ކޮރޯނާވައިރަހުގެ ބިރަށް މިހާރު ކޮންމެ މީހަކުވެސް ބޭރަށް ނުކުންނަމުން މޫނުގައި މާސްކް އަޅަން ހަނދާން ބަހައްޓަ އެވެ. އެހެންކަމުން މިހާރު މާސްކަކީ އެންމެ ގިނަ ބަޔަކަށް އެންމެ ބޭނުން ޖެހިފައިވާ އެއްޗަށް ވަނީ ވެފަ އެވެ. ނަތީޖާއެއްގެ ގޮތުން މާސްކް ފެހުމާއި އެކި ގޮތްގޮތަށް ޑިޒައިންކުރުމުގެ ކަންތައްތައް ވެސް ވަނީ ވައިގައި ހިފާފަ އެވެ.
ފޮތިން ފަހާފައިވާ އެކި ކަހަލަ މާސްކްތައް މީހުން އަޅާއިރު އިންޑިޔާގެ ޕޫނޭ ޑިސްޓްރިކްޓްގެ ޕިންޕްރީ-ޗިންވާޅްގައި ދިރިއުޅޭ ޝަންކަރް ކުރާޑޭ މާސްކް ތައްޔާރު ކުރީ އަދި މުޅިން ތަފާތު ގޮތަކަށެވެ. އަދި މާސްކް ތައްޔާރު ކުރަން ބޭނުންކުރި މެޓީރިއަލް އަގު ބޮޑުކަމުން މާސްކްގެ އަގު ވެސް ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. އޭނާ މި މާސްކް ތައްޔާރު ކޮށްފައި ވަނީ 2.89 ލައްކަ އިންޑިޔާ ރުޕީސްގެ އަގުހުރި ރަނުންނެވެ.
އިންޑިޔާގެ ނިއުސް އެޖެންސީ އަކުން ކޮށްފައިވާ ޓުވީޓެއްގައި މިމީހާ ރަނުގެ މާސްކް އަޅާފައި ހުއްޓާ ނަގާފައިވާ ފޮޓޯއެއް ވެސް ވަނީ ހިމަނާފަ އެވެ.
އެ ފޮޓޯގައިވާ ކެޕްޝަންގައި ލިޔެފައިވާ ގޮތުގައި މި މާސްކް ރަނުން ހަދާފައި ވީނަމަވެސް ވަރަށް ތުންޏެވެ. އަދި އޭގައި ކުދިކުދި ލޯވަޅުތަކެއް ހުންނާތީ ނޭވާ ލާކަށް އުނދަގުލެއް ނުވެ އެވެ. ނަމަވެސް ކޮރޯނާވައިރަހުން ދިފާއުވުމަށް މި މާސްކް އެހާ ރަނގަޅުވާނެ ކަމަކަށް ޔަގީނެއް ނޫނެވެ.
މި މީހާ މާސްކް އަޅައިގެން ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމައެކު ގިނަ ބަޔެއްގެ ސަމާލުކަން ލިބި ވަރަށް މަޖާ ކޮމެންޓްތައް ބައެއް މީހުން ކޮށްފައި ވެއެވެ.
އެކެއްގެ ކޮމެންޓުގައި ސުވާލު ކޮށްފައިވަނީ ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް މާސްކަކަށް މިހާ ގިނަ ފައިސާ ޚަރަދުކޮށްލީ ހަމަ އަސްލު މީހެއްތޯ އެވެ.
އެހެންމީހަކު ބުނެފައިވަނީ ދެއްކުންތެރިކަމުގައި މި މީހާ ވަނީ ހައްދު ފަހަނައަޅާފައި ކަމަށެވެ. ބަލިމަޑުކަމެއްގެ ސަބަބުން ދުނިޔޭގެ ގިނަ ބަޔަކު ވަރަށް ހާލުގައި އުޅޭއިރު މި މީހާއަށް މުހިއްމުވީ އަމިއްލަ އަށް ފައިދާއެއް ނެތް މާސްކް އަޅަން ކަމަށް ވެސް އެމީހާގެ ކޮމެންޓުގައި ބުނެފައި ވެއެވެ.