ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ދެ ފަހަރަށް ކޮވިޑް ނެގެޓިވް ކަމަށް ދެއްކި ޒުވާން ޑޮކްޓަރެއް މަރުވެއްޖެ

Jul 5, 2020

ޒުވާން ޑޮކްޓަރަށް އޭނާގެ ކިބައިން ފެންނަމުންދާ ނިޝާންތަކަކީ ކޮވިޑް-19 ކަން ޔަގީނާ ގާތަށް އެނގުނެވެ. ނަމަވެސް ދެ ފަހަރަށް ކުރި ޓެސްޓު ވެސް ދެއްކި ނެގެޓިވް ކޮށެވެ.

"އަހަރެންނަށް ނޭވާ ލާން ވަރަށް އުނދަގޫ އެބަވޭ. އަހަރެންނަށް އިހްސާސް ކުރެވެމުންދާ ބަލީގެ އަލާމާތްތަކަކީ ކޮރޯނާގެ އަލާމާތްތައް. އެހެންވެ އަހަރެން ކޮވިޑް-19 އަށް ޕޮޒިޓިވް ވާނެކަން 100 ޕަސެންޓް ޔަގީން،" ޑރ. އަބީޝެކް ބަޔާނާ އޭނާގެ ބޭބެ އަމަން ކައިރީގައި ބުނެފައި ވެއެވެ.

ނަމަވެސް ކޮވިޑް-19 އަށް ދެ ފަހަރު ޓެސްޓް ކުރިއިރު ވެސް އޭނާގެ ނަތީޖާ ދެއްކީ ނެގެޓިވް ކަމަށެވެ. އުމުރުން އެންމެ 26 އަހަރުގެ ޒުވާން ޑޮކްޓަރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކޮވިޑް-19 ޖެހި މި ދުނިޔެ ދޫކޮށްފަ އެވެ. އޭނާ މަރުވީ ނޭވާ ލާން އުނދަގޫ ވެގެންނެވެ.

ދިއްލީގެ މައުލާނާ އާޒާދު އިންސްޓިޓިއުޓް ފޯ ޑެންޓަލް ސައިންސަސްގެ އޯރަލް ސާޖަރީ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ދަތުގެ އޮޕަރޭޝަންތަކަށް ޚާއްސަ މި ޑޮކްޓަރަކީ ޑޮކްޓަރީ ކަމުގެ އިމްތިހާނުގައި މުޅި އިންޑިޔާއިން ވަރަށް މަތީ ވަނައެއްގައި ފާސްވެފައިވާ ވަރަށް ހުނަރުވެރި ކުޅަދާނަ ޑޮކްޓަރެކެވެ.

ޑރ. އަބީޝެކްގެ އާއިލާއިން އޭނާގެ ޖަނާޒާގެ ކަންތައްތައް ހުކުރު ދުވަހު ފުރިހަމަ ކޮށްފައިވީ ނަމަވެސް ޒުވާން އަދި ޖޯޝުން ފުރިފައިވާ ހުނަރުވެރި ޑޮކްޓަރުގެ ކުއްލި މަރުން މުޅި އާއިލާއަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ.

އޭނާގެ އެކުވެރިންނާއި އެކުގައި މަސައްކަތްކުރާ އެންމެން ވެސް ތިބީ ޝޮކްގަ އެވެ. އިންތިހާއަށް ޕޮޒިޓިވް އެނާޖީ އާއެކު މަސައްކަތްކުރި މި ޑޮކްޓަރަކީ އެފަދަ ދެ ވަނަ އެއް ނެތް މޮޅު އަދި އެހާމެ ހިތްހެޔޮ ރަނގަޅު އިންސާނަކަށް ވީތި އެވެ. އަދި އެފަދަ ދެ ވަނަ ޑޮކްޓަރެއް އެމީހުންނަށް ލިބިދާނެ ކަމަކަށް ވެސް އެމީހުން ގަބޫލެއް ނުކުރެ އެވެ.

ސީނިއާ ޑޮކްޓަރަކު ބުނި ގޮތުގައި ޑރ. އަބީޝެކް އަކީ ވަރަށް މުރާލި އެހާމެ ބުރަކޮށް މަސައްކަތްކުރާ މޮޅު ޑޮކްޓަރެކެވެ. ކޮވިޑް-19 އިގެ އަލާމާތްތައް އޭނާގެ ކިބައިން ފެނުނު ނަމަވެސް ދެ ފަހަރަށް ޓެސްޓް ކުރުމުން ވެސް ނެގެޓިވްވެފައި ވަނިކޮށް ބަލި މާ ބޮޑުވަރުވެ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިފައި ކަމަށް ސީނިއާ ޑޮކްޓަރު ބުންޏެވެ.

ޑރ. އަބީޝެކްގެ ބޭބެ އަމަން ބުނި ގޮތުގައި ބުރާސްފަތި ހެނދުނު އޭނާ ވަރަށް ބޮޑަށް ބޯ އަނބުރާތީ އުޅުނެވެ. އޭގެ ކުރިއަކުން މާބޮޑަކަށް ބައްޔެއް ނޫނެވެ.

އަމަން ބުނި ގޮތުގައި ކޮވިޑް-19ގެ އަލާމާތްތައް ޑރ. އަބީޝެކްގެ ކިބައިން ފެންނަމުންދާތާ 10 ވަރަކަށް ދުވަސް ވެއްޖެ އެވެ. އެ ދުވަސްވަރު އޭނާ އުޅުނީ ކަރުގައި ރިއްސާތީ އާއި ކެއްސާ ވަރުންނެވެ.

"އަހަރެމެން ސްޕެޝަލިސްޓަކަށް ދައްކައިގެން މޭގެ އެކްސްރޭ އެއްވެސް ނެގިން. ސްޕެޝަލިސްޓު ބުނީ މޭގައި އިންފެކްޝަން ހުރި ކަމަށް. އަހަރެމެން ވެސް ހީކުރީ އެއީ ހަމަ އާދައިގެ ހުމުގެ ރޯގާއެއް ކަމަށް. ނަމަވެސް ކޮއްކޮ އޭރު ވެސް އެބަ ބުނޭ އޭނާގެ ކިބައިން ފެންނަނީ ކޮވިޑް-19ގެ ނިޝާންތަކޭ. ޔަގީނޭ އެ ބަލިކަން. އަދި ނޭވާ ލާން އުނދަގޫވަނީ ވެސް މޭގެ އިންފެކްޝަނަކުން ނޫނޭ އޭނަ ބުނަމުންދިޔަ،" ޑރ. އަބީޝެކްގެ ބޭބެ އަމަން ބުންޏެވެ.

ޑރ. އަބީޝެކްގެ ހާލު ބޮޑުވީ ބުރާސްފަތި ދުވަހު އެވެ. ވަގުތުން އޭނާ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް ހޮސްޕިޓަލުގައި ފަރުވާ ދޭން ފެށިތާ މާ ގިނައިރެއް ނުވެ އޭނާ މަރުވީ އެވެ. އަމަން ބުނި ގޮތުގައި ކޮއްކޮ މާ ބޮޑަށް ބަލިވެގެން އެންމެ ދުވަހެއް ވެސް ނުވެ އެވެ. އޭގެ ކުރިން ކެއްސާ ހެދި ނަމަވެސް އޭނާ ހުރީ ހަމަ ފިޓްކޮށެވެ. ވީމާ ކޮއްކޮގެ މަރުން އާއިލާއަށް ލިބުނު ޝޮކް އެހާ ބޮޑުވީ އެވެ.