ ޕެޕް ގާޑިއޯލާގެ ސްޓައިލާއި ފޯމު ފެނުނު މެޗެވެ. މެޗު ފެށުމުގެ ކުރިން ލިވަޕޫލަށް ޗެމްޕިއަނެއްގެ އިހްތިރާމު ސިޓީގެ ކުޅުންތެރިންގެ ފަރާތުން ދިނެވެ. ސިޓީގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު އެ ޓީމުން ކާމިޔާބު ކުރީ ފުރަތަމަ ހާފުގަ އެވެ.
ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކެވިން ޑިބްރައިނާ ކާމިޔާބު ކުރީ 25 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު އޭގެ 10 މިނެޓް ފަހުން ރަހީމް ސްޓާލިން ކާމިޔާބު ކުރީ މެޗަށް ފަހު ގާޑިއޯލާގެ ތައުރީފް އޮހުނު ފިލް ފޯޑެން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.ތިން ވަނަ ލަނޑު ފޯޑެން ކާމިޔާބު ކުރީ 45 ވަނަ މިނެޓްގައި ޑިބްރައިނާ ތަނަވަސް ކޮށްދިން ބޯޅައިންނެވެ. ދެ ވަނަ ހާފުގައި ސިޓީގެ ހަތަރު ވަނަ ލަނޑަކީ ލިވަޕޫލްގެ ޗެމްބަލިން އަތުން ބައިކޮލަށް ވަން ލަނޑެކެވެ.
ފުރަތަމަ ހާފުގައި ފެނުނު ކަންތަތަކުން އެކަނިވެސް ދެ ކަމެއް ފާހަގަ ކުރެވިގެން ދިޔަ އެވެ. ފުރަތަމަ ކަމަކީ ސެންޓްރަލް މިޑްފީލްޑް ކުޅުންތެރިޔެއްގެ ހައިސިއްޔަތުން ޑިބްރައިނާގެ ކޮލިޓީ އެވެ. މިވަގުތު ޔޫރަޕްގައި ހުރި އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި އޭނާ ހިމެނޭނެ އެވެ. ދެ ވަނަ ކަމަކީ މި ސީޒަންގެ ކުރިންދިޔަ ބައިގައި ސިޓީގެ ފަރާތުން އެއްވަރެއްގައި ހިފެއްހެއްޓުމުގެ ރޫހް ގެއްލިފައިވާކަން ސިފަވުމެވެ. ފުރަތަމަ ހާފުގައި ސިޓީން ޑޮމިނޭޓް ކުރި ގޮތް ފެނުމުން ސީޒަންގެ ފާއިތުވެ ދިޔަ ބައިގައި އެ ޑޮމިނޭޓް ސިޓީގެ ކިބައިން ގެއްލިފައިވާ ކަމުގެ އިހްސާސް ކުރެވެ އެވެ.
ސީޒަންގެ ފުރަތަމަ ޕީރިއަޑްގައި އެންފީލްޑްގައި ލިވަޕޫލް އަތުން 3-1 ން ބަލިވެ ދިއުމުގެ ހިތްދަތި އިހްސާސް ރޭ މޮޅުން ފިލައިގެން ދިޔަ ނަމަވެސް ގެއްލިގެން ދިޔަ ލީގް މަތިން ހަނދާން ހުންނާނެ އެވެ. ސިޓީ އާއި ލިވަޕޫލްގެ ރޭ ގެ މެޗުން ފާހަގަ ވެގެން ދިޔަ އަނެއް ކަމަކީ އަންނަ ސީޒަން އިތުރަށް ވާދަވެރިވެގެން ދާނެ ކަމެވެ. އެ ދެ ޓީމުގެ ފަހަތުން ޗެލްސީ އާއި ޔުނައިޓެޑްވެސް ވަރުގަދަ ވަމުން އެބަ އާދެއެވެ.