ފައިނަލުގައި ބަޔާން ލެވަކޫސަން 4-2 ން ބަލިކޮށް ޖަރުމަން ކަޕްގެ ޗެމްޕިއަންކަން ހޯދައި ޑޮމެސްޓިކް ޑަބަލް އާއެކު ބަޔާން މިޔުނިކް ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމަށް ޓާގެޓް ކަނޑައަޅައިފި އެވެ.
ޔޫރަޕްގެ ވަރުގަދަ ލީގްތަކުގެ ޓީމުތަކުގެ ތެރެއިން ސީޒަންގެ ބޮޑު ތިން ތަށި ހޯދެން އޮތް ހަމައެކަނި ޓީމަކީ ބަޔާން އެވެ. ސީޒަންގެ ހުރިހާ ތައްޓެއް މިހާތަނަށް ބަޔާން ކާމިޔާބު ކުރީ އެންމެ ފަހަރަކު އެވެ. ޔުޕް ހޭންކެސްގެ ފުލު ސީޒަންގެ ގޮތުގައި އެންމެ ފަހުން މަސައްކަތް ކުރި 2013 ވަނަ އަހަރު އޭނާ ވަނީ ބަޔާން އަށް ސީޒަންގެ ތިން މުބާރާތް ކާމިޔާބު ކޮށްދީފަ އެވެ.
ޑޭވިޑް އަލްބާގެ ހިތްގައިމު ހިލޭ ޖެހުމުން ކާމިޔާބު ކުރި ލަނޑާއި ސާޖް ނެބްރީގެ ލަނޑުން ފުރަތަމަ ހާފުގައި ބަޔާން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. ދެ ވަނަ ހާފުގެ ކުރީ ކޮޅުގައި ލެވަކޫސަން އިން ރަނގަޅު ފުރުސަތުތަކެއް އުފެއްދި ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ދެ ވަނަ ހާފު ފެށިގެން 10 މިނެޓް ތެރޭ ބަޔާންގެ ރޮބަޓް ލެވަންޑޮސްކީ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
އޭގެ ފަހުން ސްވެން ބެންޑާ ލެވަކޫސަންގެ ލަނޑު ކާމިޔާބު ކުރި އެވެ. ލެވަންޑޮސްކީގެ ދެ ވަނަ ލަނޑު އަދި ބަޔާންގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ 89 ވަނަ މިނެޓްގަ އެވެ. ލެވަކޫސަންގެ ދެ ވަނަލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ކައި ހަވާޓްޒް އެވެ.
ބަޔާން އަށް ޑޮމެސްޓިކް ސީޒަން ވަނީ ނިމިފަ އެވެ. އެ ޓީމަށް ދެން އޮތީ އޯގަސްޓް މަހު ފަށާ ގޮތަށް އޮތް ޗެމްޕިއަންސް ލީގެވެ. ފެބްރުއަރީ މަހު ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގް މެޗުގައި ބަޔަނާ ވަނީ ލަންޑަންގައި ޗެލްސީގެ މައްޗަށް 2-0 ން މޮޅުވެފަ އެވެ.
މިދިޔަ 10 އަހަރު ތެރޭ ފަސަވަނަ ޑޮމެސްޓިކް ޑަބަލް އާއެކު ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމަށް އެންމެ ބޮޑު ފޭވަރިޓަކީ ވެސް މިހާރު ބަޔާން އެވެ. ޗެމްޕިއަންސް ލީގަށް ތައްޔާރު ވާން އެހެން ޓީމުތަކަށް ވުރެ އެ ޓީމަށް މާ ފަހި ފުރުސަތެއް މިހާރު އެބައޮތެވެ.