ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަކީ ވަރަށް އާދަޔާ ހިލާފު ލީޑާޝިޕް ބޭފުޅެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އެކަމަނާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ. މިނިސްޓަރު މާރިޔާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސިފައިންނާ މިރޭ ބައްދަލްކުރައްވާފައެވެ. މި ބައްދަލްވުމަކީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގައި ސިފައިންގެ ދައުރު ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ބޭއްވެވި ބައްދަލްވުމެކެވެ.
ރައީސް ވިދާޅުވީ މިނިސްޓަރު މާރިޔާއަކީ ވަރަށް ހިންގުންތެރި ބޭފުޅެއް ކަމަށެވެ. އެންއީއޯސީގެ ޗެއާޕާސަންއެއްގެ ހައިސިއްޔަތުން އެކަމަނާ ކުރެއްވި މަސައްކަތްތަކަށް ރައީސް ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ.
"މިނިސްޓަރު މާރިޔާއަކީ ވަރަށް އާދަޔާ ހިލާފު ލީޑާޝިޕް ބޭފުޅެއް. ވަރަށް ގިނަ އަދަދެއްގެ އިދާރާތައް ހިމެނޭހެން އަޅުގަނޑު އެކުލަވާލި ނެޝަނަލް އިމަޖަންސީ އޮަޕަރޭޝަން ސެންޓަރުގެ ޗެއާޕާސަންއެއްގެ ހައިސިއްޔަތުން ކޮވިޑް-19ގެ އެންމެހާ ކަންކަން ވިލަރެސް ކުރެއްުވުމުގައި އެކަމަނާގެ ލީޑާޝިޕްގެ ހަރުދަނާކަން ސާބިތުކޮށްދެއްވައިފި،"
ރައީސް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ސިފައިންގެ ދައުރު ވަރަށް ބޮޑު ކަމަށާ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިންމުން ކަމަށެވެ. އަދި މެޑިކަލް ފެސިލީޓީތައް ބެލެހެއްޓުމާއި، ބަލި މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ސިފައިން ކޮށްފައިވަނީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކަމަށެވެ.
"ތިޔަ ބޭފުޅުންގެ ހިދުމަތް މުޅި ގައުމު ބަލައިގަންނަނާނެ. ދިވެހި ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި، އަދި ރައްޔިތުންނަށް މެދުވެރިވާ ދަތި ކޮންމެ ހާލަތެއްގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ދިފާއުގައި އެންމެ ފުރަތަމަ ތެދުވާނެ ބަޔަކީ ދިވެހި ސިފައިން،" ސިފައިންނަށް ތައުރީފު ކުރައްވާ ރައީސް ވިދާޅުވިއެވެ.
ކޮވިޑާ ދެކޮޅަށް ކުރެވުނު މަސައްކަތުގައި ސިފައިން ދެއްކީ ނަމޫނާއެއް ކަމަށާ ސިފައިންގެ މަސައްކަތުން ފެށުނީ ސިފައިންގެ ސަފުތަކުގެ ބަދަހިކަމާއި ކެތްތެރިކަން ކަމަށެވެ.
"އަޅުގަނޑުމެން މި ރާއްޖެ ތަރައްގީކުރުމައިގެން ކުރިއަށްމިދަނީ މި ގައުމުގެ ދިފާއީ މައިތަނބަކީ ދިވެހި އަސްކަރިއްޔާ ކަމުގައި ބަލައިގެން."